އިސްލާމީ މަރުކަޒުގައި މިއަދު ކޮވިޑް-19 އިގެ ވެކްސިން ދޭން ފަށައިފި އެވެ.
އެޗްޕީއޭ އިން ބުނީ މި ވެކްސިން ސެންޓަރުގައި 45 އަހަރާއި 55 އަހަރާއި ދެމެދުގެ ހައިރިސްކު މީހުންނަށާއި، 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭނެ ކަމަށެވެ.
ކޮންމެ ދުވަހެއްގެ ވެސް ހަވީރު 5:00 އަށް މި ސެންޓަރުން ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
މާލެ ސަރަހައްދުގައި ރައްޔިތުން މަޖިލިސް ކުރާ އިދާރާ، ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ.
މިހާތަނަށް 20،161 މީހަކު ރާއްޖެއިން ވަނީ ކޮވިޑް-19 ވެކްސިން ޖަހާފަ އެވެ.
ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.