ހުސައިން ޝަމީމް

އަލީ ވަހީދު ފުރުވާލި މައްސަލައިގައި ޝަމީމް މަޖިލީހަށް ހާޒިރުކުރަނީ

ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ޝަރީއަތް ހިންގަމުން ދަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރައިގެން ދިޔަ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ނިންމައިފި އެވެ.

އަލީ ވަހީދު ރާއްޖެއިން ފުރައިގެން ދިޔައީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުުރުމުން ނެވެ. އެ މައްސަލައިގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާއި ކްރިމިނަލް ކޯޓުން ދައްކާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރުމުން އެކަން އެތައް ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.

މިއަދު ބޭއްވި ޖުޑީޝިއަރީ ކޮމެޓީގައި އެ ހާދިސާ ހިނގި ގޮތާ ގުޅޭ ގޮތުން ޕީޖީ ޝަމީމް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހަަތަރު މެމްބަރަކު ހުށަހެޅުއްވި އެވެ. އެ މެމްބަރުންގެ ތެރޭގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އެވެ.

އަލީ ވަހީދު ފުރުވާލި ހާދިސާއާ ގުޅިގެން ޕީޖީއިން ބުނީ އެކަން ހިނގައި ދިޔައީ އެންމެ ރަނގަޅަށް ނޫން ކަަމަށެވެ. އަދި ޕާސްޕޯޓު ދޫކޮށްލި އަމުރު އިސްތިއުނާފް ކުރުމުގެ ކުރިން އަލީ ވަހީދު ފުރައިގެން ދިޔަ ކަމަށް ޕީޖީން ކުރިން ބުންޏެެވެ. އެ އަމުރު މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ.

އަލީ ވަހީދު ފުރާވަޑައިގެންނެވީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. ނަމަވެސް އަލީ ފުރާވަޑައިގެންނެވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރުމުގެ ކުރިން ކަމާމެދުވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ. އެ މައްސަލައިގައި އިމިގްރޭޝަނުން ބުނީ އުސޫލާ ހިލާފަށް ޕާސްޕޯޓް ދޫކޮށްފައި ނުވާނެ ކަަމަށެވެ.

ޝަމީމް ހާޒިރުކޮށް ސުވާލުކުރަން ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ. މިއީ މަޖިލީހަށް މިމަހު ޝަމީމް ހާޒިރުކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން މިމަހު ޝަމީމް ހާޒިރު ކުރީ 149 ކިލޯގެ މަސްތުވާތަކެތިގެ މައްސަލާގައި ދައުވާ ކުރި މީހުންގެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ސުވާލުކުރުމަށެވެ.