ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ބޫސްޓާ ޑޯޒް ނުޖަހާ މީހުންނަށް ލުއި ނުދޭން މަޝްވަރާކުރަނީ

ކޮވިޑް-19 އިން ދިފާއު ވުމަށް ފަށައިފައިވާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ބޫސްޓާ ޑޯޒް -- ތިން ވަނަ ޑޯޒް -- ނުޖަހާ މީހުންނަށް ލުއި ނުދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ބޫސްޓާ ޑޯޒް ޖެހޭނެ އިންތިޒާމްތައް ހަމަޖައްސައި، އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކޮށްދީފައިވީ ނަމަވެސް އެކަށީގެންވާ މިންވަރަށް މީހުން އެ ވެކްސިން ޖަހަން ނުދާ ކަމަށެވެ. އެހެންކަމުން ތިން ވަނަ ޑޯޒް ނުޖަހާ މީހުންނަށް ހުރި ލުއިތައް އުނި ކުރުމަށް މިހާރު ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ވެކްސިންގެ ދެ ޑޯސް ފުރިހަމަ ކޮށްފައިވާ މީހުން، ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ މަތި ރަށަކުން ދަތުރުކުރާނަމަ އެހެން ރަށަކަށް ދެވެނީ ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކީ އެވެ. ވެކްސިން ނުޖަހާ މީހުންނަށް އޮތް އުސޫލަކީ އެހެން ރަށަކަށް ގޮސް ކަރަންޓީނު ވުމެވެ. މިފަދަ ފިޔަވަޅުތައް ބޫސްޓާ ޑޯޒް ނުޖަހާ މީހުންނާމެދު އެޅުމަށް މަޝްވަރާ ކުރަމުން އަން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"އެ ޑޯޒް ނުޖަހަންޏާ އަނެއްކާވެސް އަންވެކްސިނޭޓެޑް އާބާދީއެއް އޮންނާނީ. އެހެންވީމަ އެމީހުން ވެކްސިން ޖަހަން ކޮލިފައިވެފައި ނުޖަހަންޏާ އެ މީހުންނަށް ލުއި ނުދޭން މަޝްވަރާ ކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

ވެކްސިންގެ ދެ ޑޯޒް ހަމަ ނުކުރާ މީހުންނަށް ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްޓް ވުމުން ކަރަންޓީނުވާން ޖެހޭ މުއްދަތަކީ ކުރިން ވެސް އޮންނަ މުއްދަތެވެ. އެކަމަކު ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުން ޕޮޒިޓްވެއްޖެ ނަމަ ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، އެމީހަކު ޕޮޒިޓިވް ސާމްޕަލް ނަގާ ތާރީހުން ފެށިގެން ކަރަންޓީނުވާން ޖެހޭނީ ހަތް ދުވަހުގެ މުއްދަތަށެވެ.

އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ކޮންޓެކްޓުން ކަރަންޓީނު ވާން ޖެހޭނީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަތަށެވެ. އަށާރަ އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޑޯޒް މިހާރު ޖެހޭނެ އެވެ.