ހީނލާގޮތުން

ހީނލާގޮތުން

(9 ފެބްރުއަރީ 2021 އާ ގުޅޭ)

"އޭތް! މަ ހަނދާން ނެތުނީ، މިދުހަތު އަތުވެއްޖެ، ނަމްޒާމެންގޭ މަތީބައިގަ ހުންނަނީ." ޝެހެނާޒު ބުންޏެވެ. އެއާއެކު އަރީން ބަސް ހުއްޓުނެވެ. ދެ ލޯ ބޮޑުކޮށްލެވިފައި ހުރިއިރު މާނަވީ ހިނިތުންވުމެއް ތުންފަތަށް ވެރިވެއްޖެ އެވެ. ޗޮކުލެޓު ކުލައިގެ ދެ ކަޅިން ތަފާތު ވިދުމެއް ފާޅުވެލިއެވެ.

"އަރީން..." ފަހަތުން ފަވާދުގެ އަޑު އިވުނު ހިނދު އަރީންގެ މޫނު ހުދުވި އެވެ. ހިނދުކޮޅަކަށް ފާޅުވެލި ހުރިހާ އަސަރެއް އޭނާ ފަރުދާކޮށްލީ ނުހަނު އަވަހަށެވެ.

އެނބުރިލައި ފަވާދަށް އަރީން ބަލައިލީ އެވެ. ކިހިނެއްތޯވީ އަހާލާ ފަދައަކުން ނިތް އަރުވާލިއެވެ. ކޯލު ނިމޭކަށް ނޫޅޭތޯ ފަވާދު އަހާލި އެވެ.

"ފަވާދު އައީތަ؟" އަރީން އަނގައިން ނުބުނުއިރު ފޯނުގެ އަނެއްކޮޅުގައި ހުރި ޝެހެނާޒަށް ފަވާދުގެ އަޑު އިވުނީއެވެ.

"ފަހުން ގުޅާނަން އިނގޭ." އަރީން ބުނެލިއެވެ. ފޯނު ތިރިކޮށްލި ގޮތަށް ކިހިނެއްތޯވީ އަރީން އަހައިފިއެވެ.

"ދޭބަލަ މަންމަ ކައިރިއަށް." ފަވާދު ބުންޏެވެ.

"އެ ކީއްކުރަން؟ މަންމަ ގޮވީތަ؟" އަރީންގެ މޫނުން ފާޅުވެލީ ހައިރާން ކަމެވެ. ފަވާދު އެ އައީ އަސްލަންއާއި ރިދާންއާއެކު ޓެރެސްގައި މަސައްކަތް ކުރަން އުޅެފައިކަން އަރީނަށް އެނގެ އެވެ.

"މަންމަ ނުގޮވިޔަސް އަރީން ދާންވާނެއެއްނު، ރޫމާ ދައްތައާއި އައްޔޫބެ ވެސް އައިސް އެބައުޅޭ، އެގޭ އިޔާން ވެސް ކޮންއިރެއް އަހަރެމެންނާއެކު އުޅޭތަ، އަނެއްކާ އެއޮއް ހުރިހާ ތަށިތަކެއް ރެއާ މިއަދާ އެ ދޮންނަނީ މަންމަގެ ދެއަތުން... ޕްލީޒް... ދޭބަލަ އެތަނަށް." ފަވާދު ކުރިއަށް ޖެހިލައި އަރީންގެ ދެއަތުގައި ހިފާލިއެވެ.

"މަށަކަށް ނުދޮވެވޭނެ، ތަށި ދޮންނަ މެޝިނެއް ހަރުކުރީ އެހެންވެ."

"އެއްޗެއް ނުދޮވުނަސް އަރީނަށް ކޮންމެވެސް ކަމެއް ކޮށްދެވޭނެއެއްނު، މަންމަ ހިތްހަމަޖެހޭނެ އޭރުން." ފަވާދު ވާހަކަ ދެއްކީ އަރީނަށް ވިސްނައި ދޭން ބޭނުންވެފައި ހުރެއެވެ.

