ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. ނަޒްލާ ރަފީގް

މިއީ ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތު: ނަޒްލާ

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ގަދައަށް ހިފެހެއްޓުމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ނަޒްލާ މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިއަދު ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގައި ރާއްޖެ މިހާރު އޮތީ މީގެ ކުރިން ތަޖުރިބާ ނުކުރާފަދަ ނުރައްކާތެރި ހާލަތެއްގައި ކަމަަށެވެ. ހާލަތު އިތުރަށް ސިފަކޮށް ދެއްވާ ނަޒްލާ ވިދާޅުވީ ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގައި ހުރި ކެޕޭސިޓީ ފުލްވަމުންދާ ކަމަށެވެ. އަދި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާއިރު ހޮސްޕިޓަލްގައި ފަރުވާ ދޭ މީހުންގެ އަދަދު 200 އިން މައްޗަށް ވަނީ އަރާފައެވެ.

ނަޒްލާ ވަނީ ނުރައްކާތެރި ހާލަތުން އަރައިގަތުމަށް އެންމެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި ފިޔަވަޅުތަކުގައި ވަރުގަދައަށް ހިފެހެއްޓުމަށް އިލްތިމާސް ކުރެެއްވިއެވެ.

ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. މިދިޔަ 42 ދުވަހު ފަންސާހުން ދަށުގައި ކޮވިޑް ކޭސްތައް ހުރީ އެންމެ ދުވަހަކު އެވެ. މިދިޔަ 20 ދުވަހު ކޮވިޑް ކޭސްތައް ހުރީ ސަތޭކައިން މަތީގައެވެ. އެ މުއްދަތު 2،500 އެއްހާ މީހުނަށް ކޮވިޑް ޖެހިފައިވެއެވެ. ޖަނަވަރީ އަދި ފެބްރުއަރީ މިހާތަނަށް 8 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ.