ޖާމިނުވާނެ ފަރާތެއް ހުށައެޅުމުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭރަށް "ފުރުވާލީ" ގޮތަށް ޖަލުގައި އޮންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކޮށް އުމުރު ދުވަހު ޖަލުގައި ހުންނަވަން ތައްޔާރަށް ކަމަށް އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ "މަގ ފްލެޓް ކޮބާ" ނަމުގައި އިދިކޮޅުން މިއަދު ބޭއްވި އެއްވުން ނިންމާލުމުގެ ގޮތުން ޕީޕީއެމްގެ އޮފީސް ކުރިމަތީ އެއްވުމުގެ ބައިވެރިންނާއި ވާހަކަދައްކަވަމުންނެވެ.
ހަތް ދައުވާއެއް އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން އެކި މީހުންނާމެދު ކަންތައްތައް ކުރަނީ އެކި ގޮތަށް ކަމަށެވެ. ސަރުކާރުގެ ތެރޭގައި އިންސާފުން ހިންގާ އެއްވެސް ކަމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޖާމިނުވާނެ މީހަކު ހުށައެޅުމުން މިނިވަންވެވޭނަމަ ރައީސް ޔާމީން މިނިވަންކޮށް މުޅި އުމުރަށްވެސް އެމަނިކުފާނުގެ ބަދަލުގައި ޖަލުގައި ހުންނަވަން ތައްޔާރު ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެ ގޮތަށް މީހުން ބައިތިއްބާފައި މީހުންނަށް މިނިވަންވެވޭ ކަމަށްވަންޏާ ރައީސް ޔާމީން މިހާރުން މިހާރަށް ގެއަށް ގެނެސްދޭށޭ. އަޅުގަނޑު ގެންގޮސް އުމުރު ދުވަހަށް ޖަލުގައި ބާއްވާށޭ. އަޅުގަނޑު ގެންގޮސް އުމުރަށް ޖަލުގައި ބާއްވާފައި ރައީސް ޔާމީން ގެއަށް ގެނެސްދޭށޭ. އެހެން ނޫނީ ކޮބައިތޯ އިންސާފު،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަލީ ވަހީދު ތިން މަސް ދުވަހަށް ބޭރަށް ފުރުވާލީ އޭނާއާ ޖާމިނުވާ މީހެއްގެ ގޮތުގައި މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރު އަދި އަލީ ވަހީދުގެ އެންމެ އެކުވެރި އައްސަދު އަލީ ހަމަޖައްސާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ އިންސާފު ގެއްލުވާލާ ރައީސް ޔާމީނަށް އެކަނި އަނިޔާދޭން ކަމަށެވެ. ބޮޑެތި ކުށްވެރިން މިއަދުވެސް ތިބީ ގޭގައި ކަމަށާ އެއީ ރައީސް ޔާމީނާ ދެކޮޅަށް ހެކި ދިނުމުގެ ހަދިޔާއެއްގެ ގޮތުން ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސް ޔާމީން ޖަލުގައި، އަދީބު ގޭގައި. ޒިއަތު ގޭގައި. ކޮބާތޯ އިންސާފު،" އެއްވުމުގެ ބައިވެރިންނާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.