ރިޕޯޓް

ނައިބު ރައީސްގެ މަގާމު އުވާލާނީތަ؟

Oct 29, 2015
10

ނައިބު ރައީސްގެ މަގާމަކީ ރާއްޖެއަށް ބޭނުން މަގާމެއްތޯ ރައްޔިތުން ސުވާލު އުފައްދަން ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި އެ މަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރި ކަމަށް ވަޑައިގަތުމުގެކުރިން ރައީސް ނަޝީދާއި އޭރުގެ ނައިބު ރައީސާ ދެބޭފުޅުންގެ ގުޅުން ކެނޑިގެން ދިޔަ ހިސާބުން ފެށުނު ހިސާބަކުން ނޫނެވެ. އެ ވާހަކައިގެ އަޑު ގަދަވީ ވަހީދު ވެރިކަމަށް ވަޑައިގަތުމަކުންވެސް ނޫނެވެ. ރައީސް މުހައްމަދު އަމީންގެ ވެރިކަން ނައިބު ރައީސަކު އިސްވެ ހުންނަވައި އިންގިލާބު ކުރި ހިސާބުން ފެށިގެން އެވާހަކަ އައީ ދެކެވެމުންނެވެ. ފަހުން އައި ވެރިކަންތަކުގައި އެމަގާމް ސީދާ ނައިބު ރައީސުންގެ ގޮތުގައި ޕްރެކްޓިސް ނުކުރީ އެހެންވެގެން ކަމަށް ވެސް ވެދާނެ އެވެ. މުޅިއަކުން ޔަގީނެއް ނޫނެވެ. އެކަމަކު "ވަގުތަށް ވުރެ ކުރީގައި އުޅުއްވާ ކަމަށް" ދުނިޔެ ސިފަ ކުރި ރައީސް ވެރިކަން ނިންމާލުމުން އެކަން ބަހުސަކަށްވި އެވެ. ތާރީހީ ގޮތުން ނިއުޅައިފިއްޔާ މިކަން ސާފުކޮށް ފެންނާނެ އެވެ.

އެންމެ ނައިބު ރައީސެއް ފިޔަވައި ހުރިހާ ނައިބު ރައީސްގެ ފަރާތުން އައި ކަންކަމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެެތެވެ؛ އެއީ ވެދިޔަތަ މަރުވެފައިވާތީ އެވެ. އަދި އެއީ އެންމެނަށް އެނގި ތަޖުރިބާ ކުރެވިފައިވާ ކަމަކަށްވާތީ އެވެ. ރާއްޖޭގައި ނައިބު ރައީސްގެ މަގާމު ވަރަށް ގިނަ އާންމުންނަށް މިހާރު ވަރަށް ބޮޑު ޖޯކަކަށް ވެގެން އުޅެނީ ވެސް އެހެންވެގެނެވެ. އަނެއްބައި މީހުންނަށް އެއީ އެއީ އެއްވެސް ބޭނުމެއް ނެތް، އަދި އޭގެ ސަބަބުން ކައިރި ކައިރީގައި ރާއްޖޭގެ ވެރިކަމުގެ ބާރުތަކުގެ ތެރޭގައި ސްޓެބިލިޓީ ގެއްލި އޭގެ ނުރައްކާތެރި ރައްޔިތުންނަށް ސީދާ ގޮތުން ކުރާ މަގާމަކަށްވީ ވެސް އެހެންވެ އެވެ. އަދި އެހެން ބައެއް މީހުން އެއީ އުވާލަންޖެހޭ މަގާމެކޭ ރައީސަށް ނައިބު ރައީސް އެޕޮއިންޓްކުރެވޭ ގޮތަށް ހަދައި ބޭނުން އިރަކު ކަނޑައި ފޮނުވާލެވޭ މަގާމަކަށް ހަދަންވީއޭ ބުނަނީވެސް އެހެންވެގެނެވެ.