"މަންމަ އަމިއްލައަށް މަސައްކަތްގަނޑު ބޮޑުކުރީ، ތަނެއް ކުއްޔަށް ހިފިނަމަ އެއިން އެއްވެސް ކަމެއް ކުރާކަށް ނުޖެހުނީސް، ލާރި ނެތީކީ ނޫން ވިއްޔާ، ޚަރަދު ކުޑަވެފަ ފަސޭހަވީސް އެގޮތް... ކާކުތަ މިހާރު ގޭގަ ވެޑިން ބާއްވަނީ، އަހަރެން ދިޔައީ ވިއްޔާ އެއްޗެކޭ ބުނެވޭނީ، މަށަށް ބުނެވޭ އެއްޗަކުން މަންމަ ހިތްހަމަނުޖެހޭނީ... ދުރުގަ ހުރީމަ ބޮލަށް ފަސޭހަ ވާނީ، އެމީހުން ބޭނުން ގޮތަކަށް އެކަން ކޮށްފާނެއެއްނު، އެހެންނޫނަސް ފަވާދު އެބައުޅެމެންނު، އެވަރު އޯކޭވާނެ."

އަރީން އެއްގޮތަކަށް ވެސް ދާ ޚިޔާލެއް ނުކުރިއެވެ. އަނބިމީހާއަށް ބަލަން ހުރެ ފަވާދު ފިނި ނޭވާއެއް ލިއެވެ. އަރީން ނުދާނޭކަން ޔަގީންވާތީ އޭނާ ހިނގައިގަތީ އެބައިން ނުކުންނާށެވެ. ކުރިއަށްދާ މަސައްކަތްތަކަށް އެނބުރި ދާށެވެ. އަރީން އެނބުރި ބެލްކަނީގެ ރެއިލިންގައި ދެއަތް އަޅުވާލިއެވެ. މަގުމައްޗަށް ނަޒަރު ހުއްޓާލި ނަމަވެސް އޭނާގެ ސިކުނޑީގައިވީ ޝެހެނާޒު ދެއްކި ވާހަކައެވެ. އޭނާ ބުނި މިދުހަތަކީ އަރީނުގެ ހަނދާނުން ފިލާނުލެވުނު މިދުހަތުބާ އެވެ. އޭނާ މާލެ އަތުވެދާނެބާ އެވެ. ޝެހެނާޒު އެބުނީ ހަމަ ހަޤީޤަތަށް ބާއެވެ. ހިތުގެ އަޑީގައި ފޮރުވިފައިވި އިޙްސާސްތަކެއް ތިލަވާން އުޅުނެވެ. ބަޔާން ކުރަން ދަތި ފިނިކަމެއް މޭގައި އުފެދުނުއިރު އަރީންގެ ހަށިގަނޑު ގަނޑުކޮށްލަން އުޅޭ ކަހަލައެވެ. ތިރީ ތުންފަތުގައި ދަތްއަޅާލިއިރު މަޑުމަޑު ފިޔާތޮށިކުލަ ލޭކުލައަށް ބަދަލުވެލީ ނުހަނު އަވަހަށެވެ. ޝުޢޫރުތައް އުތުރު އަރަން ފެށި ކަހަލައެވެ. ދެ ލޯ މަރާލުމާއެކު ފުންނޭވާއެއް ދޫކޮށްލާފައި ދެފަރާތަށް އަރީން ބޯ ހޫރާލި އެވެ.

* * * * *

ނޯޔާގެ ކޮޓަރިތެރޭގައި ހުރީ ހިނާފަތުގެ ވަހެވެ. ފާޚާނާ ތެރޭ ނެހާގެ އެހީތެރިކަމާއެކު އަތް ދޮންނަން ނޯޔާ އުޅެއެވެ. ފާޚާނާ ދޮރުމަތީ ޔަޝާ ހުއްޓެވެ. ހިނާފަތް އަޅާހިތުން އުޅުނު މީހާ އަތް ދޮވެލީ އެ ނުވެސް ހިކެނީއެވެ. ކުލަ އެރީ ވެސް ކިރިޔާއެވެ. ދުވާފަހުން އޭނާ އޯކަށް ވެސް ދެމެނީއެވެ. އެކަމާ ޔަޝާއާ އެންމެ ދިމާކުރި މީހަކީ ނެހާއެވެ.

