މަތީ ތައިލީމާއި ތަމްރީންތައް ހޯދައިދިނުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 770 ލޯނަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މިއީ އެންމެ ގިނަ އަދަދަކަށް ސްޓޫޑަންޓް ލޯނަށް ހުޅުވާލި ފަހަރުވެސް މެއެވެ. މިދިޔަ އަހަރު ހުޅުވާލީ 550 ފުރުސަތެވެ.
ހަޔާ އެޑިއުކޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިފަހަރު ލޯން ދިނުމުގައި ކޮންމެހެން ދަރިވަރުގެ "މެޜިޓް" އަށް ނުބަލާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިފަހަރުގެ ލޯން ސްކީމްގެ ދަށުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް 471 ފުރުސަތާއެކު އަލަށް ކިޔަވާ ދަރިވަރުންނަށް 299 ފުުރުސަތު ހިމަނާފައިވާ ކަމަށެވެ.
މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ލޯން ދިނުމުގައި އިސްކަންދޭން ނިންމާފައިވަނީ ކޯސް ފުރިހަމަކުރަން ބާކީ އޮއް މުއްދަތު އެންމެ ކުޑަ ފަރާތްތަކަށެވެ.
" އަލަށް ކުރިމަތިލާ ދަރިވަރުން ކަމަށް ވަންޏާ ފިތުރު ޒަކާތާ މުދަލު ޒަކާތް ލިބުން އެދޭ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އިސްކަންދޭނަން" މިނިސްޓަރު ވިދާޅުވި އެވެ.
މިފަހަރުގެ ލޯން ސްކީމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިސްކަން ދޭންވެސް ވަނީ ނިންމައިފަ އެވެ.
ލޯން ސްކީމްގެ ލައިސެންސް ކެޓަގަރީގައި މިފަހަރު އެކައުންޓިންގެ ދާއިރާ ވަނީ އިތުރުކޮށްފަ އެވެ.
" ރާއްޖޭގައި ތިބެގެން އެކައުންޓިންގެ ދާއިރާއިން ލައިސަންސް ނުވަތަ ސެޓްފިކެޓް ހޯދުމަށްޓަކައި ލޯން ސްކީމުން މިއަހަރު ފުރުސަތު ލިބިގެން ދާނެ. އެއީ ކަމާ ގުޅޭ ދާއިރާތަކާއެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި ރާއްޖެއަށް ވަރަށް ބޭނުންތެރި ދާއިރާއެއްކަން ފާހަގަކުރެވި އަދި މިދާއިރާއިން ކިޔަވަން ބޭނުންވާ ޒުވާނުން ވަރަށް ގިނަކަން ފާހަގަކުރެވޭތީ" މިނިސްޓަރު ވިދާޅުވި އެވެ.
ލޯނު ދިނުމުގައި ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް މިފަހަރު އިސްކަން ދީފައި ވެއެވެ. އޭގެ ތެރޭގައި ޓޫރިޒަމް، ކޮންސްޓަރަކްޝަން އަދި އައިސީޓީގެ ދާއިރާ ހިމެނެ އެވެ.
ސްޓޫޑަންޓް ލޯނަށް ކުރިމަތިިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހު ހަަތަރު ވަނަ ދުވަހު އެވެ. އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ ޕޯޓަލްއެއް މެދުވެރިކޮށް އޮންލައިންކޮށެެވެ. މިދިޔަ އަހަރު ޕޯޓަލްގައި ހުރި މައްސަލަތަކާ ގުޅިގެން ގިނަ ދަރިވަރުންގެ އެޕްލިކޭޝަންތައް ބާތިލްވިއެވެ. މިނިސްޓަރު ވިދާޅުވު މިހާރުގެ ޕޯޓަލް "ޔޫސާ ފްރެންޑްލީ" ވާނެ ކަމަށެވެ.