މުހައްމަދު މަބްރޫކް އަޒީޒް

ފުރަތަމަ ދުވަހު ތަރުޖަމާނު ފެއިލް!

ކަންކަމުގެ ހަގީގަތް ހާމަކޮށް ރައްޔިތުންނަށް ޖަވާބުދާރީވާ ސަރުކާރެއް ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތަށް ގެންދާން ސަރުކާރުގެ އެކި ދިހަ މަތީން މަސައްކަތް ވެސް ކުރައްވަ އެވެ. އަދި އެ މަގަށް ސަރުކާރު ހިންގަން މިދިޔަ ދެ އަހަރު ދުވަހު ސީދާ ރައީސް ވެސް މަސައްކަތްތަކެއް ކުރެއްވެވި އެވެ. ނަމަވެސް ވަރަށް ގިނަ ފަހަރަށް އަމާޒަށް ވާސިލް ނުވެވި ކަންކަން ފޮރުވި ފޭލި ވަނީ އެވެ. ރައީސްގެ އެ އަމާޒަށް ވާސިލްވާން އެންމެ އިސް ދައުރެއް އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ޓީމަށެވެ. ސެކްރެޓަރީ، ކޮމިއުނިކޭޝަންސް އާއި ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާންގެ މައްޗަށް އެކުލަވޭ ވަރުގަދަ ޓީމަށެވެ.

މިދިޔަ ދެ އަހަރު ދުވަހު ސެކްރެޓަރީ، ކޮމިއުނިކޭޝަންސްގެ މަގާމުގައި ހުންނެވީ ހަސަން އިސްމާއީލެވެ. އެއީ މީޑިއާއާ ވަރަށް ގުޅުން ބޮޑު ބޭފުޅެކެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ އިހަށް ދުވަހާ ހަމަމަށް ތަރުޖަމާނަށް ހުންނެވީ އިބްރާހިމް ހޫދެވެ. އެ މަގާމަކީ ސީދާ ރައީސްގެ ދުލެވެ. އެކަމަކު ހޫދަކީ ނޫސްވެރިންނާއި ވަރަށް ބީރައްޓެހި ބޭފުޅެކެވެ. ރައީސް އޮފީހުން މައުލޫމާތު ހޯދަން މިދިޔަ ދެ އަހަރު ކުރިމަތިވި ގޮންޖެހުންތަކުގައި ހޫދުގެ "ދުއްތުރާ" ތައް ބޮޑެވެ. އެ ނޫންވެސް އެހެން ކަމެއް އޮތެވެ. ހަސަން އިސްމާއީލް އާއި ހޫދުގެ ގުޅުމެއް ނެތުމުގެ ސަބަބުން ކިޔާއެއްޗެއް ދިމާ ނުވުމާއެކު ޕްރެސް / ކޮމިއުނިކޭޝަން ޓީމު ރަނގަޅަށް ފަންކުޝަން ވުމަށް އޮތް ވަރަށް ބޮޑު ހުރަހަކަށް އޭނާ ވިއެވެ.

އެ ހުރިހާ ކަމެއް ދެ އަހަރު ފަހުން މިހާރު ވަނީ ބަދަލުވެފައެވެ. ކޮންމެެވެސް ސަބަބަކާ ހުރެ ހަސަން އިސްމާއީލް ރަައީސް އޮފީހުން ބޭރުވެއްޖެ އެވެ.

ކުރީން ތަރުޖަމާނަކަށް ހުންނެވި ހޫދު މިހާރު ހުންނެވީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސްގެ ވެރިޔާގެ މަގާމުގަ އެވެ. "އާދެ! އޭނާ ހުންނެވީ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓްގެ މަގާމުގަ އެވެ."

ރައީސް އޮފީހުގެ / ސަރުކާރުގެ ތަރުޖަމާނަކަށް ވަޑައިގެންނެވީ އެ އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑާ ސެކްރެޓަރީގެ މަގާމުގައި ހުންނެވި މުހައްމަަދު މަބުރޫކް އަޒީޒެވެ. އެންމެން ވަރަށް ބޮޑަށް ފަރިތަވެފައިވާ މަބުރޫކެވެ.