ހަވީރު ސައި އޮތީ ސަބީނާމެން ގޭގަ އެވެ. މަސައްކަތުގައި އުޅުނު ހުރިހާ ފިރިހެން ދަރީންނާއި އެމީހުންނާ ބައިވެރިވި އެކުވެރީންނަށް ސައި އޮތެވެ. ރޫމާ ވެސް އުޅުނީ އެ ގޭގައެވެ. ސައި އޮތްކަން ނެހާގެ ފަރާތުން އެނގުނެވެ. ނޯޔާ ނުދާތީ ޔަޝާއަށް ދާކަށް ނުކެރުނެވެ. އޭނާ ނޯޔާ ގާތު ވަރަށް އާދޭސްކުރި އެވެ. އަސްލަން ބަލާހިތުންނެވެ. ކައިވެނި ޙަފުލާގެ ކުރިން އެމީހަކު ހުންނަ ގޮތް ދުށުމަށް ޔަޝާ އިނީ ކެތްމަދުވެފަ އެވެ. ހަމައެއާއެކު ރީތި ފިރިހެނަކު ބަލާލަން ލިބިދާނޭ ކަމުގެ ޝައުގުވި އެވެ.

"އަހަރެންގެ ފިއުޗާ ހަޒްބަންޑް އެތަނުގަ ހުރެދާނެ... ދޯ ތާތި." ޔަޝާ ދޯ ދިނީ ނެހާއަށެވެ.

"ހުރެދާނެ... ޔަޝާ ނުދިޔަޔަސް އެމީހަކު ޔަޝާ ހޯދައިގެން އައިސް އިންނަން އަހާފާނެ، އެގޮތް މާ ރަނގަޅެއްނު." ނެހާ ބުންޏެވެ.

ޔަޝާއާއި ނެހާއާ ދެމެދު ދެކެވެން ފެށި ވާހަކައިން ނޯޔާއަށް ވިސްނާލެވުނީ ކައިވެންޏާ މެދު އެވެ. ފިރިމީހާއަށް ވާން އެ އުޅެނީ ނޯޔާ ޚިޔާރު ކުރި ފަރާތެއް ނޫނެވެ. ހަމައެގޮތަށް އަސްލަންގެ ހޮވުމަކަށް ވެސް ނޯޔާ ނުވެ އެވެ. ޛަރޫރީ ބޭނުމެއް ނޯޔާގެ ނެތެވެ. ނަމަވެސް ފާޑަކަށް މަޖުބޫރު ވެފައެވެ. ހިތުގައި ހިނގާ ހުރިހާ ޝުޢޫރެއް ޚިއްޞާ ކުރެވޭވަރު މީހަކު ވެސް ނެތިފައެވެ. ގާތް ރަޙުމަތްތެރިޔާއަށް ވެސް ހާލަތު ނުވިސްނޭނެކަން ނޯޔާއަށް އެނގެއެވެ. މީހެއްގެ އަނތްބަކަށް އޭނާ ވާން ދެން ގިނައިރެއް ނެތެވެ. ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ތެޅިފޮޅޭ ފަދައަކުން ހައްތަހާ ހިތުގެ ތެޅުން އައީ އަވަސްވަމުންނެވެ. ހިނިތުންވުމުގެ ބަދަލުގައި ތުންފިއްތާ ބާރަށް ރޯލަން ނޯޔާގެ ހިތް އެދޭ ކަހަލައެވެ. ނަމަވެސް އޭނާގެ ލޮލުން ކަރުނައިގެ ތެތްކަން ފޭދުނަ ނޯޔާ ނުދިނެވެ. އެހާ ހިތްވަރު ކުރަންވުމުން ނަފްސު ވެސް ވަރުބަލިވެއެވެ. އެހެންވިޔަސް އޭނާއަށް ހިތްވަރު ދޫކޮށްލެވޭކަށް ނެތެވެ. އަސްލަންގެ މިޒާޖާއި އޭނާގެ އުސޫލުތަކާއި ޠަބީޢަތް އެއްގޮތަކަށް ވެސް ނޭނގެއެވެ. ތަންކޮޅެއް ގިނައިރު ވާހަކަދެއްކުނިއްޔާ ދެއްކިފަ ހުރީ ކައިވެންޏާ ގުޅިގެން އަސްލަން ގުޅީމަ އެވެ. ރަންކީ ދުވަހު ވެސް އޭނާ ނޯޔާއާ ވާހަކަދައްކަން މަސައްކަތެއް ނުކުރާކަން ފާހަގިއެވެ. އޭނާ ކޮންމެ ސުވާލެއް ކުރި ނަމަވެސް ނޯޔާ ހުރީ ޖަވާބުދޭށެވެ. އެކުގައި އެއްތަނެއްގައި އުޅެވޭނެބާއޭ ނޯޔާގެ ޟަމީރާ ސުވާލު ކޮށްލި އެވެ.