"ހަގީގަތުގައި އިބްރާހިމް މުހައްމަދުދީދި [ރައީސް އަމީންގެ ނައިބު] ފިޔަވައި އެހެން ނައިބު ރައީސުންގެ މައްސަލަ ރާއްޖޭގައި މި ދިމާވީ ސަބަބެއް އޮވެގެން. އެއީ ރާއްޖޭގެ ސިޔާސީ ވާދަވެރި ކަން އޮތް ގޮތާއި ސިޔާސީ ކޭމްޕްތަކުގައި ލީޑަރުން އެތުރިފައި ތިބި ގޮތުން އަންނަ ކަމެއް. އެ ތަރުތީބުގެ ތެރެއިން ރައީސް ކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ރަނިންމޭޓުންނަށް އިހްތިޔާރު ކުރައްވާ އަދި ކުރައްވަންވެސް ޖެހިވަޑައިގަންނަވާ ބޭފުޅުންގެ ގޮތުން މި ގޮތް މެދުވެރިވަނީ،" ސިޔާސީ މައިދާނުގައި ވެސް އުޅުއްވެވި މިހާރު އެކަހެރިވެ ވަޑައިގެން ވިޔަފާރީގެ ތެރޭގައި ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ.

މިއީ އޭނާ ދިން މިސާލެކެެ؛ ރައީސް މުހައްމަދު ނަޝީދު އެ މަނިކުފާނުގެ ރަނިންމޭޓަކަށް ނެންގެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެމަނިކުފާނަކީ ރައީސް ނަޝީދަށްވުރެ މާ ކުރިން ވެރިކަމަށް ވަޑައިގަތުމުގެ އުންމީދުގައި ހުންނެވި އެކަމަށް މަސައްކަތް ކުރައްވަމުން އައި ބޭފުޅެކެވެ. ހަމަ އެހެންމެ ރައީސް މައުމޫން އެމަނިކުފާނުގެ ރަނިން މޭޓަކަށް ލެއްވި އަހުމަދު ތަސްމީން އަލީއަކީ ވެސް ވެރިކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަމުގައި ކޯޓް ހެޔޮވަރު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ހަމައެހެންމެ ރައީސް ޔާމީން އެމަނިކުފާނުގެ ރަނިންމޭޓަކަށް ހެއްދެވި ޑރ. މުހައްމަދު ޖަމީލް އަހުމަދަކީވެސް ވެރި ކަމުގެ ނިޔަތް ގަނެގެން ދުރާލާ ރާވައިގެން ހުންނެވި ބޭފުޅެކެވެ. މި ބޭބޭފުޅުންގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވުނީ ރައީސް ނަޝީދާއި ރައީސް ޔާމީނަށެވެ. މި ދެބޭފުޅުންގެ ނައިބު ރައީސުން ވެސް ދައުރުގެ ފުރަތަމަ ހިސާބުން ފެށިގެން ކުނިޖެހި ވެރި ކަމަށް ވަޑައިގަތުމުގެ މަސައްކަތް އޮތީ ފައްޓަވާފަ އެވެ އެކަން އެންމެ ބޮޑަށް އިހުސާސް ކުރެވުުނު ބޭފުޅަކީ ރައީސް ނަޝީދެވެ. ދެވަނަ ފަހަރު 2013 ގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް ޑރ. މުސްތޮފާ ލުތުފީ ލެއްވީ އެހެންވެގެނެވެ.

