ލައިފްސްޓައިލް

މިސްއިންޑިއާ ރަނަރަޕް މާންޔާގެ އަސަރުގަދަ ވާހަކަ

އަޒުމާއި ބުރަ މަސައްކަތުން ކާމިޔާބު ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނޭ މީހުން ބުނެ އުޅެ އެވެ. މާންޔާ ސިންގް އަކީ މީގެ އަގުހުރި މިސާލެކެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ވީއެލްސީސީ ފެމިނާ މިސް.އިންޑިއާ 2020 ގެ ރަނަރަޕް އަކަށް ހޮވުނު މާންޔާގެ ހަޔާތުގެ ދަތުރަކީ ވަރަށް ގިނަ އުނދަގޫތަކާއި ހިތްދަތި ތަޖުރިބާ ތަކުން ފުރިގެންވީ ދަތުރެކެވެ. ބަނޑުހައިހޫނު ކަމުގައި ހޭދަކުރި އެތައް ރެއެއް އެ ދަތުރުގައި އޭނާ ތަޖުރިބާ ކޮށްފައި ވެއެވެ.

އުއްތަރު ޕްރަދޭޝްގެ ކުޝީނަގަރްގައި ދިރިއުޅޭ މާންޔާ އަކީ އޮޓޯ ރިކްޝާ ޑްރައިވަރެއްގެ ދަރިއެކެވެ. ފަގީރުކަމާއި ނިކަމެތި ކަމުން ކުޑައިރު އޭނާ އާއި އާއިލާ އުޅެފައިވަނީ ނިހާޔަތަށް ހިތްދަތި ދިރިއުޅުމެކެވެ.

މިސް އިންޑިއާގެ ރަނަރަޕްގެ މަގާމު ލިބުމާއެކު ލިބުނު ގިނަ އަދަދެއްގެ ފައިސާ އާއި މަޝްހޫރު ކަމާއެކު މާންޔާ މިހާރު ދަތުރު ފަށާފައި ވަނީ އޭނާގެ ހަޔާތުން ލިބުނު އިބުރަތްތައް އެހެން މީހުންނާ ހިއްސާކޮށް އެމީހުން ވެސް އެގޮތަށް ގަދައަޅާ މަސައްކަތް ކުރަން ހިތްވަރު ހޯދާދިނުމަށެވެ.

އިންސްޓަގްރާމްގައި މާންޔާ ޝެއާ ކުރި ޕޯސްޓެއްގެ އޭނާގެ ހަޔާތުގެ ވާހަކަ ވަރަށް ތަފްސީލުކޮށް ކިޔައިދީފައި ވެއެވެ. ކާނެ އެއްޗެއް ނުލިބި ބަނޑުހައި ހޫނުކަމުގައި ނިދަން ޖެހުނު އެތައް ރެއެއްގެ ތަޖުރިބާ އާއި، ލިބޭ މަދު ފައިސާކޮޅު ސަލާމަތްކުރަން ފައިމަގުގައި އެތައް މޭލަކަށް ހިނގާފައި ސްކޫލަށް ދިޔަ ދުވަސްތަކުގެ ވާހަކަތައް ކިޔައިދީފައި ވެއެވެ.

ފޮތާއި އަންނައުނު ގަންނާނެ ފައިސާ ނުލިބޭތީ މާންޔާ އަބަދުވެސް ބޭނުން ކޮށްފައި ވަނީ އެހެން މީހުން ބޭނުން ކޮށްފައި ހުންނަ އަންނައުނާއި ފޮތްތަކެވެ. ފައިސާގެ ދަތިކަން އިންތިހާއަށް ގޮސް މާންޔާގެ އިމްތިހާނަށް ފީ ދެއްކޭނެ ގޮތެއް ނެތި މަންމަ އަތުގައި އޮތް ރަންކޮޅު ރަހުނުކޮށްފައި ލިބުނު ފައިސާއިން އިމްތިހާނަށް ފީ ދެއްކި ކަމަށް ވެސް މާންޔާ ބުނެފައި ވެއެވެ.

"އެތައް ރެއަކު އަހަރެންނަށް ބަނޑުހައި ވެގެން ނުނިދިފައި އޮތިން. މެންދުރުގެ އަވިގަނޑުގައި ކިޔަވަން ދާން އެތައް މޭލަކަށް ހިނގިން. އަހަރެންގެ ގައިން އޮހޮރުނު ލެޔާއި ދާ އަދި ލޮލުން އޮހުނު ކަރުނައަކީ އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރަކަށްވި،" މާންޔާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުނެފައި ވެއެވެ.