"ނިދަނީތަ؟ އިރުކޮޅަކުން ތައްޔާރުވާންވީ." ލޯ މަރާލައިގެން އެނދުގައި ނޯޔާ އޮންނަތާ ގިނައިރު ވެގެން ނެހާ އަވަހަށް ގޮވިއެވެ.

"ނުނިދަން." ލޯ މަރައިގެން އޮވެ ނޯޔާ ބުނެލި އެވެ.

"މިރެއަށް އެނާޖީ ސޭވް ކުރަނީ ދޯ." ހިނިއައިސްފައި އިން ޔަޝާގެ ލާނެތް ވެލި އެވެ. އޭނާ މާނަކުރިގޮތް އެނގޭއިރު ވެސް ނޯޔާ ހޫން ލައްވާލީ އެ އޮތްގޮތަށް އޮވެއެވެ.

"އެގޭގަ ދެން ނެތްތަ ފިރިހެންކުއްޖެއް." ނޯޔާގެ ފައިގަ ހިފައި ހަލުވަމުން ޔަޝާ ބުންޏެވެ.

"ހުންނާނެ... ޔަޝާއާ ވަރަށް ގުޅޭނެ، ރިދާން ކިޔާނީ، ދެ އަނގަ އެއްތަންވީމަ ފޯރި ހުންނާނެކަން ޔަގީން، ދޯ ނޯޔާ." ނެހާ ހީނލި އެވެ. ނަމަވެސް މިފަހަރު ނޯޔާ ޖަވާބެއް ނުދިނެވެ. އޭނާ ތިރީ ތުންފަތުގައި ދަތްއަޅާލި އެވެ. ދެ ލޯ ތަގުޅިކޮށްލި އެވެ.

"އަސްލަންގެ ބަދަލުގައި އަހަރެން އިންނަން ޖެހުނު މީހަކީ ރިދާންއަށް ވީނަމަ... އޭރުން ވެސް މިހާ ހިތްބިރު ގަންނާނެތަ؟" މިފަހަރު ވެސް ނޯޔާއަށް އަހާލެވުނީ އަމިއްލަ ޟަމީރު ކައިރީއެވެ.

* * * * *

މއ. ރޯޝަނީވިލާގޭ ބޮޑު ޓެރެސް ވަނީ އޮރެންޖު ކުލައިން ހުޅުދާން ވެފައެވެ. ދިގު މޭޒުތައް ތިން ބަރިއަށް ވާހެން އަތުރާފައި ހުއްޓެވެ. ކޮންމެ މޭޒެއްގެ ދެފަރާތުގައި ފަނަރަ މީހުންނަށް އިށީނދެވޭނެ ހެންނެވެ. ފެހިކުލައާއި ހުދުކުލަ ގުޅޭނެހެން ކާނޭޝަން މަލުން ހަދާފައި ހުރި ކުދި މާބޮޑިތައް މޭޒުގެ އެކި ހިސާބުގައި ބެހެއްޓިފައި ވެއެވެ. ބިއްލޫރި ތަށިތަކުގެ އަނދައަނދާ ހުރި އުއްބަތިތައް އެ މާބޮޑުތައް ކައިރީ ރީތި ގޮތަކަށް އެތުރާފައި ވެއެވެ. ޓެރެސްއަށް ނުކުންނަން ހުރި ދޮރުގެ ދެފަރާތަށް ވާހެން ގަސްމުށި ގަނޑެއް ބަހައްޓާފައި ހުއްޓެވެ. މެހެމާނުންނާ ބައްދަލުކުރަން ދެމަފިރިން ތިބޭ ގޮތަށް ހަމަޖައްސާފައި ހުރީ ޓެރެސްގެ ފާރު ކައިރި އެވެ. ހިޔާކޮށްފައި ހުރި ބައިގައެވެ. "ބެކްޑްރޮޕް" ފަރުމާކޮށްފައި ހުރީ ލަކުޑި ފްރޭމެއްގައި ހިކި ގޮފިކޮޅުތަކުގައި ވެލެއްހެން ހުދު ފިނިފެންމާ އަރާފަ އޮތް ހެންނެވެ. ތިންބަޔަށް ވާހެން ހުރި އެ ފްރޭމްގެ މެދު ހުސްކޮށް ހުރުމުން އެބައިގެ ފަޅުކަން ފިލުވާލާފައިވަނީ ދިގަށް އެލުވާފައި ހުރި ފެއަރީލައިޓްސް ތަކުންނެވެ. އެ ދިމާ ވަކިން އަލިކުރުމަށް ތަޅުންމަތީ ލައިޓުތައް ބަހައްޓާފައި ހުއްޓެވެ. އެއްފަރާތުގައި ހުރި ޗޮކުލެޓު ފޮތިގަނޑެއް އެޅި ކުޑަ ވަށް މޭޒުގެ މަތީ ތިން ބަޔަށް ހުރި ކޭކު ބެހެއްޓިފައި ވިއެވެ. ތަފާތު އެކި ކުލައިގެ އަސްލު މަލުން ކޭކު ޒީނަތްތެރިކޮށްފައެވެ. ޓެރެސްގެ މައްޗަށް ބަލާލައިފި ނަމަވެސް ފެންނަނީ ހުވަފެނީ ގޮތަކަށެވެ. އެއްކޮށް މުޅިޓެރެސްގައި ދަމާފައި ހުރި ވާތަކުގައި އެލުވާފައި ހުރީ އޮރެންޖު އަލީގެ ވަށް ބޮތްކެވެ. އެކި ވަރުވަރަށް އެލުވާފައި ހުރި ތަނެވެ. މާޙައުލުގެ ހިތްގައިމުކަން އިތުރުކޮށްދިނީ އިވިއިވި ހުރި ލުއި ރާގެވެ. ޓެރެސްގެ ދެ ފަރާތުގައި ބެހެއްޓިފައި ހުރި ބޮޑެތި އިސްޕީކަރުތަކުންނެވެ.