--މީހުން ލުތުފީ ސިފަ ކުރާ ގޮތް އަލެއް ނުވާނެ އެވެ.--

"އެފަދަ ބޭފުޅުން ރަނިންމޭޓުންނަށް ނަގަންޖެހޭ ސަބަބެއް ވެސް އޮންނަނީ. އެއީ އެފަދަ ގިނަ ބޭފުޅުންނަކީ އިންތިހާބެއްގައި ފައިސާ ހަރަދު ކުރާނެ ގޮތްތައް ހުންނަ ސިޔާސީ ގޮތުން ވޯޓް ހޯދޭ އަދި ސިޔާސީ މައިދާނުގައި މަޝްހޫރުކަމާ މަގުބޫލުކަން ހޯއްދެވިދާނެ ދޫވެސް ފަސޭހަ ބޭފުޅުންނަށްވުން. ތަރުތީބުގެ އެނޫން ދިމާއަކުން މީހަކު ނަގައިފިއްޔާ އިންތިހާބެއް ކާމިޔާބު ކުރާއްޖޭގައި ދަތިވަނީ. އޭގެ ނަތީޖާއަކީ އެއިން ކޮންމެ ބޭފުޅަކު ނައިބު ރައީސަކަށް ވެވަޑައިގަންނަ އިރުވެސް އެއީ ރައީސެއްގެ ހުވަފެނުގައި ހުންނެވި ބޭފުޅަކަށްވެފައި ރައީސް ކަމުގެ ގޮނޑިއާ ފޫޓަކަށް ކައިރިއަށް ދެވުމން ގާނޫނުއަސާސީގެ ޖަދުވަލު އެކެއް ދެވަނަ ނަމްބަރުގައި އޮންނަ ހުވާގެ މަތިން ހަނދާނެތި 'މީހަކު މަރައިގެން' ނަމަވެސް ޖެހިގެން ހުންނަ ރައީސްގެ ގޮނޑީކޮޅުގައި އިށީނދެވަޑައިގެންނެވުމަށް ބޭނުންވަނީ، އެ މަންޒަރު މިހާތަނަށް މިފެނުނީ ވަހިއްދީނު ފިޔަވައި،" އޭނާ ވިދާޅުވި އެވެ.

ނައިބު ރައީސްގެ ހުވާ

"އަހުރެން ... މީހާގެ ނަން ... އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި ދިވެހި ގައުމަށް އިހުލާސްތެރިވުމަށާއި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުން މަތީ ދެމި ހުރުމަށް މާތްﷲ ގަންދީ ހުވާ ކުރަމެވެ"

ގާނޫނުއަސީ ބުނެދެނީ ކީކޭ؟

ރައީސާއި ނައިބުރައީސާ ގުޅޭ ވަރަށް ގިނަ މާއްދާތައް ގާނޫނު އަސާސީގައި އެބަހުއްޓެވެ. ވަރަށް މަދު ދިމާއަކުން ނޫނީ ހުރިހާ ދިމާއަކުން ވެސް އެ މާއްދާތައް ހުރީ ވަރަށް ސާފުކޮށް ފުރިހަމައަށެވެ. ހަގީގަތުގައި މި މައްސަލައަކީ ގާނޫނުއަސާސީގައި ކަން "އޮއްގޮށް" ގޯސްވެގެން ނުކުމެގެން އުޅޭ މައްސަލައެއް ނޫނެވެ.

ގާނޫނު އަސާސީގެ 112 ވަނަ މާއްދާގެ އަކުރު (ހ) ގައި ބުނަނީ ރައީސުލް ޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދޭން ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު ހުންނަންވާނެ ކަމަށެވެ. އެ މާއްދާގެ (ށ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ ކޮންމެ މީހަކު އޭނާއާއެކުގައި ނައިބަަކަށް ހުންނާނެ މީހަކު އާންމުކޮށް އިއުލާން ކުރަންވާނެ ކަމަށެވެ. އެ މާއްދާގެ (ނ) ގައި ބަޔާންކޮށްދެނީ ނައިބު ރައީސްގެ ޝަރުތެކެވެ. އެ ޝަރުތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ވެސް ހަމަވާންޖެހޭ ޝަރުތެވެ.