ރިކްޝާ ދުއްވައިގެން ބައްޕައަށް އެކަށީގެންވާ ފައިސާ ނުލިބޭތީ ޓީންއޭޖް ދުވަސްވަރަށް އެޅުމުން މާންޔާއަށް ކިޔެވުން ހުއްޓާލާ މަސައްކަތް ކުރަން ފަށަން ޖެހުނެވެ.

އެންމެ ފަހުން އުމުރުން 14 އަހަރުގައި މާންޔާ ގެއިން ފިލީ އެވެ. ކޮންމެވެސް ގޮތަކުން ތައުލީމު ފުރިހަމަ ކުރަން ބޭނުންވާތީ އެވެ. އޭނާ މެންދުރު ކުރީގައި ފިލާވަޅުތައް ދަސްކުރުމަށް ފަހު މެންދުރުފަހު ގޭގެއަށް ތަށި ދޮވެދީ ހަދަން ދިޔަ އެވެ. ރޭގަނޑު ކޯލް ސެންޓަރެއްގައި މަސައްކަތް ކުރި އެވެ. އޭނާ ގްރޭޑް 10 ނިންމާފައި އިމްތިހާނު ހެދިއިރު މަސައްކަތް ކުރަމުން ދިޔައީ ޕިއްޒާ ވިއްކާ ތަނެއްގަ އެވެ. އެވަރުން ވެސް އޭނާ އެ އިމްތިހާނުން 80 ޕަސެންޓް އެގްރިގޭޓް ހޯދި އެވެ.

"އަހަރެންނާ ހެދި މަންމައަށް ވަރަށް ތަކުލީފު އުފަން ޖެހޭ. އެހެންވެ ގެއިން ފިލައިގެން ގޮސް ތަންތަނާ މަސައްކަތް ކުރަމުން ކިޔެވީ. އަހަރެން މިސް. އިންޑިޔާ މުބާރާތުގައި ބައިވެރިވީ މަންމަ އާއި ބައްޕަ އަދި ފިރިހެން ކޮއްކޮގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމުގެ އުންމީދުގައި. އަދި އަހަރެން ކަހަލަ އަންހެންކުދިންނަށް ވެސް ހުވަފެންތައް ދެކޭނަމަ އެ ހުވަފެންތައް ހަގީގަތަކަށް ހެދިދާނެކަން ސާބިތު ކޮށްދޭން،" މިސްއިންޑިއާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުގައި މާންޔާ ލިޔެފައިވާ މި ލިޔުމުގައި ބުނެފައި ވެއެވެ.

މާންޔާ ބުނާ ގޮތުގައި ހުވަފެން ހަގީގަތަކަށް ހެދުމަށް ތައުލީމަކީ އެންމެ ވަރުގަދަ އަދި އެންމެ ބޭނުންތެރި ހަތިޔާރެވެ.
އޭނާއަށް މަންމަގެ ލޯބި ހިތް ފުރޭވަރަށް ލިބުނު ނަމަވެސް އެ މަންމައަކަށް އޭނާއަށް ކާން ދޭކަށް ނުލިބެ އެވެ. ސްކޫލް ފީއެއް ދައްކައެއް ނުދެވެ އެވެ. ފޮތާއި އަންނއުނު ގަނެދޭކަށް ނުލިބެ އެވެ.

ފަގީރު އޮޓޯ ޑްރައިވަރެއްގެ ދަރިއެއްކަން އެނގޭތީ ސްކޫލްގައި ކިޔެވިއިރު ކްލާސް ކުދިންގެ ފޮށުމާއި މަލާމާތުގެ ޝިކާރައަކަށް ވެސް މާންޔާ ވިއެވެ. އަދި އެހާ ސިފަ ރީތި ނުވެފައި އިނގިރޭސިން ފަރިތަކޮށް ވާހަކަ ދައްކަން ނޭނގޭތީ ވެސް ކްލާސް ކުދިން އޭނާއާ ދިމާކޮށް ބުލީކޮށް ހެދި އެވެ.

މިސް އިންޑިއާގެ ރަނަރަޕްކަމާއެކު ލިބުނު ފައިސާ އިން އާއިލާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން މާންޔާ މިހާރު ވަނީ ނިންމާފަ އެވެ. އަދި މޮޑެލް ކުރުން ހުއްޓާ ނުލާނެކަމަށް އޭނާ ބުނެ އެވެ.

މިއަހަރުގެ މިސް އިންޑިއާ މުބާރާތުން އެއްވަނަ ހޯދީ މަނިކާ ޝޫކަންޑް އެވެ. ދެވަނަ މަނާސާ ވަރަނާސީ އަށް ލިބުނުއިރު މާންޔާ ދިޔައީ ތިންވަނަ އަށެވެ.