ކޯޓުގެ މޭމަތިން ގިރުވާނުގައި މާކޯޅި ހަރުކުރަމުން އަސްލަން ޓެރެސްއަށް ނުކުތެވެ. އޭނާއާއެކު ޢާއިލާގެ ދެންތިބި މެންބަރުން ވެސް އައެވެ. އަސްލަން ހުރީ ބެއިޖް ކުލައިގެ ވެސްޓާއެކު ހުރި ކޯޓުފަޓުލޫނުގައި ޗޮކުލެޓު ކުލައިގަ ހިމަ ޓައިއެއް އަޅައިގެންނެވެ. އަރާފައި ހުރީ ނީކުނޑިކުލައަކަށްދާ އޮފު ބޫޓަކަށެވެ. އޭނާ އެ ކައިވެންޏަށް އާ ހެދުމެއް ނުހޯދަ އެވެ. އެ ކޯޓު ފަޓުލޫނަކީ މައިރާއާ އިނދެގެން އުޅުންއިރު އޮފީސް ފަރާތުން މަހާސިންތާއެއްގައި ބައިވެރިވާން އުޒްބަގިސްތާނަށް ފުރަން ޖެހިގެން ފެއްސުވި ކޯޓުފަޓުލޫނެކެވެ. ސަބީނާއާއި ރިދާން ފިޔަވައި އެކަން އެނގޭނޭ މީހަކު އެތާކު ނުވެއެވެ. ސަބީނާ ހިތްހަމަނުޖެހުނަސް އަސްލަންގެ އެ ނިންމުން ބަދަލު ނުކުރެވުނީ އެވެ.