ގާނޫނުއަސާސީގެ 112 ވަނަ މާއްދާއިން އެންމެ މުހިންމު ވާހަކަ ބުނެދެނީ އެ މާއްދާގެ އަކުރު (ރ) އެވެ. އޭގައި ބުނަނީ އެއްވެސް ސަބަބަކާ ހުރެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާގެ އެ މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ ނައިބު ރައީސް ކަމަށެވެ.
ގާނޫނު އަސާސީގެ 117 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްުޔާގެ ނައިބާ ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރާ ކަންކަން ނައިބު ރައީސް ކުރަންވާނެ ކަމަށެވެ. މާއްދާގެ (ށ) ގައި ބުނަނީ އެއްވެސް ސަބަބަކާ ހުރެ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް އުޒުރުވެރިވެއްޖެ ނަމަ ރައީސްގެ މަސްއޫލިއްޔަތުތައް އަދާ ކުރައްވާނީ ނައިބު ކަމަށެވެ.

ނައިބު ރައީސެއްގެ މަގާމު ހުސްވެއްޖެ ނަމަ ކަން ކުރާންވީ ގޮތް ބަޔާންކޮށްދެނީ ގާނޫނު އަސާސީގެ 122 ވަނަ މާއްދާގައެވެ. އެ މާއްދާގައި ބަޔާން ކުރާ ގޮތަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާއަކާއެކު އިންތިހާބުވެ ވަޑައިގަންނަވާ ނައިބެއްގެ މަގާމު ގެއްލުމަށްފަހު ދެން އައްޔަންކުރާ ކުރާ ނައިބު ރައީސެއްގ މަގާމު ހުސްވީމާ ކަންތައް ކުރަންވީ ގޮތެއް ސާފެއް ނުވެއެވެ.

މީގެ އިތުރުން 124 ވަނަ މާއްދާކީ ވެސް މި މައްސަލައަށް އަލި އަޅުވައިދޭ މުހންމި މާއްދާ އެކެވެ. އެއީ ރައީސާއި ނައިބު ރައީސްގެ އެއްފަހަރާ ގެއްލިޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެ ބާރު ލިބުމާއި އެ މަޖިލީހުގެ ނައިބުރައީސަށް އެ ބާރުލި ބުމާއި އެނޫން ހާލަތެއްނަމަ މަޖިލީހުން ފާސް ކުރާ ގަރާރަކުން ހޮވާ މަޖިލީހުގެ މެންބަރަކަށް އެ ބާރު ދިނުމުގެ މައްދާ އެވެ. މިއީ އެހާލަތުގެ ތެރޭގައި ކަންދިމާވެދާނެ ގޮތްތަކަށް މަގެއް ކޮށާއިދީފައިވާ މާއްދާއަކަށް ނުވެއެ އެވެ. ސަބަކީ ކޮންމެވެސް ގޮތަކުން މިހާލަތު އައުމުން ނިޒާމު ފުނޑޭތީ އެވެ.

ނައިބު ރައީސް މަގާމަކީ ރާއްޖެއަށް "ފިޓް" ނޫން މަގާމެއް ކަމަށް ވިދާޅުވެ އެންމެ ފަހުން ވާހަކަފުޅު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. މިއީ ކަމެއްގެ ފެށުމުގެ ސިގުނަލަކަށް ވެދާނެ އެވެ. އޭނާއަކީ ސަރުކާރުގައޮ މިވަތު އޮތް ޕާޓީ، ޕީޕީއެމްގެ ޕީޖީ ލީޑަރެވެ. މަޖިލީހުގައި 85 މެންބަރުން ތިއްބަވާއިރު ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަނާއި އެ ދެ ޕާޓީއާ ފިކުރުގެ ގޮތުން އެއްގޮތް ޖޭޕީގެ ޕާލަމެންޓް މެންބަރުންނާއެކު 59 މެންބަރުން އޭނާގެ ލީޑަޝިޕްގެ ދަށަށް ދެއެވެ. މިއީ މަޖިލީޙުގައި ބޮޑު ކަމެއް ނިންމަން ބަލާއިރު ރަނގަޅު މެޖޯރިޓީއެކެވެ. އަދި ނައިބު ރައީސްގެ މަގާމަކީ ރާއްޖެއަށް ބޭނުން ނުވަތަ ނިހާން ވިދާޅުވާ ގޮތަށް ފިޓް ނޫން މަގާމަކަށް ވާނަމަ އެކަން ފުރޮޅައިލުމަށް މި ގްރޫޕަށް ގާނޫނުއަސާސީ ކޮށައިލަން ބޭނުންވާ އަދަދުން ބޮޑު ބައި ހަމަ ކުރެވެ އެވެ.

