ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު ސައީދު

"ކޮވިޑްގެ ނަމުގައި ކުރި ބޮޑު ހަރަދުން ނަތީޖާ ސުމެއް"

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން ބޮޑެތި އަދަދުތަކުން ހޭދަކޮށްފައިވާއިރު އެކަމުން ނިކުތް ނަތީޖާއެއް ނެތް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ ހޭދަ ދެ ބިލިއަން ފަހަނައަޅާގޮސްފައިވާއިރު ހަރަދު ކުރެވޭ ގޮތާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި "ވީކްލީ ކޮވިޑް-19 ސްޕެންޑިން ރިޕޯޓް" ގައިވާ ގޮތުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެންޑީއެމްއޭ އިންނެވެ. އެ ވުޒާރާގެ ބަޖެޓުން 867.9 މިލިއަން ރުފިޔާ ހޭދަ ކުރިއިރު ހެލްތް މިނިސްޓްރީން 299.6 މިލިއަން ރުފިޔާ އަދި އައިޖީއެމްއެޗުން 89.1 މިލިއަން ރުފިޔާގެ ހޭދައެއް ވަނީ ކޮށްފަ އެވެ. މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް 42.8 މިލިއަން ރުފިޔާ އަދި ނޭޝަނަލް ޕްލޭނިން މިނިސްޓްރީ އަށް 37.3 މިލިއަން ރުފިޔާ ހޭދަކުރިއިރު، ފުލުހުންނަށް 31.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އެންޑީއެމްއޭއިން ކޮށްފައިވާ ހަރަދުތަކާއި ގުޅޭގޮތުން ޕީއެންސީގެ ނާއިިބު ރައީސްކަން ވެސް ކުރައްވާ މުހައްމަދު ސައީދު ވިދާޅުވީ އެ ފައިސާއަކީ ގާތްގަނޑަކަށް 500-600 އާއިލާގެ ބޯހިޔާވަހި ކަމަށް ހިނގާނެ ހަރަދު ކަމަށެވެ. ސަރުކާރުގެ އެންމެ އޮފީހަކު ކޮވިޑްގެ ނަމުގައި މިހާ ބޮޑު ހޭދައެއް ކުރިއިރު ނަތީޖާ ސުމެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މިހާތަނަށް ކޮވިޑް-19 ބަލިން ރައްކާތެރިވުމަށްޓަކައި ބޭނުންވާ މެޝިނަރީ އާއި ތަކެތި ގެންނަން 578.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ކެޕިޓަލް ރިކުއައިމަންޓަށް 200.3 މިލިއަން ރުފިޔާ ހޭދަކުރިރު، އޮޕަރޭޝަނަލް ސާވިސަސް އަށް 185.3 މިލިއަން އަދި ސަބްސިޑީ އާއި އެހީގެ ގޮތުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް 122.8 މިލިއަން ރުފިޔާ ދީފައިވެ އެވެ.

ކޮވިޑް-19 ސްޕެންޑިން ރިޕޯޓުގައިވާ ގޮތުން މިހާތަނަށް ހެލްތް ސްޕެންޑިންގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އަދި އިކޮނޮމިކް ސްޕެންޑިންއަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.