އައްޔޫބުގެ ޢާއިލާ ވަދެގެން އަންނަތަން ފެނުމާއެކު އެ ދިމާއަށް ސަބީނާ އަވަސްވެލި އެވެ. ހުދުކުލައިގެ ބޮޑު ހެދުމުގައި ނޯޔާއެކޭ ޙޫރުޕަރީއެކޭ އެއްފަދައެވެ. އަލިއަލި މޫނުގައި މޭކަޕްކޮށްފައި ހުރިހެން ހީނުވެއެވެ. އެހާ ވެސް ލުއިލުއި މޭކަޕެކެވެ. ތުނި ދެތުންފަތުގައިވީ މަޑު ފިޔާތޮށި ކުލައެކެވެ. ހިމަ އިނގިލިތަކުގެ ކުރި ނިޔަފައްޗާއެކު ހުރީ ހީނާގެ ގަދަ އޮރެންޖު ކުލައިގައެވެ. އަތްތިލައި އެތެރެއާއި ބޭރުގައި ހީނާއިން ކުރެހުން އަޅާފައެވެ. ނަމަވެސް އެސްފިޔަތަކުން ރައްކާތެރި ކޮށްލެވިފައި ދެ ލޮލުގައި ވަނީ ކޮންކަހަލަ އަސަރެއް ކަމެއް މީހަކަށް ނުފެނެއެވެ. ނަޒަރު ތިރިކޮށްލައިގެން ހުރި ގޮތުންނެވެ. ކައިވެނި ހެދުމުގެ މަތީބުރިއާއި ދެއަތްކުރީގައި މިނަލާއެކުވާ ލޭސް ބޯޑަރެއްވިއެވެ. ހެދުމުގެ ބޭރުން ލާފައި ހުރި އަތްކެނޑި ކަފްތާން ވައްތަރުގެ ފުޅާ ޖެކެޓު ހެދުމުގެ ފަސްބަޔަށްވުރެ ތަންކޮޅެއް ދިގުކޮށް އޮތްއިރު އޭގައި ވެސް ހުރީ ހެދުމުގައި ހަރުކޮށްފައި ހުރި ފަދަ ލޭސް ބޯޑަރެކެވެ. ދެ ފަރާތުގެ ޢާއިލާގެ އަންހެނުން އޮތް ކުލައަކީ ފެހިކުލަ އެވެ. ނަމަވެސް ރޫމާއަކީ ކަޅު ހެދުންލާ އަންހެނެކެވެ. އެހެންވެ އޭނާ ހުރީ ޖަރީ ކުރެވިފައިވާ ކަޅު ހެދުމެއްގަ އެވެ. ޙަފުލާގެ މާޙައުލާ ގުޅޭނޭ ގޮތަކަށެވެ.

އައްޔޫބާއެކު ޒާހިދު ހުއްޓެވެ. އޭގެ ދެމީހުން އެނބުރި ތިރިއަށް ދިޔައީ ކައިވެނި ކޮށްދޭ މީހުން އައިސްގެންނެވެ. ހުރިހާ މޭޒެއްގެ ކުރިމައްޗަށް ވާހެން ހުރި މޭޒުދޮށުގައި މީހުން ހަމަވިއެވެ. ޤާޟީގެ ކަނާއަތް ފަރާތުގައި އައްޔޫބާއި ޒާހިދުގެ އިތުރުން އޭނާއާއެކު އައި އިތުރު މީހަކު އިނެވެ. ވައަތްފަރާތުގައި ތިބީ އަސްލަންއާއި ނޯޔާއެވެ. ނޯޔާގެ އުނގުގައި ޖޯޑުކޮށްލެވިފައި އޮތް އަތްތިލައަށް ގެންނަ ހަރަކާތްތަކަށް އަސްލަންގެ ނަޒަރު ހުއްޓުނެވެ. ހާސްވެފައިކަން އެ އިނީ ދެނެގަންނަން އަސްލަންއަށް އުނދަގުލެއް ނުވިއެވެ. އަސްލަންއާ ޖެހިގެން ފަވާދު އިނެވެ. މޭޒުކައިރީ ހިނގާ ހުރިހާކަމެއް ފެންނަ ހިސާބުގައި ކެމެރާ އަތަށް ހެޔޮވަރުކޮށްލައިގެން ރިދާން ހުއްޓެވެ. ކެމެރާގެ އިސްކުރީގެ ތެރެއިން ނޯޔާގެ ސޫރައަށް ބަލަން ރިދާނަށް ހުރެވުނެވެ.

"ދެއާ އިޒް ނަތިން އައި ކޭން ޑޫ." އަމިއްލަ ހިތަށް ރިދާން ބުނެލި އެވެ. ކައިވެނި ކުރެވޭ ހިނދުން އަބަދަށް ޓަކައި އޭނާއަށް ނޯޔާ ގެއްލޭނެކަން އެ ހިތަށް ވެސް ޔަގީން ވެއެވެ. ބޭބެގެ ހައްޤަކަށް އަރައިގެނެވޭނީ ކިހިނެއް ހެއްޔެވެ. އެފަދަ ވިޔާނުދާ ޚިޔާލަކަށް ރިދާން ދުވަހަކު ވެސް އިޖާބައެއް ނުދޭނެއެވެ. އެއީ އޭނާގެ އުސޫލެއް ނޫނެވެ. އޭނާގެ ނަސީބުގައި ނޯޔާ ނެތީ އެވެ. ތަޤްދީރާ ދެކޮޅު ހަދާ ވަރަށްވުރެ އޭނާއަކީ ވިސްނޭ މީހެކެވެ.

