ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ފުރާވަޑައިގެންނެވީ ސަރުކާރުގެ ރޭވުމެެއްގެ ތެރެއިން ކަމަށް ތުހުމަތުކޮށްފި އެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަަށް ނެރެފައިވާ އަމުރު ބާތިލު ކުރުމުން އޭނާ މިއަދު ވަނީ ރާއްޖެއިން ފުރައިފަ އެވެ. އަލީ ވަހީދު ފުރައިގެން ދިޔައިރު އޭނާގެ މައްސަލަ މިހާރު އޮތީ ކްރިމިނަލް ކޯޓުގަ އެވެ.
މިއަދު މަޖިލީހުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިހާރުގެ ސަރުކާރަށް ކުރަން އެނގޭހާވެސް ކަަމަކީ ޖިންސީ ފުރައްސާރަ ކުރުމާއި ވައްކަން ކުރުން ކަމަށެވެ. އަދި ޖިންސީ ފުރައްސާރަ ކުރާ މީހުންނާއި ވައްކަން ކުރާ މީހުން މި ސަރުކާރުން ފޮރުވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
" އެމްޑީޕީގެ ސަރުކާރެއްް މިއީ. ޖިންސީ ފުރައްސާރަ ކުރާ މީހާ ސީއައިޕީން ޓިކެޓް ނަގައިގެން ސީއައިޕީގެ ހިދުމަތާއެކު އެ ގުރަނީ. ޕާސްޕޯޓް ހިފެހެއްޓޭތަނެއް ނުފެނޭ. އެކަމަކު ކުދިކުދި ކުށްކޮށްގެން އުޅޭ މީސްމީހުންގެ ޕާސްޕޯޓާ އެއްްޗެތި އެބަ ހިފެހެއްޓޭ. އެމީހުންނަކަށް ފުރައިގެނެއް ނުދެވޭ. ޖިންސީ ފުރައްސާކުރާ ދިވެހި ދައުލަތުގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުން އެދަނީ ފުރަފުރައިގެން ހިތުން ރައްޔިތުންނަށް ނޭނގޭނެ ކަމަށް. ޖިންސީ ފުރައްސާރަ ކުރާ މީހުން މިތިބެނީ ރާއްޖޭގެ އެންމެ މަތީ އޮފީހުގައި" ޝިޔާމް ވިދާޅުވި އެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލައެއް އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރެއްގެ ފިރިކަލުންނަށާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކެޓްރީ ހަސަން އިސްމާއިލްއަށް ވެސް މީގެ ކުރިން ވަނީ ކުރެވިފައެވެ. ނަމަވެސް ހަސަން ފަހުން ވަނީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ސަފާރީ "ރޭޕް ކޭސް"ގެ މައްސަލައަށް ސަރުކާރުން ނުފޫޒް ފޯރުވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.