ނިހާން ވިދާޅުވި ގޮތުގައި ނައިބު ރައީސްގެ މަގާމަކީ ރާއްޖެ އަށް ބޭނުން މަގާމެއްތޯ މިހާރު ވިސްނަންޖެހިއްޖެ އެވެ. އެއީ އެންމެ ރަނގަޅު ވާހަކައެކެވެ. އެ ވާހަކަ ރަނގަޅު ވާހަކައަކީ ކޮންމެ ނައިބު ރައީސަކު އޭނާގެ މަސްއޫލިއްޔަތު ބާއްވާފައި ވެރިކަމަށް އައުމަށް ބޫޓް އޮފުކުރަން ފެށުމުން ކޮންމެ ފަހަރަކު ގައުމުގެ ހަލަބޮލިވެ ތަރުތީބު ގެއްލި ސިޔާސީ އިގްތިސޯދީ އަދި އިޖްތިމާއީ ބޮޑު ފުންގަނޑަށް ގައުމު ވެއްޓިގެންދާތީ އެވެ.

"ރާއްޖޭގައި މިހާރު ނައިބު ރައީސް ކަމުގެ މަގާމުގެ ވާހަކަ ދައްކަން މީހުން ބިރުގަންނަ ހިސާބަށް ކަންކަން ހިނގައްޖެ، ގާނޫނުއަސާސީގައި އޮތް ނައިބު ރައީސް މަގާމުގެ މަހުފޫމަަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށަން ޖެހިއްޖެ،" އޭނާ ވިދާޅުވި އެވެ " ނައިބު ރައީސްގެ މަގާމަކީ ރާއްޖޭގައި މިހާރު މިއޮތް މިނިވަން ޑިމޮކްރެޓިކް ވެއްޓަށް ފިޓް ނޫން މަގާމެއް ކަމާމެދު ސީރިއަސް ސިފައެއްގަ ގަބޫލުކުރެވޭ ހިސާބަށް މިކަން ހިނގައްޖެ،"

މި މައްސަލަ ހައްލު ކުރާނީ ކިހިނެއް ހެއްޔެވެ؟ ގައިމުވެސް ނައިބު ރައީސުންގެ "ބަލިން" ރާއްޖެ ސަލާމަތްވާން އެބަޖެހެ އެވެ. އެހެން ކަމުން މިކަމަށް ކޮންމެވެސް ހައްލެއް ބޭނުންވެ އެވެ.

ވަރަށް ގިނަ މީހުން ބުނަނީ ގާނޫނު އަސާސީގައި ނައިބު ރައީސްގެ ވާހަކަ އޮންނަ އޮތުން ގާނޫނުއަސާސީ ނާގާނީ ނުވަތަ އުވާލާނީ ކަމަށެވެ. އަދި ބައެއް މީހުން ބުނަނީ އެއީ ކޮންމެ ވަގުތެއްގައި ވެސް ރައީސުލްުޖުމްހޫރިއްޔާއަށް ވަކިކޮށް ގެއަށް ފޮނުވާލެވޭ ގޮތަށް އޮންނަ މުތުލަގު ބާރަކަށް ބަދަލުކޮށް އެއީ ރައީސް އައްޔަން ކުރައްވާ ބޭފުޅަކަށް ހަދާނީ އެވެ. މިހާރު އަޑު އިވެނީ ވެސް މި ދެވާހަކަ އެވެ. ހާއްސަކޮށް ޕީޕީއެމަށް ނިސްބަތްވާ މީހުން މިވާހަކަ ގިނައިން ކިޔައެވެ.