"ތި ލޯބިލޯބި ކުއްޖާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުން އަހަރެންގެ ދުޢާއަކީ." ލުއި ހިނިތުންވުމެއް ރިދާންގެ ތުންފަތަށް ވެރިކޮށްލި އެވެ.

އަސްލަން އަނބި ޤަބޫލުކުރިއިރު ނޯޔާ އިނީ އިސްޖެހިފަ އެވެ. އަސްލަންއަށް ވެސް ނޯޔާއާ ނަޒަރު ސީދާކޮށްލުން މުހިންމު ކަމެއްކަމަށް ނުދެކެއެވެ. އޭނާ އެ އިންނަނީ ވެސް އެކަން އަވަހަށް ނުނިމިގެންނެވެ. ވަލީމާ ބާއްވައި އެކަން ބޮޑު ކޮށްލީ ސަބީނާއެވެ. ނޯޔާއަށް ޓަކައެވެ. އެކުއްޖާގެ އަލަތު ކައިވެނީގެ ހަނދާންތަށް ކުލަގަދަވާން އެދޭތީއެވެ. އަސްލަންއަށް އެއްބަސްވާން ޖެހުނީ އެހެންވެއެވެ. އޭނާ ބޭނުންނުވިޔަސް ނޯޔާއަށް ލިބޭނެ އުފާވެރިކަން ގެއްލުވާލަން ނުކެރުނީއެވެ.

"ނިމުނީތަ؟" މޭޒުދޮށުން ޤާޟީއާއެކު ދެންތިބި މީހުން ތެދުވާތީ ފެނުމުން ނޯޔާއަށް އަހާލެވުނީ އަމިއްލަ ހިތާއެވެ. ކައިވެނި މޭޒުދޮށުގައިވީ ކިހިނެއްކަމެއް އޭނާއަށް ނޭނގޭ ކަހަލައެވެ. ނިކަން އަވަހަށް އިސްއުފުލާލި ގޮތަށް ނޯޔާއަށް ހޯދާލެވުނީ މަންމަ ކޮބާތޯއެވެ. ރޫމާ ހުރީ ހުސިޔާރުވެއެވެ. އަވަހަށް ދަރިފުޅުގެ އަތުގައި ހިފައިފިއެވެ. ގަނޑުކޮޅެއްހާ ފިނި އަތްތިލައިގަ ހުރި ތުރުތުރު ރޫމާއަށް އިޙްސާސް ކުރެވުނެވެ.

"އެ ނިމުނީތަ؟" މަންމަ ގާތުގައި މަޑުމަޑުން ނޯޔާއަށް އަހާލެވުނެވެ. ހިތުގެ ހާލު ފަރުދާކޮށްލައިގެން ހުރެ ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ރޫމާ ބޯޖަހާލީއެވެ.

މެހެމާނުން ހޭލަމޭލަވާ އަޑުފަށްގަނޑު ގަދަވާން ގިނައިރެއް ނުނެގި އެވެ. ރަނާއި ފެހިކުލައިގެ ހެދުންކޮޅުތަކުގައި އަސްލަންގެ ދެ އަންހެން ދަރީން އުޅެއެވެ. ކުޑަދަރިފުޅު އުރާލައިގެން ސަބީނާ ހުރީ ރޫމާގެ ގާތުގައެވެ. ނޯޔާއަށް ފެންނަ ހިސާބުގައި ޔަޝާ ހުރީ ހެވި ދިލިފައެވެ. އަތުންކޮށްލި އިޝާރާތުން އޭނާއަށް އަސްލަން ވަރަށް ކަމުދާކަން ދައްކާލިއެވެ. ނެހާ ވެސް އިނީ ކުޑަދަރިފުޅު ގޮވައިގެން ޔަޝާ ކައިރީގައެވެ.

"ޑެޑީ ކައިރީ މަލް ވެސް ހުންނަން ބޭނުމީ." މަލްސާގެ އަޑު ޔަޝާއަށް އިވުނީ އެވަގުތެވެ. އޭނާއަށް ސަބީނާ ދެއްކި ވާހަކަ ވެސް އަޑު އިވުނެވެ. އަޖައިބުވެ އަންތަރީސްވެފައި އިނދެ ނެހާއާ ދިމާއަށް ޔަޝާ އެނބުރިލި އެވެ.

"އަސްލަންގެ ކުއްޖެއްތަ އެހެރީ... އޭނާ މަންމަ ކައިރީ." ޔަޝާ ލޮލުން އެ ދިމާއަށް އިޝާރާތް ކުރި އެވެ.