ތަރުޖަމާންގެ މަގާމަށް މަބުރޫކް ވަޑައިގެންނެވީ ކޮވިޑްގެ ބަލިމަޑުކަމުގައި ރައްޔިތުންނަށް މައުލޫމާތު ދެއްވުމުގައި ކުރެއްވި ހިތްވަރު ގަދަ އަދި ބުރަ މަސައްކަތުން އާންމުންގެ ވަރަށް ބޮޑު ލޯތްބެއް ހޯއްދަވައިގެނެވެ. ދޫ ފަސޭހަކަމާއެކު ނޫސްވެރިންގެ ސުވާލުތަކަށް މަބުރޫކު ދެއްވަމުން ގެންދެވި ޖަވާބުތަކާއި ރައްޔިތުންނަށް ކޮންމެ ރެއަކު ދެއްވަމުން ގެންދެވި ނަސޭހަތްތަކާއެކު މަބުރޫކުގެ ތަރި އަރައި ފިޔަޖަހާކަށް ދުވަހެއް ނުނަގަ އެވެ.

އެހެން ނަމަވެސް ދުވަސްވަމުން ދިޔަ ވަރަކަށް މަބުރޫކު ރަނގަޅަށް "ސިޔާސީ ފެނަށް" ދިރުނެވެ. ނޫސްވެރިންގެ ބައެއް ސުވާލުތައް ކުރިމަތި ވުމުން ގަސްތުގައި އެނގިހުރެ އޮޅުވާލައްވައި ސިޔާސީ ދޮގުތައް ހައްދަވަ އެވެ. ބޭނުމަކީ ސަރުކާރު ދިފާއު ކުރުމެވެ. އެ މަސައްކަތުގައި ރަނގަޅަށް އެނގިވަޑައިނުގަންނަވާ ބައެއް ވާހަކަތައްވެސް ވިދާޅުވަމުން ގެންދެވި އެވެ. އެކަމަކު ފަސޭހަ ކަމާއެކު އެވެ. އެކަމުން ސަރުކާރަށް ލިބުނު ފައިދާ ވެސް ބޮޑެވެ. ކޮވިޑްގެ ތެރޭގައި ސަރުކާރަށް އަމާޒުވި ހުރިހާ ފާޑުކިޔުމެއްހެން ގާތްގަނޑަކަށް ދިފާއު ކުރީ މަބުރޫކެވެ.

ސަރުކާރުގެ ދިފާއަށްޓަކައި ބައެއް ފަހަރު "'ގޯސް" ވާހަކައެއް ވިދާޅުވެވުނަސް އަދި ވިދާޅުވިޔަސް މަބުރޫކުގެ ވިދުމަށް ބަދަލެއް ނާދެއެވެ. ސަރުކާރުން އޭނާއާ ހަވާލުކުރި މަސައްކަތް އެތައް މަހެއް ފަހުން ނިންމަވާލެއްވީ ކާމިޔާބު ކަމާއެކު އާންމުން ހިތްތަކުން ޖާގަ ވެސް ހޯއްދަވައިގެނެވެ.

"އާދެ! އޭނާ މިހާރު އެއީ ދިވެހި ސަރުކާރުގެ ތަރުޖަމާނެވެ!"

އެ މަގާމަށް މަބުރޫކް ހަމަޖެއްސެވުން ވެގެންދިޔައީ އެންމެނަށްވެސް ލިބުނު ހިތްހަމަޖެހުމަކަށެވެ. ސަރުކާރު ދިފާއު ކުރަން ރެއާއި ދުވާލު ސޯޝަލް މީޑިއާގައި މަސައްކަތް ކުރާ އެކްޓިވިސްޓުންނާއި ސަރުކާރަށް ތާއީދު ކުރާ މީހުންނާއި ނޫސްވެރިންނަށް ވެސް ލިބިގެންދިޔަ ހިތްހަމަޖެހުމަކަށް އެކަންވި އެވެ.

މަގާމާއި ހަވާލުވެވަޑައިގެން 24 ގަޑިއިރުވެސް ނުވަނީސް ރައީސް ސޯލިހާއި ބައްދަލުކުރައްވާ މީޑިއާ އާ ގާތް ގުޅުމެއް އުފައްދަން އާ ވިސްނުންތަކެއް ގެންގުޅުއްވުމަށް މަޝްވަރާ ކުރެއްވިއެވެ. މަހަކު ދެ ފަހަރު ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ނިންމެވިއެވެ. ރައީސް އޮފީހުގެ ޕްރެސް ކޯޕްސްއެއް އުފައްދަން ނިންމަވައި ފަސޭހަކަމާއެކު ސަރުކާރުގެ މައުލޫމާތުތައް ނޫސްވެރިންނަށް ހޯދޭނެ މަގުތައް ތަނަވަސް ކޮށްދެއްވުމަށް މަސައްކަތް ފެއްޓެވިއެވެ.

ރައީސާއެކު ބޭއްވެވި ބައްދަލްވުމަށް ފަހު މިދިޔަ މަހުގެ 14 ވަަނަ ދުވަހު މަބުރޫކް އެކަން އިއުލާނު ކުރެއްވިއިރު ރައީސްގެ ތަރުޖަމާންގެ ޕްރެސްއެއް ނުބާއްވާތާ އަހަރު ދުވަސްވީ އެވެ. ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ އަށް މަސް ދުވަސް ފާއިތުވީ އެވެ. މަބުރޫކާއެކު ފަސޭހަކަމާއެކު ސަރުކާރުގެ މައުލޫމާތުތައް ނޫސްވެރިންނަށް ހޯދޭނެ މަގުތައް ހުޅުވޭނެ ކަމަށް ނޫސްވެރިން ތިބީ އުންމީދު ކޮށްގެންނެވެ. ތަރުޖަމާނަކީ ނޫސްވެރިންނާއި ވަރަށް ރައްޓެހި ބޭފުޅަކަށް ވުމަކީ އެ ގޮތަށް އުންމީދު ކުރެވުނު އެންމެ ބޮޑު ސަބަބުވެސް މެއެވެ.

ދުރާލާ އިއުލާނުކޮށް ތަރުޖަމާން ގެންދެވީ އޭނާގެ ފުރަތަމަ ފެނިލުމަށް ތައްޔާރުވަމުންނެވެ. ރައީސް އޮފީހުގެ ޕްރެސް ޓީމުގެ މެންބަރުންނާއި ބައްދަލުކޮށް ޕްރެސްއަށް ވަރަށް ބޮޑަށް ތައްޔާރުވި އެވެ. އެ މަންޒަރު ފެންނަ ޑްރާމާ ވީޑިއޯ އިސްތިހާރުތައް ހަދައިގެން ސޯޝަލް މީޑިއާގައު ވެސް އިޝްތިހާރު ކުރިއެވެ. އެއީވެސް ގިނަ ބަޔަކަށް ލިބުނު އާ އުންމީދެކެވެ. ސިޔާސީ ވާދަވެރި ކަމުގައި ބައެއް މީހުން ފާޑުކިޔާ ޖޯކު ޖެހިޔަސް އެއީ ގިނަ ބައެއްގެ ނަޒަރުގައި ރައީސް އޮފީހުގެ ޕްރެސް ޓީމު ހަރުދަނާވެ ރަނގަޅުވެ ދާނެ ކަމުގެ އުންމީދެކެވެ.

"އާދެ! މިދިއަ ބުދަ ދުވަހަކީ އާ ތަރުޖަމާންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން އޮތް ދުވަހެވެ."

އޭނާ ސީދާ 57 މިނެޓަށް ދިގު ދެމިގެންދިޔަ ނޫސްވެރިންގެ ބައްދަލްވުމެއް ބޭއްވި އެވެ. އަދި ނޫސްވެރިންގެ ވަރަށް ގިނަ ސުވާލުތަކަށް މަބުރޫކް ޖަވާބު ދެއްވި އެވެ. ފުރަތަަމަ ނޫސްވެރިންގެ ބައްދަލުވުން ހާއްސަކޮށްފައި އޮތީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށެވެ. ހާއްސަކޮށް ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 7،000 ފްލެޓްގެ ދާއިމީ ލިސްޓް އެކުލަވާލާ ފްލެޓް ލިބޭނެ މީހުން ކަނޑައެޅި ގޮތަށެވެ. ނަމަވެސް ސަރުކާރުގެ އެކި ކަންކަމާއި ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް މަބުރޫކް ޖަވާބު ދެއްވި އެވެ. ސިޔާސީ އެކި މައްސަލަތަކާއި ގުޅޭ ސުވާލުތަކަށް ވެސް ބައެއް ސުވާލުތަކަށް ކުރުކޮށް ބައެއް ސުވާލުތަކަށް ވަރަށް ތަފްސީލުކޮށް ޖަވާބު ދެއްވިއެވެ.

