މަލްޓިޕަލް ޕާސަނަލްޓީ ޑިސްއޯޑާގެ ވާހަކަ ވަރަށް ގިނަ މީހުން އަޑު އަހާނެ އެވެ. މި ބަލި ހުންނަ މީހުންގެ ގައިގައި ދޭއް ނުވަތަ އެއަށް ވުރެ ގިނަ ތަފާތު އައިޑެންޓިޓީތައް ހުރެ އެ އައިޑެންޓިޓީތަކުން އެމީހާގެ ދިރިއުޅުމާއި މިޒާޖު ކޮންޓްރޯލް ކުރެ އެވެ.
ނަމަވެސް 23 އަހަރުގެ ބޯ ހޫޕާގެ ގައިގައި ހުރީ އަދި މި ބައްޔެއް ވެސް ނޫނެވެ. މީނާގެ ގައިގައި ހުރީ ޑިސޯސިއޭޓިވް އައިޑެންޓިޓީ ޑިސްއޯޑާ (ޑީއައިޑީ) އެވެ. މި ބަލީގެ ސަބަބުން އޭނާގެ ގައިގައި ތަފާތު 25 ޝަޙުސިއްޔަތެއް ދިރިއުޅެ އެވެ. އެކި ގަޑީގައި އޭނާ އުޅޭނީ ތަފާތު އެކި މީހުންގެ ގޮތުގަ އެވެ. މިކަމުގެ ސަބަބުން އޭނާއަށް ވަޒީފާއެއްގައި އުޅުމަށް ވެސް ނުކުޅެދިފައިވާ ކަމަށް ހޫޕާ ބުނެ އެވެ.
ހޫޕާ ބުނާ ގޮތުގައި އޭނާ ދިރިއުޅެން ޖެހިފައިވަނީ ތަފާތު 25 މީހެއްގެ ޝަޚްސިއްޔަތާ އެކުގަ އެވެ. އެކަމުގެ ސަބަބުން އޭނާގެ ގައިގައި ހުންނަނީ އެކި އިރު އެކި މީހުންގެ މިޒާޖެވެ.
އެއް އިރެއްގައި އޭނާ އުޅެނީ ވަރަށް އަޑުގަދަ 13 އަހަރުގެ ޓޯސްޓުގެ އައިޑެންޓިޓީގަ އެވެ. ޓެކްސަސް ނަމަކަށް ކިޔާ ވަރަށް ރުޅިގަދަ މެދު އުމުރުގެ މީހެއްގެ އައިޑެންޓިޓީގައި ވެސް ބައެއް ފަހަރު އޭނާއަށް އުޅެވެ އެވެ. އަދި ޓްރޭސީ ނަމަކަށް ކިޔާ ވަރަށް ފްލާޓްކުރާ އަންހެން ކުއްޖެއްގެ ގޮތުގައި ވެސް އޭނާ ބައެއް ފަހަރު އުޅޭނެ އެވެ.
ހޫޕާގެ ބައްޔަކީ މަލްޓިޕަލް ޕާސަނަލްޓީ ޑިސްއޯޑާ ފަދަ ބައްޔެކެވެ. ނަމަވެސް އެފަދަ މީހުންގެ ހަށިގަނޑުގައި އުޅެނީ ގިނަ ވެގެން ދޭއް ނުވަތަ ތިން މީހެއްގެ ޝަޚްސިއްޔަތެވެ.
ހޫޕާގެ ހަށިގަނޑަށް ގަދަވެގެންފައިވާ 25 ޝަހުސިއްޔަތުގެ ތެރެއިން އޭނާގެ ހަށިގަނޑުގައި އެ ވަގުތެއްގައި އެކްޓިވް ވާނީ ކޮން ޝަޚްސިއްޔަތެއް ކަމެއް ނިންމުމުގެ އިޚްތިޔާރެއް ވެސް ހޫޕާގެ ނޯވެ އެވެ. އެ އިރެއްގައި ގަދަވެ ގަނެގެން އުޅޭ އައިޑެންޓިޓީ އަކާއެކު އޭނާއަށް ޖެހެނީ ދިރިއުޅޭށެވެ. މިއީ ހޫޕާގެ ލޯބިވެރިޔާ ކެސީ، 22، އަށް ވެސް ވަރަށް އުނދަގޫ މައްސަލައަކަށް ވަނީ ވެފަ އެވެ. ހޫޕާގެ އަސްލު ޝަޚްސިއްޔަތުގައި އޭނާއާ ބައްދަލު ކުރެވޭނެ ވަކި އިރެއް ނޭނގޭތީ އެވެ.
ކެސީ އަށް ޖެހެނީ ހޫޕާގެ އަސްލު ޝަޚްސިއްޔަތަށް އޭނާއަށް އެނބުރި ރުޖޫއަ ވެވެންދެން އިންތިޒާރު ކުރާށެވެ. ހޫޕާ އަށް ތަފާތު 25 މީހެއްގެ ދިރިއުޅުން އުޅެން ޖެހިފައިވާއިރު އެ ހުރިހާ މީހުން ދަސްކުރަން ވެސް އޭނާއަށް ވަރަށް ވަގުތު ނެގި އެވެ. އޭނާ ބުނާ ގޮތުގައި ޓޯސްޓް ކިޔާ 13 އަހަރުގެ ފިރިހެންކުއްޖެއްގެ އައިޑެންޓިޓީގައި އޭނާ އުޅޭއިރު ލޯބިވެރިޔާ ކެސީ އާ ވަރަށް ގުޅިގެން އުޅެވެ އެވެ. ސަބަބަކީ ކެސީ ފަދައިން ޓޯސްޓަކީ ވެސް ވީޑިއޯ ގޭމް ކުޅޭހިތްވާ ކުއްޖަކަށް ވުމެވެ. ވީމާ ދެ މީހުން އެކުގައި ގޭމް ކުޅުމުގައި ވަގުތު ހޭދަ ކުރެ އެވެ.
