ލައިފްސްޓައިލް

އަލަތު ކައިވެނިކުރި ދެމަފިރިއެއްގެ ފޮޓޯއެއް ހިނގި ސަބަބު!

ޓެކްނޮލޮޖީގެ ސަބަބުން ބައެއް ފަހަރަށް އާދައިގެ ދިރިއުޅުމެއް އުޅެން ވެސް މީހުންނަށް އުނދަގޫވާ ހިސާބަށް މިހާރު ކަންތައްތައް ވަނީ ގޮސްފަ އެވެ. އަމިއްލަ ދިރިއުޅުމުގައި މީހުން ކުރާ ބައެއް ކަންތައްތައް ވެސް އިސާހިތަކު ދުނިޔޭގެ އެންމެންނަށް ބޭޒާރުވާން މެދުވެރިވާ ސަބަބަކަށް މިހާރު ޓެކްނޮލޮޖީގެ ކުރިއެރުން ވަނީ ވެފަ އެވެ.

ބަހެއްގައި ދަތުރުކުރިޔަސް ދޯންޏެއްގައި ތަނަކަށް ދިޔަސް ގިނަ މީހުންގެ ލޯ އަބަދާ އަބަދު އަމާޒުވެފައި ހުންނަނީ އޭނާ ގެންގުޅޭ ފޯނަށެވެ. ސޯޝަލް މީޑިއާގައި ކަންކަން ވަމުންދާ ގޮތް ބެލުމުގައި އޭނާ އިންނާނީ އަވަދިނެތި އެވެ. ގިނަ ފަހަރަށް އޭނާ އާއެކު ދަތުރުކުރީ ކޮން ބައެއްކަން ވެސް އޭނާއަކަށް ނޭނގޭނެ އެވެ. އެހާވެސް އެހެން މީހުންނާއި އޮންނަ ގުޅުން ކުޑަވާނެ އެވެ.

މިދިޔަ އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އުޅޭ ފޮޓޯއަކީ ވެސް ރަނގަޅު މިސާލެކެވެ. ޒާތީ ދިރިއުޅުމަށް ޓެކްނޮލޮޖީ އަތްގަދަ ކޮށްފައިވާ ކަމުގެ ވަރަށް ރަނގަޅު ހެއްކެއް ވެސް މެއެވެ.

މި ފޮޓޯގައި ފެންނަނީ އަލަށް ކައިވެނި ކުރި އިންޑިޔާ ދެމަފިރިއެކެވެ. ކައިވެނީގެ ފުރަތަމަ ރޭ ދެ މީހުން ކޮޓަރީގައި ތިބި މަންޒަރެވެ. ކައިވެނީގެ ހެދުމުގައި އަންހެންމީހާ އޭނާގެ ފިރިމީހާގެ އިންތިޒާރުގައި އިންއިރު ފިރިހެންމީހާ އިނީ ކޮމްޕިއުޓަރު މޭޒު ކައިރީގައި ކޮމްޕިއުޓަރުން ކޮންމެވެސް ކަމެއް ކުރާށެވެ. އޭނާވެސް އިނީ ކައިވެނީގެ ހެދުމުގަ އެވެ.

ޓުވިޓާގައި މީހަކު ޝެއާކުރި މި ފޮޓޯގެ ކެޕްޝަނަށް ޖެހިފައި ވަނީ "ހޯލްޑް އޮން ބޭބް" އެވެ. -- ބޭބީ އިހަށް މަޑުކޮށްލާށޭ! -- އެވެ.

މި ފޮޓޯއަށް ޖޯކް ޖަހައި ތަފާތު ކޮމެންޓުތައް ކުރުމުގައި އެތައް ހާސް ބަޔަކު އިއްޔެ ސޯޝަލް މީޑިއާގައި ވަރަށް މަޖާ ނަގާފައި ވެއެވެ. އަދި މި ފޮޓޯ ތަފާތު މަޖާ ގޮތްގޮތަށް ހަދައިގެން ވެސް ބައެއް މީހުން ޝެއާ ކުރި އެވެ. ބައެއް މީހުންގެ ކޮމެންޓުގައި ބުނެފައިވަނީ މި ފިރިހެންމީހާ ޗެކް ކުރަނީ ކަންގަނާ ކޮޕީ ޕޭސްޓްކޮށް ޝެއާކުރި އާ ޕޯސްޓެއް ފެނިގެން ކަމަށެވެ.

ވަރަށް ގިނަ ބަޔަކު އެއްބަސްވީ އެއް ކަމެއް އޮތެވެ. މިއީ އަލަތު ކައިވެނީގެ ރޭގައި ކަންކަން ވާން އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫނޭ އެވެ.