ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ދިހަ މީހުންނަށްވުރެ ގިނައިން އެއްވުން މަނާކޮށްފި

މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި އެއްފަހަރާއި 10 މީހުންށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވި އަމުރުގައި ބުނެފައިވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުލޭގައި އެއްފަހަރާއި 10 މީހުންށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން މަނާ ކަމަށެވެ. އަދި މި އެންގުން ތަންފީޒު ކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަންފީޒު ކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް މިއަދު ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް މި މަހުގެ ދެވަނަ ދުވަހުވެސް ވަނީ ވަރުގަދަ ކޮށްފައެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.

ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކުރިއަށް ކާފިއު ދަނީ ހިންގަމުންނެވެ. ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.

މިހާރުވެސް ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް މަނާކޮށްފައިވާއިރު، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަމުންވެސް ގެންދެއެވެ.