ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑަބްލިޔޫއެޗްއޯ

އޮކްސްފޯޑް ވެކްސިން ޖަހަން ޑަބްލިޔޫއެޗްއޯއިން ލަފާދީފި

އޮކްސްފޯޑް-އެސްޓްރެޒެނިކާގެ ކޮވިޑް ވެކްސިން 18 އަހަރުން މަތީ އެންމެން ޖެހޭނެ ކަމަށާއި އެ ވެކްސިން ޖަހަން ޑަބްލިއުއެޗްއޯއިން ލަފާ ދީފި އެވެ.

ޑަބްލިއުއެޗްއޯއިން އެ ވެކްސިން ޖަހަން ލަފާ ދިން އިރު ބައެއް ގައުމުތަކުގައި އުމުރުން ދުވަސްވީ މީހުންގެ ގަޔަށް އެ ވެކްސިން ނުޖަހަ އެވެ.

ވެކްސިނާ ގުޅޭގޮތުން ޑަބްލިއުއެޗްއޯއަށް ލަފާދޭ އެކްސްޕާޓް ގްރޫޕްގެ ޗެއާމަން ޑރ. އެލިހަންދުރޯ ކްރަވިއޯޓޯ ވިދާޅުވީ އޮކްސްފޯޑް ވެކްސިން ބޮޑެތި މީހުންގެ ތެރެއިން ހުރިހާ އުމުރު ފުރާއެއްގެ މީހުންނަށް ވެސް މަސައްކަތް ކުރާ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ޖަރުމަނާއި އޮސްޓްރިއާ އާއި ސްވިޑަން އާއި ނޯވޭ އާއި ޑެންމާކާއި ނެދެލެންޑްސް އަދި ޕޮލެންޑްގައި އޮކްސްފޯޑް ވެކްސިން ޖަހަނީ ހަމައެކަނި އުމުރުން 55 އަހަރުން ދަށުގެ މީހުނަށެވެ.

ސްޕެއިން ބުނީ އެ ވެކްސިން 55 އަހަރުން މަތީގެ މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ނުދެނީ އެ ވެކްސިންގެ ޓްރަޔަލްތަކުގެ ފުރިހަމަ ޑޭޓާ ނެތުމާއި އެ ވެކްސިން ޖެހުމުން ކޮވިޑުން ރައްކާތެރިވާކަން އަދި ނޭނގޭތީ ކަމަށެވެ.

އޮކްސްފޯޑް ވެކްސިންގެ ޓްރަޔަލްތަކާ ގުޅޭ ޑޭޓާތައް ކުރިއަށް އޮތް ދުވަސްތަކުގެ ލިބޭނެ ކަަމަށް ވަނީ ބެލެވިފައެވެ.

އޮކްސްފޯޑުގެ ވެކްސިން އިންޑިއާގައިވެސް އުފައްދަ އެވެ. އިންޑިއާގެ ސެރަމް އިންސްޓްޓިއުޓްގައި އެ ވެކްސިން އުފައްދަނީ " ކޮވިޑްޝީލްޑް" ގެ ނަމުގަ އެވެ. ރާއްޖޭގައި ޖަހަމުންދަނީ ކޮވިޑް ޝީލްޑް ވެކްސިނެވެ.

މިހާތަނަށް މުޅި ދުނިޔެއިން 100 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ބަލީގައި ދެ މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.