ދިޔާނާ ސައީދު

"ގާނޫނަކީ ބޮޑެތި ބޭފުޅުންގެ މައްޗަށް ހިނގާ އެއްޗެއް ނޫން"

ކަމަކަށް ހާއްސަ ގާނޫނެއް ހަދާފައި އޮތް ނަމަވެސް އެ ގާނޫނަކީ ހަަމައެކަނި ބޮޑެތި ވަޒީފާތައް އަދާ ކުރައްވާއަދި މަތީ ފަންތީގެ ބޮޑެތި ބޭފުޅުންނަށް އެކަނި ހާއްސަވެފައި އޮންނަ ގާނޫނަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ މިގޮތަށް ވާހަކަފުޅު ދެއްކެވީ ކުއްލި ގޮތަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން އޭނާ ރާއްޖެއިން ބޭރަށް ފުރާވަޑައިގަތް ހަބަރަށް އިޝާރާތް ކުރައްވަ އެވެ.

ދިޔާނާ ވިދާޅުވީ ރާއްޖޭގައި ގާނޫނުތައް ހިންގަަނީ އާދައިގެ ރައްޔިތުން ދަންމަޅި ޖަންސަން ކަމަށާއި އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ މިނިސްޓަރު އަލީ ވަހީދުމެން ފަދަ ބޭފުޅުންގެ މައްޗަށް އޮތް ހިނގާ އެއްޗެއް ނޫން ކަމަށެވެ.

"މިތަނުގެ އެބުނާ ގާނޫނެއް އޮތީ ރައްޔިތުން ދަންމަޅި ޖެއްސުމަށް. މިއީ އަދިބުމެން އަލީ ވަހީދުމެން ފަދަ ބޮޑެތި ބޭފުޅުންގެ މައްޗަށް އޮތް އެއްޗެއް ނޫން" ދިޔާނާ ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ ހިމެނޭ ގޮތަށް ސީރިއަސް ގިނަ ދައުވާތަކެއް އުފުލާފައި ވަނިކޮށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރުމުން އޭނާ ވަނީ ފުރައިގެން ގޮސްފަ އެވެ. އަދި ސީރިއަސް ގިނަ ތުހުމަތުތައް އޮތް އަހުމަދު އަދީބާއި ސަރުކަރާއެކު އެއްބަސްވުމެއް ހަދައި ދެފަރާތް ބޭނުންވާ ހުކުމެއް ކޮށް އަދީބު ވަނީ ގޭގައި ބަހައްޓާފަ އެވެ.