ނަމަވެސް އާ ތަރުޖަމާންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމާއެކު ކުރީން ކުރިއަމުން އައި ބައެއް އުންމީދުތައް ގެއްލިއްޖެ އެވެ. ފޮރުވުމެއް ނެތި ހަގީގަތް ހާމަކުރާނެ ކަމަށް ކުރެވުނު އުންމީދު ފުރަތަމަ ބައްދަލްވުމުން ވެސް ބިލާހަކަށްވި އެވެ.

ގިނަ ބަޔަކަށް އެންމެ ބޮޑު މާޔޫސް ކަމެއް ލިބުނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު "ފުރުވާލު" މަށް ސަރުކާރުން އިސްވެ ކުރި މަސައްކަތް ފޮރުވަން މަބުރޫކު ދެއްކެވި ޖޯކް، ތާކުން ތާކު ނުޖެހޭ ވާހަކަތަކުންނެވެ. އަދި ހިޔާ ފްލެޓްތަކުގެ ކެޓަގަރީތަކުން ފްލެޓް ދޭ އަދަދަށް ގެނައި ބަދަލާއި ގުޅޭގޮތުން އެކަން އޮޅުވާލައި ދޮގު ހަދަން ގަސްތުގައި ދެއްކެވި ވާހަކަތަކުގެ ސަބަބުންނެވެ.

"އާދެ! އެކަމުގައި ތަރުޖަމާނު ހެއްދެވީ ހުސް ދޮގެވެ!"

ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް ކޮށް ސީރިއަސް ހަތް ދައުވާއެއް އުފުލާފައިވަނިކޮށް އަލީ ވަހީދު ކުއްލި ގޮތަކަށް ބޭރަށް ވަޑައިގެންނެވީ ޕާސްޕޯޓް ހިފަހައްޓަން ކޯޓުން ނެރުނު އަމުރު ބާތިލު ކުރުމުންނެވެ. އެ އަމުރު ބާތިލު ކުރީ އަންގާރަ ދުވަހު އެވެ. އެ ދުވަހުގެ އިރޮއޮއްސުނު ވަގުތު އަލީ ވަހީދު ބޭރަށް ވަޑައިގެންނެވި އެވެ. އެ ހަބަރު އެ ރޭ ނޫސްތަކުގައި ޖެހި އެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލްވުމާއި ހަމަައަށް އެކަމާ ގުޅޭގޮތުން ސަރުކާރުގެ ބަހެއް އޮތީ ނުލިބި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކް ވިދާޅުވި ގޮތުގައި އަލީ ވަހީދު ބޭރަށް ވަޑައިގެންނެވިކަން ފުރަތަމަ އެނގިވަޑައިގެންނެވީ ހަބަރުންނެވެ. އެއީ ތެދަކަށް ވެދާނެ އެވެ. މަބުރޫކަށް އެކަން އެނގިވަޑައިގެންނެވީ ހަބަރުން ކަމަށް ވެދާނެ އެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން ދެއްވާ ޕްރެސް ސްޓޭޓްމަންޓެއްގައި އެހެން ވިދާޅެއް ނުވެވޭނެ އެވެ. މަބުރޫކު އެ ވަގުތު އެ ހުންނެވީ ސަރުުކާރުގެ އަޑު އިއްވާށެވެ. ސަރުކާރުގެ ފަރާތުން ވާހަކަ ދައްކާށެވެ. އޭނާ އެއީ ރައީސްގެ ދޫފުޅެވެ. އެނކަން ހިނގައި ދިޔަ ގޮތެއް ރައީސަށް އެނގި ވަޑައިގަންނަވާނެ އެވެ. ތަރުޖަމާނުގެ ނޯޓް ފޮތުގައި އޮންނާނެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައި އޮތް ވަރުގަދަ ފިޔަވަޅުތަކާއެކު ހުޅުލެއަށް އަރާ ފޭބުން އަދި އަމުދުން ފުރައިގެން ރާއްޖެއިން ބޭރުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންވީމަ ޕާސްޕޯޓް ހިފަަހައްޓާ ދައުލަތުން އެތަށް ދައުވާއެއް އުފުލާފައިވާ ބޭފުޅަކަށް ސަރުކާރާ ސިއްރުން ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭނެ ހެއްޔެވެ؟ އެފަދަ ކަމެއް ހިނގާ އެކަން މީޑިއާ އާއި ސަރުކާރަށް ނޭނގޭނަމަ ސަރުކާރެއް އޮތުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ ސަރުކާރެއް އޮވެ އެކަން އެހެންވާނަމަ ސަރުކާރެއް އެބަ ހިންގޭތޯ ސުވާލުވެސް އުފެދުނީ އެވެ.