"ހޫމް! އޭނަ މަންމަ އުރައިގެން ހުރި ބޭބީ ވެސް، ދެން އޭނީނު މަޑުމަޑުން އިންކުއްޖެއް، އެ ވެސް..."

"ވަޓް ދަ..." ޔަޝާ ވަގުތުން އަނގަމަތީ އަތް އެޅި އެވެ. ނެހާއަށް ވަގުތުން ނަގައިގަނެވުނެވެ. ޔަޝާ ގާތު ނޯޔާ އެ ވާހަކަތައް ނުބުނާ ކަމެވެ.

"ތިން ދަރީން... އޭނާގެ..." ނެހާއާ ކައިރިއަށް ގުދުވެލަމުން ސިއްރުން ޔަޝާ އަހާލިއެވެ. ނެހާ މަޑުމަޑުން ބޯޖަހާލީ އެވެ.

"ނޯޔާއަށް އެނގޭ." ޔަޝާގެ އަޑުން ހާމަވީ ޤަބޫލުކުރަން އުނދަގޫވެފައި އިންކަމެވެ. އެ މޫނުގައި ކުރިންވީ އުފާވެރިކަމާއި ހިނިތުންވުން ގެއްލިއްޖެއެވެ. ސީރިއަސްކަމާއި ފަރުވާތެރިކަމާއެކު އެއްފަރާތުގައި ތިބި އަސްލަންއާއި ނޯޔާއަށް ޔަޝާ ބަލަން ފެށިއެވެ.

"ތާތި..." ޔަޝާ ފަށަން އުޅުނު ވާހަކަ ނެހާ ހުއްޓުވި އެވެ.

"ނޯޔާގެ ގޮތް އެނގޭނެ މިހާރު، ފެމެލީއިން ކުރުވި ކަމެއްމީ... ވަގުތެއްވީމަ ނޯޔާއާ ވާހަކަދައްކާ، ޔަޝާ ކުރާ ސުވާލަށް ޖަވާބު ދެވޭނީ އޭނާއަށް." ޔަޝާގެ ސުވާލުތައް ގިނަވާނޭކަން ލަފާކޮށް ނެހޭ ބުންޏެވެ. ބޯޖަހާލާފައި ޔަޝާ އަނެއްކާ ވެސް ބަލަން ފެށީ އަސްލަންއާއި ނޯޔާއަށެވެ.

ޝެހެނާޒާއި މުނީޒާ ތިބީ އަރީން އިން މޭޒުގައެވެ. ޝެހެނާޒުގެ ދަރިފުޅާއި މޫނީޒާގެ ދެ ކުދީން އަރީންގެ ކުދީންނާއެކު މޭޒު ކައިރިން ދުރަށް ދިޔައެވެ. އެއާއެކު އަރީން ބަލާލީ ޝެހެނާޒަށެވެ.

"ރީތި ކުއްޖެއްދޯ..." އަރީން ބަލާލި އިރަށް ޝެހެނާޒު ބުނެފި އެވެ.

"މީހެއްގެ ކިރުބޯ ޅަދަރިއެއް ހޯދީމަ ރީތިވާނެއެއްނު." އަރީން ބުންޏެވެ.

"ވަރަށް ގުޅޭ އެ ޖޯޑު، އަސްލަން ނަސީބުގަދައީނު." މުނީޒާގެ ޚިޔާލު ފާޅުކޮށްލިއެވެ. ޖޫސްތަށްޓެއް ބަލައި މުނީޒާ މޭޒުދޮށުން ތެދުވި ވަގުތު އަރީން އަވަހަށް ޝެހެނާޒަށް ގޮވާލިއެވެ.

"އޭތް! މިއަދު ދިނީ ތެދު ޚަބަރެއްތަ؟" އަރީން އަހާލިއެވެ.

"ކޮބާ؟... މިދުހަތުތަ؟" ޝެހެނާޒު ބުނުމާއެކު އަރީން ބޯޖަހާލިއެވެ. ޝެހެނާޒު ފެށީ ހޭށެވެ.

"މަށަށް އޭރުވެސް އެނގުނު ކަލެއަށް ތިވަރު ވާނެކަން، އަސްލަންއަށް ޚަބަރެއްނުވޭތަ؟" ޝެހެނާޒު އަހާލިއެވެ.

(ނުނިމޭ)