މީގެ ތެރެއިން ފުރަމަ ބައި ނަގަމާ ހެއްޔެވެ؟ ނައިބު ރައީސްގެ މަގާމު އުވާލާނީ އެވެ. އެ މަގާމު އުވާލުމުން ގާނޫނު އަސާސީގެ 112 ވަނަ މާއްދާގައި ބުނާ މަހުފޫމް ބޭރުވެގެން ދާނެ އެވެ. އެކަމަކު އޭރަށް ވެސް ގައުމުގެ ގައުމު ހިންގުމާ މީހަކު ހަވާލުވާން ޖެހޭނެ އެވެ. އެ މީހާ ނެރޭނީ ކޮންތާކުން ހެއްޔެވެ؟ އޭރުން ބޭނުން ކުރަންޖެހޭނީ ގާނޫނުއަސާސީގެ 124 ގައި ބަޔާން ކުރާ ހަމަ އެވެ. އެއީ ރައްޔިތުން މަޖިލީހުގެ ރައީސް ބާރުތަކާ ހަވާލުވެ ވަޑައިގަތުމެވެ. އޭނާ ނެތް ނެތްނަމަ މަޖިލީހުގެ ނައިބު ރައީސް އެ ޒިންމާ ނެގުމެވެ. އޭނާ ނެތް ނަމަ ގަރާރެއް ފާސްކޮށް މަޖިލީހުގެ 85 މެންބަރުންގެ ތެރޭ ހޮވާ މެންބަރަކު ގޮނޑީގައި ބައިންދާނީ އެވެ.

ނައިބު ރައީސްގެ މަގާމު އުވާލައިގެން މިހާލަތު އަތުވެއްޖިއްޔާ ކަން ހިނގާފާނެ ގޮތްތަކެއް ވެސް އެބަހުއްޓެވެ. އެއީ އެމީހާއަކީ މަޖިލީހުގެ ރައީސަށްވެފައި އެގްޒެކެޓިވް ބާރުގެ ވެރިޔާއަށްވެ، އޭނާ އަކީ ބޭނުން އިރަކު ސުޕްރީމް ކޯޓާ ކުޅެވޭ މީހަކަށް ވެސް ވުމުން މުޅި ނިޒާމުގެ އަސްލު ސިފަ އާއި ޗެކްއެންްޑް ބެލެންސް ގެއްލިގެން ދާނެ ގޮތްވުމެވެ. މުޅި ދައުލަތް ހަމައިން ނެއްޓޭނެ އެވެ. މީގެ ނަތީޖާއަަކަށް ވަނީ ގައުމު ރޫޅިމ އަނެއްކާވެސް ވަޅުގަނޑެއްގެ ތެރެއަށް ލެޑޭނީ އެވެ.

މި ހާލަތަށް ރާއްޖެ ވެއްޓޭން 2013 ވަނަ އަހަރު ރައީސް ވަހީދުގެ ދައުރު ނިމެން ދިޔަ ވަގުތު ރިޔާސީ އިންތާބު ނުބޭއްވި ލަސްވުމުން ގާތްގަނޑަކަށް ދިޔައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ރައީސް ވަހީދުގެ ދައުރަށް "ކޮންޓިނިއުޓީއެއް" ސައްހަ ކޮށް ދިނުމުން އެ ދަނޑިވަޅު ރޯވަމުން ދިޔަ އަލިފާންގަނޑުގައި ތިން ލައްކަށްވުރެ ގިނަ ދިވެހިން ނުފިހި ސަލާމަތްވީ އެވެ. އެހިނދުކޮޅު ނައީ ކިރިޔާ އެވެ.

ދެވަަނަ ގޮތަކީ ރައީސަކު ވެރިކަމަށް ވަޑައިގަންނަވާނީ މެނިފެސްޓޯއަކަށް ތާއީދު ހޯދައިގެން ރައްޔިތުންނާއެކު ހަދާ ލީގަލް ބައިންޑިންއެއްގެ ދަށުންނެވެ. އެއީ ކޮންސްޓިޓިއުޝަނަލް ކޮންޓްރެކެޓެވެ. ރައީސަށް މަގާމު ގެއްލުނަސް ގާނޫނު އަސާސީ ބުނާ މުއްދަތުގައި އިންތިހާބެއް ނުބާއްވާ ދައުރު ހަމައަށް ދެމިގެންދާ މުއްދަތުގައި ކޮންޓްރެކްޓް ދެމި އޮންނާނެ އެވެ. ނަމަވެސް މިހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތުގައި އޮވެފައި އިދިކޮޅު މެންބަރުންގެ ތެރެއިން ބޭފުޅަކު އެގެޒެކެޓިވް ބާރު ނަގާ ހާލަތަށް ގޮސްފިނަމަ ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނާއެކު ހެދި ކޮންސްޓިޓިއުޝަނަލް ކޮންޓްރެކްޓް އެހެން އަތަކަށް ފުރޮޅޭނެ އެވެ. އޭގެ ނަތީޖާއަކަށްވާނީ ވެރިކަމަށް އައި ޕާޓީ އާއި އެފަރާތަށް ތާއީދު ކުރާ މީހުންނާއި އަލަށް ބާރުތަކާ ހަވާލުވި މީހުނާ ދެމެދު ނުތަނަވަސްކަން އުފެދި އަނެއްކާވެސް ގައުމު ހަމައިން ނެއްޓި އެތައް ތަނެއް ފަހަތަށް ދިއުމެވެ. ފެބުރުއަރީ 7 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމި ދެން ކަންތައް ހިނގައިދިޔައީ މި ހަމައާ ގާތްކުރާ ގޮތަށެވެ. ތަފާތަކީ ނައިބު ރައީސް ރައީސަކަށްވެ ވަޑައިގަތުން އެކަންޏެވެ.

ދެން އޮތީ ރައީސަށް ގާނޫނު އަސާސީ މުތުލަގު ބާރާއެކު ނައިބު ރައީސް އައްޔަން ކުރަން ދިނުމެވެެ. ގާނޫނު އަސީސީ ކޮށާލައިގެން ކޮށްލެވިދާނެ ވަރަށް ފަސޭހަ ކަމެކެވެ. އޭރަށް ނައިބުގެ މަގާމުގައި އިންނަވާނީ ވެސް "ބަސްއަހާ" ބޭފުޅެކެވެ. އެހެން ނަމަވެސް ރައީސަށް އޭނާގެ މަސްއޫލިއްތު އަދާ ނުކުރެވޭ ހާލާތެއް އަތުވެއްޖެ ނަމަ ނޫނީ އަވަހާރަވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއްޔެވެ؟ އެ ހިސާބުން މަގު ބަންދުވާނެ އެވެ.

އޭރަށް ނުކުންނާނީ ކުރިން ވެސް ނުކުތް ނަތީޖާ އެވެ. އަނެއްކާވެސް މަޖިލީހުގެ ތެރިން ބޭފުޅެއްގެ އަތަށް ހުރިހާ ބާރެއް ދާނީ އެވެ. އަދި އޭރު ވެރި ކަމުގައި އޮންނަ ނޫނ ޕާޓީއެއް މަޖިލީހު މެޖޯރިޓީގައި ނަގައިގެން އޮތްނަމަ ތަޅައިގަންނާނީ އެވެ. މިހެން މިކަން ވާނެ ގޮތަކީ ރާއްޖޭގެ އާބާދީ ކުޑަވުމުގައި ރާއްޖޭގެ މިއޮތް ނިޒާމަށް އަދިވެސް އާވުމެވެ.