އަލީ ވަހީދު ފުރުވާލުމާ ގުޅޭ ސުވާލަށް އެހާ ހެއްވާ ޖަވާބެއް ދެއްވުމަށް ފަހު ދެން ވެސް މުޅީން "ގޮއްވީ އަތަށް" ށެވެ. ވިދާޅުވި ގޮތުގައި އަލީ ވަހީދުގެ މައްސަލާގައި ރަައީސް ފިޔަވަޅު އެޅުއްވިލެއް އަވަހެވެ. ދައުވާ އުފުލާ ކޯޓަށް ފޮނުވި ގޮތް މޮޅެވެ. އޭނާ ބޭރަށް ފޮނުވީ ބަލީގެ ހާލަތު ހުރި ގޮތުން ކޯޓުންނެވެ.

"އަަޅުގަނޑުމެންނަށް މިހާރު ލިބޭ މައުލޫމާތުން ކޯޓުން އެ އަމުރު އަނބުރާ ގެންދަވާ ޕާސްޕޯޓް ވަނީ އަނބުރާ ހަވާލު ކުރައްވާފައި. މައިގަނޑު ސަބަބެެއް ގޮތަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ބަލި ހާލަތު ހުރި ގޮތުން ބޭރަށް ވަޑައިގަންނަވަން ޖެހޭ ކަމަށް އަދި އެވަޑައިގަތުމުގައި ޑޮކްޓަރެއްގެ ބަހަށް ރިޔާއަތްކޮށް ލިބެންޖެހޭ ފަރުވާ ލިބެން އެންމެ ރަނގަޅީ އޭރުން ކަމަށް ކޯޓުން އެ ގޮތަށް އެކަން ކުރެއްވި ކަމަށް،" މަބުރޫކް ވިދާޅުވި އެވެ.

އޭގެ ފަހުން ކްރިމިނަލް ކޯޓުން ނެރުނު އަމުރު "ލީކު" ވިއެވެ. އެ އަމުރުގައި އޮތް ގޮތުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެނެވެ. އެ ހަބަރު ދައުރުވާ ފެށުމުން ޕީޖީ އޮފީހާއި ކޯޓުން ވެސް ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ދެއްކި އެވެ. ދެ އިދާރާއިން ވެސް ބުނީ އަމުރުގައި ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައި ވަނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ލިޔެވިފައިވަނީ އޮޅިގެނެވެ.

އިއްޔެ ޕީޖީ އޮފީހުން ވަނީ އެކަމާއި ގުޅޭ ދިގު ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާން ބުނާ ގޮތުން ދައުލަތުން އެކަމަށް އިންތިހާ އިއުތިރާޒު ކުރިއެވެ. ނަމަވެސް އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާ ނިންމުން ނިންމީ ކޯޓެވެ. އަލީ ވަހީދު ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށައަޅާފައިވާ ކަމަަށާ އެއީ އޭނާގެ އެކުވެރި އަދި މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ކަމަށްވެސް ބުންޏެވެ.

މި ހުރިހާ ވާހަކަތަކަކުން ހާމަވީ އެންމެ ކަމެކެވެ. އެއީ އަލީ ވަހީދު "ފުރުވާލަން" ކުޅުނު ކުޅިގަނޑު ފަޅާއެރުމުން އެކަން އޮއްބާލަން ތަފާތު ވާހަކަތައް ދައްކަމުން ދާ ކަމެވެ. ތަރުޖަމާނު މަބްރޫކުގެ ޖޯކް ވާހަކަތަކާއެކު ކޯޓާއި ޕީޖީގެ ފަރާތުން ވެސް އައީ އެހާ ހެއްވާ ވާހަކަތަކެކެވެ.

