ކޮވިޑް-19 އާއި ދެކޮޅަށް ބޭނުންކުރާ ވެކްސިންގެ އިތުރު 5000 ޑޯޒް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވިދާޅުވީ، މިއަދު 5000 ޑޯޒް ލިބިފައިވާއިރު މިމަހުގެ ތެރޭގައި އިތުރު 100،000 ޑޯޒް ރާއްޖެ ގެންނާނެ ކަމަށެވެ. އަދި އިތުރު ގައުމުތަކާއި އެކީ ވެކްސިންގެ ކަންކަމާ މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ޖަހަމުން ދަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގެ އެކްސްޓްރާޒެނެކާ ވެކްސިން އެވެ. މިދިޔަ ޖެނުވަރީ މަހުގެ 20 ވަނަ ދުވަހު ކޮވިޝީލްޑުގެ 100،000 ޑޯޒް ވަނީ ރާއްޖެ ގެނެސްފަ އެވެ.
ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އިންޑިއާއިން ހަދިޔާކުރި ވެކްސިން 50،000 މީހުންގެ ގަޔަށް ޖެހޭނެ ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފަ އެވެ. މިހާތަނަށް ރާއްޖޭގައި 17،000 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ ކޮވިޑް ވެކްސިން ޖަހާފަ އެވެ.
މީގެ އިތުރުން ޗައިނާ ސަރުކާރުންވެސް ވަނީ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކުރާނެ ކަމަށް އިއުލާނުކޮށްފައެވެ.