ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަން ހާމަވެއްޖެ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ގައުމުން ބޭރަށް، އިނގިރޭސި ވިލާތަށް ވަޑައިގެންފަ އެވެ.
ނަމަވެސް އަޑުތައް ފެތުރިފައި އޮތީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ފުރަން ނެރުނު އަމުރު ބާތިލުކުރީ އޭނާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ ހުށައެޅި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްގެނެވެ.
އަވަސްއަށް ވަނީ ފުރުން މަނާކުުރުމުގެ އަމުރު ބާތިލުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ކޮޕީއެއް ލިބިފައެވެ. އެ ކޮޕީގައި އަލީ ވަހީދު ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައި ވަނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެނެވެ.
އެ އަމުރުގައި ބުނެފައިވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިނުވާ ކަމަށެވެ.
އަލީ ވަހީދު ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށައަޅާފައިވާ ކަމަަށް ވެސް އެ އަމުރުގައި ވެއެވެ. މި އަމުރު ނެރެފައިވަނީ ގާޒީ ހަސަން ސައީދެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް
- ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
- ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ
ނަމަވެސް ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ "ކުރީގެ މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި ވާހަކަ ފުރަތަމަ ދުށީ ހަބަރުން" ކަމަށެވެ. އަލީ ވަހީދަކީ ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއްކޮށް ގިނަ ދައުވާތަކެއް އުފުލާފައިވާ ބޭފުޅެކެވެ.
އަލީ ފުރުވާލި މައްސަލާގައި ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔައި ނުރުހުން ފާޅު ކުރަމުންނެވެ. އެފަދަ ގިނަ މީހުން ބުނަނީ ޖިންސީ މައްސަލަތަކުގައި އޮންނަނީ ބޮޑު މީހާ އަށް ބޮޑު އިންސާފު އަދި ކުޑަ މީހާއަށް ކުޑަ އިންސާފު ކަމަށެވެ.
ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު މިއަދު ވިދާޅުވީ ރާއްޖޭގައި ގާނޫނުތައް ހިންގަަނީ އާދައިގެ ރައްޔިތުން ދަންމަޅި ޖަންސަން ކަމަށާއި އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ މިނިސްޓަރު އަލީ ވަހީދުމެން ފަދަ ބޭފުޅުންގެ މައްޗަށް އޮތް ހިނގާ އެއްޗެއް ނޫން ކަމަށެވެ.
"މިތަނުގެ އެބުނާ ގާނޫނެއް އޮތީ ރައްޔިތުން ދަންމަޅި ޖެއްސުމަށް. މިއީ އަދިބުމެން އަލީ ވަހީދުމެން ފަދަ ބޮޑެތި ބޭފުޅުންގެ މައްޗަށް އޮތް އެއްޗެއް ނޫން" ދިޔާނާ ވިދާޅުވި އެވެ.