ފުރަތަމަ ބައްދަލުވުމުގައި ތަރުޖަމާން ހެއްދެވި އަނެއް ދޮގަކީ ހިޔާ ފްލެޓްތަކާއި ގުޅޭ ގޮތުން ހެއްދެވި ދޮގެވެ. މި ސަރުކާރު ވެރިކަމަށް އައިސް ބަދަލު ގެނައީ ހަމައެކަނި ފްލެޓް ދޭނެ މީހުންގެ ލިސްޓަކަށްވެސް ނޫނެވެ. ފްލެޓް ދޭން ކަނޑައަޅާފައިވާ ކެޓަގަރީތަކުން ދޭން ނިންމާފައިވާ އަދަދުތަކަށް ވެސް ބަދަލު ގެނައެވެ. މާލެ ރައްޔިތުންނަށް ފްލެޓް ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. އެ ވައުދު ފުއްދީ ކަމަށް ދައްކަން ކުރި ކަމަކީ ހިޔާ ފްލެޓްތަކުން މާލެ ރައްޔިތުންނަށް ދޭން ނިންމާފައިވާ ފްލެޓްގެ އަދަދު އިތުރުކުރީއެވެ. 1050 ފްލެޓް ދޭން ނިންމި އެ ކެޓަގަރީން މި ސަރުކާރުން ވަނީ 1837 އަށް ބަދަލު ކޮށްފަ އެވެ. އެކަން ކުރީ ޑޮކްޓަރުންނާއި ނަރުހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ފްލެޓް އުނިކުރުމަށްފަހު އެވެ.

މަބުރޫކް ވިދާޅުވި ގޮތުގައި މާލެ ރައްޔިތުންނަށް ދޭ ފްލެޓްގެ އަދަދު އިތުރުކުރީ ކެބިނެޓުން ނިންމައިގެންނެވެ. އެ ނިންމުން އައީ އެންމެ ގިނަ ބަޔަކު ފްލެޓަށް އެދިފައި ވަނީ އެ ކެޓަގަރީން ކަމަށް ވާތީ އެވެ. އަދި އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށްވާތީ އެވެ.

ނަމަވެސް މަބުރޫކަށް އެނގިވަޑައިނުގެންނެވި ކަމަކީ އެ ހެއްދެވި ބޮޑު ދޮގު ރައްޔިތުންނަށް ސާފުކޮށް ފަޅާއަރާނެ ކަމެވެ. އެއީ 18 އަހަރާއި 40 އަހަރާ ދެމެދު އުމުރުގެ ކައިވެނި ކޮށްގެން އުޅޭ މީހުންގެ ކެޓަގަރީއަކީ އެންމެ ޑިމާންޑް ބޮޑުވި ކެޓަގަރީ އެވެ. އެކަން ކުރީ ސަރުކާރުން ވެސް އޮތީ ހާމަ ކޮށްފައެވެ. މިހާރު ގެޒެޓް ބަލާލިޔަސް އެ އޮތީ ފެންނާށެވެ. އެ ކެޓަގަރީއަށް 8،000 ވުރެ ގިނަ މީހުން ފޯމް ހުށައެޅިއެވެ.

ނަމަވެސް މާލެ ރައްޔިތުންގެ ކެޓަގަރީއަށް ފްލެޓް އިތުރުކުރީ އެއީ އެންމެ ގިނަ މީހުން ކުރިމަތިލާފައިވާ ކެޓަގަރީއަށް ވުމުން ކަމަށް ވިދާޅުވެ ތަރުޖަމާން ދޮގެއް ހެއްދެވީއެވެ. އެ ސުވާލު ފްލެޓް ކޮމެޓީގެ މުގައްރިރު ތޯހާއާވެސް ކުރެވުނެވެ. ނަމަވެސް ތޯހާ އެ ސުވާލަށް ޖަވާބެއް ނުދެއްވިއެވެ. ނަމަވެސް ކޮންމެ ސުވާލަކަށްވެސް ދޭނެ ޖަވާބެއް އޮންނާނެ ކަމަށް ދެކޭތީ އޮޅުވާލަން ނަމަވެސް މަބުރޫކް ކޮންމެވެސް ޖަވާބެއް ދެއްވީއެވެ.

މި ވާހަކަތަކުން އާ ތަރުޖަމާނާމެދު ކުރެވުނު އުންމީދަށް ފަނޑުކަން ގެނެސްފިއެވެ. ނޫސްވެރިންގެ ގާތް މަބުރޫކުގެ ފުރަތަަމަ ފެނިލުން ފެއިލް ކަމަށް ބުނަން ޖެހެއެވެ. އެހެން އެކަންވީ ޕްރެސް ޓީމު ހަރުދަނާ ނުވުމުން ކަމަށްވެސް ވެދާނެ އެވެ.