ސ. ހިތަދޫ

ހިތަދޫ ކްލަސްޓާ: 32 ޕޮޒިޓިވް، ހައިރިސްކް 100 ކޮންޓެކްޓް

އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން މިހާތަނަށް 32 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އައްޑޫ ސިޓީ މިވަގުތު އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ. އެ ރަށުން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ ހުޅުމީދޫއިންނެވެ. އެ ފަހުން ހިތަދޫއިން ވަނީ ބަޔަކު ޕޮޒިޓިވްވެފައެވެ. އެއީ ކަަރަންޓީންގައި ތިބި ބައެއް ނޫން ކަމުން އެ ދެ މީހުންނާއި ބައްދަލުވި ގިނަ ބަޔަކު ތިއްބެވެ. އަދި އެ ކްލަސްޓާ ބޮޑުވެ ހަތަރު ރަށެއްގައި އެ ކްލަސްޓާއާ ގުޅުންހުރި މީހުން އެބަތިއްބެވެ. އެ ކްލަސްޓާއާ ގުޅުންހުރި 32 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވެއެވެ.

އެޗްއީއޯސީން މިރޭ ބުނީ ހިތަދޫ ކްލަސްޓާއާ ގުޅުންހުރި 338 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހައިރިސްކު 100 މީހަކު ހިމެނެއެވެ.

ހިތަދޫ ކްލަސްޓާއާ ގުޅިގެން ހަދަން ޖެހޭ ސްޓަޑީތަކަށް އެޗްޕީއޭގެ ޓީމެއް މިއަދު ވަނީ އައްޑޫއަށް ގޮސްފައެވެ.

އައްޑޫ ސިޓީގައި އެޅި ފިޔަވަޅުތައް

  • ރޭގަނޑު 8 ކުން ފަތިހު 4އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ،
  • މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ،
  • ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާ،
  • އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން،
  • އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން،
  • އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވުން މަނާ،
  • ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން،
  • ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުން،
  • ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލުން،
  • ހޮޓާ/ކެފޭ، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން
  • މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން