އެޗްޕީއޭ

އެޗްޕީއޭގެ އިހުމާލުން މަރުވެދިޔަ މީހުންގެ މައްސަލަތައް ބަލާނެ: ތޯރިގް

ކޮވިޑް-19 އިގެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިހުމާލުން މަރުވެދިޔަ މީހުން ހިމެނޭ ކަމަށް ތުހުމަތުކޮށް އެ މައްސަލަތައް ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.

ތޯރިގް މިހެން ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް ސިޔާސީ ޕާޓީތަކުން އަމަލު ކުރާނަމަ ފިޔަވަޅު އަޅަންޖެހޭ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވުމާއި ގުޅިގެނެވެ. ނަޒުލާ ވިދާޅުވީ ގައިޑްލައިނަށް ތަބާވުމަކީ އެންމެން ކުރަން ޖެހޭނެ ކަމަށާ ފިޔަވަޅުތަކަކީ އެންމެންގެ މައްޗަށް ނެރޭ އެއްޗެއް ކަމަށެވެ. އެ ފިޔަވަޅުތަކަށް ތަބާ ނުވާނަމަ ސިޔާސީ ޕާޓީއެއް ނަމަވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަަމަށާ އެކަން ފުލުހުން ތަންފީޒު ކުރާނެ ކަމަށެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ މެންބަރު ތޯރިގު ވިދާޅުވީ ފިޔަވަޅު އަޅަންވީ ސިޔާސީ ޕާޓީތަކަށް ނޫން ކަމަށާ ފިޔަވަޅު އަޅަންވީ އެޗްޕީއޭގެ އިހުމާލަށް ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ މަޝްހޫރު ވިޔަފާރިޔާ މަރޮށީ ހުސައިން އަބްދުﷲ (އެމްއެޗްއޭ) ގެ ދެމަފިރިން އަވަހާރަވި ހާދިސާއަށެވެ. ތޯރިގު ވަނީ ހުސައިން އަބްދުﷲ ގެ ދެމަފިރިން އަވަހާރަވީ އިހުމާލުން ކަމަށް ވިދާޅުވެ އެ މައްސަލާގައި ދައުވާ ކުރަން ޖެހޭ ކަމަަށް ވިދާޅުވެފަ އެވެ.

"ސަރުކާރުގެ އިހުމާލުން، އޮޅިގެން އަދި ފަރުވާ ކުޑަކަމުން މަރުވެދިޔަ މީހުންގެ މައްސަލަތައް ނުބަލާނެ ކަމަށް ހީނުކުރައްވާ!" ތޯރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ކޮވިޑް ޖެހިގެން އެންމެ ފުރަތަމަ ރާއްޖެއިން އަވަހާރަވީ ވިޔަފާރިވެރިޔާ، ހުސައިންގެ އަނބިކަނބަލުންނެވެ. އުމުރުން 83 އަހަރުގެ އައިމިނަތު އާދަމް އަވަހާރަވީ ނޭވާލާން އުނދަގޫ ވެގެން ހޮސްޕިޓަލަށް ގެންދަނިކޮށެވެ. އެ މަރުގައި އިހުމާލުތަކެއް ހުރި ކަމަށް އޭރު ވެސް ވާހަކަ ދެކެވުނެވެ. އާއިލާއިން އޭރު ބުނި ގޮތުން އައިމިނަތުގެ ސާމްޕަލް ނަގަން ދިޔައީ ވެސް އެޗްޕީއޭގައި ވަރަށް ގިނައިން އާދޭސްކުރި ފަހުންނެވެ. އަދި އެއީ އުމުރުން ދުވަސްވުމުގެ އިތުރުން އެހެން ބަލިތަކަށް ވެސް ފަރުވާ ހޯދަމުން ދިޔަ މީހަކަށްވެފައި ޓެސްޓް ސާމްޕަލް ނެގުމަށް ހަތަރު ދުވަސް ހޭދަވި ކަމަށް ބުނެ އާއިލާއިން އޭރު ކަންބޮޑުވުން ފާޅުކުރި އެވެ. އާއިލާއިން ބުނާ ގޮތުގައި އައިމިނަތު ވަރަށް ބޮޑަށް ބަލިވެގެން އެޗްޕީއޭއަށް ގުޅައި އެކަން އެންގުމުން އެކަމަށް އެޓެންޑްވީ ވެސް އެތައް އާދޭހެއް ކޮށްގެނެވެ.

އެކަންކަން ބެލުމަށްފަހު ބައެއް ކަންކަން ގޯސްކޮށް ހިނގާފައިވާ ކަމަށް އެޗްޕީއޭއިން ވެސް ވަނީ އެއްބަސްވެފަ އެވެ. އަދި މައްސަލަތައް ދިމާ ނުވާނެ ގޮތަށް ކަންކަން އިންތިޒާމު ކޮށްފައިވާ ކަމަށްވެސް ފަހުން ބުންޏެވެ.

ފިޔަވަޅު އަޅަންވީ ސިޔާސީ ޕާޓީތަކަކަށް ނޫން. އެޗްޕީއޭގެ އިހުމާލުން އަވަހާރަވި އެމްއެޗްއޭގެ ދެމަފިރިންގެ މައްސަލައަށް ދައުވާ ކުރަންވީ. ސަރުކާރުގެ އިހުމާލުން، އަދި ފަަރުވާ ކުޑަ ކަމުން މަރުވެދިޔަ މީހުންގެ މައްސަލަތައް ނުބަލާނެ ކަމަށް ހީ ނުކުރައްވާ!
އަހުމަދު ތޯރިގް | މަހިބަދޫ ދާއިރާގެ މެންބަރު

އެއްވުން މަނާކޮށްފައިވަނިކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ އެއްވުމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވެސް ވަނީ ވިދާޅުވެފަ އެވެ.

"މަގޭ ފްލެޓް ކޮބާ" ނަމުގައި އިއްޔެ ހަވީރު މާލޭގައި ވަނީ ހިނގާލުމެއް ބާއްވާފަ އެވެ. ގިނަ ބަޔަކު ބައިވެރިވި މި ހިނގާލުމުގައި އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. ހިނގާލުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން ހަމަނުޖެހުން ވެސް ހިނގާފައި ވެއެވެ. ހަމަނުޖެހުންތަކުގައި ފުލުހަކާއި އާންމުންނަށް ވެސް އަނިޔާވި އެވެ. ފުލުހުން ވަނީ އާންމުންގެ މޫނަށް ޕެޕާސްޕްރޭ ޖަހާ ބާރުގެ ބޭނުން ވެސް ކޮށްފަ އެވެ.

އިދިކޮޅު ހިނގާލުމުގެ މަންޒަރު ފެންނަ ވީޑިއޯއަކާއެކު ޝަރީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވެސް އެޗްޕީއޭއިން އިއުލާނު ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

"މި ކްލިޕް [ވީޑިއޯކޮޅު] އިން މި ފެންނަ މަންޒަރުތަކަށް މިކަން އިންތިޒާމު ކުރި ޕާޓީއަކުން ޖަވާބުދާރީވާން ޖެހޭނެ،" ދުރާލާ އިއުލާނު ކޮށްގެން އިދިކޮޅު ދެ ޕާޓީން ބޭއްވި ހިނގާލުމަށް އަމާޒު ކުރައްވާ ޝަރީފް ވިދާޅުވި އެވެ.