ދެން އަދި އެހެން ކަމެއް އެބަ ދިމާވެ އެވެ. މިހާރުގެ ނައިބު ރައީސް އަހުމަދު އަދީބު އެމަގާމަށް ވަޑައިގެންނެވީ އިންތިހާބެއްގައި ވޯޓް ކަރުދާހުގައި ނަންޖަހައިގެނެއް ނޫނެެވެ. އިންތިހާބެއްގެ ތެރެއިންއައި ނައިބު ރައީސް ބޭރުވެ، ދެން ރައީސް ނަންފޮނުވެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. މިހެން ނައިބު ރައީސްކަމަށް އަންނަ މީހާ ބޭރުވުމުން ދެން ކަންކުރާނެ ގޮތް އެހާ ސާފެއް ނޫނެވެ.

މިކަންކަން މިހެން އޮތުމުން ނައިބު ރައީސްގެ މައްސަލަ ހައްލު ކުރަން ޖެހޭނީ ގާނޫނީ އާ ނަޒަރިއްޔާއެއް ހޯދާށެވެ. އެ ނަޒަރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ހޯދޭނީ ނޫނީ ސުޕްރީމް ކޯޓްގައި ގޮތެއް ހޯދޭނީ "ކޮންސްޓްޓިއުނަލް ކްރިއޭޓވިޓީ" އެއް ހޯދައިގެނެވެ. އެ ކްރިއޭޓިވިޓީ ގެނައުމަށް ފުރަތަމަ ކުރަންޖެހޭނެ ކަމަކީ މިކަމުގެ ފަންނީ މާހިރުގެ ފަރާތުން ކޮންސްޓިޓިއުޝަނަލް ކޮންސަލްޓޭޓިވް އޮޕީނިއަން ހޯދައި އެއާ މެދު ކުރާ މަޝްވަރާތަކުން ނުކުންނަ ނަތީޖާ އިންނެވެ.

އަދި އެހެން ގޮތެއް އެބައޮތެވެ. އެއީ މި ގާނޫނުއަސާސީ ލިޔުނު ހާއްސަ މަޖިލީހުގައި އެގްޒެކެޓި ޕަވާ ބާއްވަން ފެންނަ ގޮތަށް މެންބަރުން ހުށަހެޅި ކޮމްޕޮޒިޝަންތައް އަލުން ދިރާސާ ކުރުމެވެ. އޭރު ތަފާތު ތިން ކޮންސެޕްޓެއް ނެރުނެވެ. އޭގެ ތެރެއިން އޭރު އެ މަޖިލީހުގެ މެންބަރު އަހުމަދު އާތިފު (އެކްރޭ އާތިފު) ވަނީ ރާއްޖެއަށް ފިޓް އެގްޒެކެޓިވް ޕާވާއެއްގެ ކޮންސެޕްޓްތަކެއް ހުށަހަޅާފައެވެ. ހާއްސަ މަޖިލީހުގެ ޔައުމިޔާތައް ބަލައިލީމާ ފެނާނެ އެވެ.

ރާއްޖޭގެ ނައިބު ރައީސްގެ ކަންކަން މިހާތަނަށް މިދިޔަ ގޮތުން އަދި މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ވެސް ގޮތުން ބޮޑަށް ލަފާވަނ ކުރިޔަށް އޮތް ދުވަސްތަކުގައި ނައިބު ރައީސްގެ މަގާމާމެދު ދެވަނަ ވިސްނުމަކަށް އެމަނިކުފާނު ވަޑައިގަންވާނެ ކަމަށެވެ. އެފަަދަ "ކޮންސްޓިޓިއުޝަނަލް ކްރިއޭޓިވީޓީއެއް" ނުހޯދިއްޖެ ނަމަ ރާއްޖޭގެ ސިޔާސީ ކެމްޕްތައް ތަރުތީބުވެފައި އޮތް ގޮތން ނައިބު ރައީސުންގެ "ދުއްތުރާލުން" ސަލާމަތްވެ ރާއްޖެ ހިންދެމިލެވުމަކީ އެހާފަސޭ ކަމަކަށްވާނެ ހެނެއް ހީއެއްނުވެއެވެ.