"ބައެއް ފަހަރު ކެސީ އައިސް ވަދެފައި މަށާ ދިމާލަށް 'ޑާލިން' އޭނާ ބުނެލާއިރު އަހަރެން ބަދަލު ވެފައި ހުރެދާނެ އެހެން މީހެއްގެ އައިޑެންޓިޓީ އަށް. އެހިސާބުން މައްސަލަ ޖެހި ޒުވާބުކުރަން ވެސް ޖެހޭ،" ހޫޕާ ބުންޏެވެ.
ޓްރޭސީ ކިޔާ އަންހެންކުއްޖެއްގެ އައިޑެންޓިޓީގައި ވެސް ހޫޕާ ބައެއް ފަހަރަށް އުޅެން ޖެހެ އެވެ. އަސްލު ހޫޕާ އަކީ ވަރަށް ލަދުގަންނަ އެހާމެ އަމިއްލަ ނަފްސަށް އިތުބާރު ނުހުންނަ މީހެކެވެ. ނަމަވެސް ޓްރޭސީ އަކީ ލަދުގެ ކަންފުޅެއް ވެސް ނުހުންނަ އަދި ވަރަށް އަމިއްލަ ނަފްސަށް އިތުބާރުކުރާ ޝަހްސިއްޔަތެކެވެ.
ހޫޕާ އަށް ދިމާވާ އެއް މައްސަލައަކީ އޭނާއަކީ ސިނގިރޭޓް ބޯ މީހަކަށް ނުވެފައި ޓްރޭސީ އަކީ ވަރަށް ސިނގިރޭޓް ބޯ މީހަކަށް ވުމެވެ. އޭނާއަށް މި ކުރެވެނީ ކީއްކަން ނޭނގުނަސް ހޫޕާގެ އަމިއްލަ ޝަހްސިއްޔަތުގައި އޭނާ ހުންނައިރު މިކަމުން އޭނާއަށް އުނދަގޫތައް ވެއެވެ.
ހޫޕާއަށް މި ޑިސްއޯޑާގެ އުނދަގޫތައް ވާން ފެށީ އުމުރުން 14 އަހަރުގަ އެވެ. އެންމެ ފުރަތަމަ އޭނާގެ ހަށިގަނޑު ކޮންޓްރޯލް ކުރަން ފެށީ ޓެކްސަސް އެވެ.
ހޫޕާގެ އެކުވެރިންނާއެކު އޭނާ އިންދާ ކުއްލިއަކަށް އޭނާގެ މިޒާޖާއި އުޅުމަށް ޓެކްސަސް ވެރިވެ ގަނެ އެވެ. އެހިސާބުން އޭނާގެ ހުރިހާ އެކުވެރިންނާއި ހޫޕާ އާ މައްސަލަ ޖެހެ އެވެ. ސަބަބަކީ ހޫޕާގެ އެކުވެރިން ދެކެ ޓެކްސަސް ނަފުރަތު ކުރާތީ އެވެ.
މި ބަލީގެ އެހެނިހެން އަލާމާތްތަކުގެ ގޮތުގައި ހޫޕާގެ ކިބައިން ފެންނަ އެއް ކަމަކީ އެއްގޮތަކަށް ވެސް އެހެން މީހަކު ގޮވިޔަސް އަޅާނުލާ އެތައް އިރަކު އިނުމެވެ. މިގޮތަށް ވަރަށް ގިނަ ވަގުތު ވެސް އޭނާއަށް ހޭދަވެ އެވެ. އަދި ރަނގަޅުވީމަ އޭނާއަށް އެގޮތަށް އިނދެވުނުކަން ވެސް ހޫޕާ ހަނދާނެއް ނުހުރެ އެވެ.
ޑިސޯސިއޭޓިވް ޑިސްއޯޑާ ގިނަ ފަހަރަށް ކުރިމަތިވަނީ އެ މީހެއްގެ ހަޔާތުގައި ކުރެވޭ ކޮންމެވެސް ކަހަލަ އަނިޔާ ލިބޭ ތަޖުރިބާއަކަށް ފަހުގަ އެވެ. އެ މީހެއްގެ ހަގީގީ ޝަޚްސިއްޔަތު ނޫން އެހެން ޝަޚްސިއްޔަތަކަށް އޭނާ ބަދަލުވާން މެދުވެރިވަނީ ހަޔާތުގައި ކުރިމަތިވާ ކޮންމެވެސް ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރާ ކަހަލަ ކަންތައްތަކެއްގެ ސަބަބުންނެވެ.
މިއީ ހަގީގީ ބައްޔެއް ނަމަވެސް ގިނަ މީހުންނަށް މިއީ ބައްޔެއްކަން ވިސްނާލަން ވެސް އުނދަގުލެވެ. މި ބަލި ޖެހިފައިވާ މީހުން ފެނުމުން ގިނަ މީހުން ހީކުރާނީ އެމީހުން އެކްޓްކުރަނީ ކަމަށެވެ.