މަތިންދާބޯޓު ޕައިލެޓުން އަޅާ ކަހަލަ ހުދުކުލައިގެ ޔުނިފޯމެއްގައި އެމީހާ ހުރިއިރު އޭނާއަކީ އެއްގޮތަކަށް ވެސް ޕައިލެޓެއް ނޫން ކަމެއް އެކަކަށް ވެސް ނޭނގެ އެވެ. ނައިޖީރިޔާއަށް އުފަން ބަބަޓުންޑޭ ލަވާލް އިސިއަކާ، 36، މި ޔުނިފޯމް އަޅާފައި ހުންނައިރު އެމިރޭޓްސް އެއާލައިންސްގެ ބެޖާއި އެނޫންވެސް އެ އެއާލައިން ކުރޫން ބޭނުންކުރާ ހުރިހާ ނިޝާންތަކެއް ވެސް އެ ޔުނިފޯމްގައި ހުރެ އެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަޝްހޫރު އެއް އެއާލައިން އެމިރޭޓްސްގެ ޕައިލެޓެއްގެ ގޮތުގައި ފާއިތުވީ ހަ އަހަރު ދުވަހު މި މީހާ ވަނީ ގިނަ ބަޔަކަށް އޮޅުވާލާފަ އެވެ. މީގެ ކުރިން މިގޮތަށް ޕައިލެޓަކަށް ހެދިގެން އުޅުނީ 1950 ގެ އަހަރު ތަކުގައި ފްރޭންކް އެބަގްނޭލް ކިޔާ މީހެކެވެ. ފްލައިޓުގައި ހިލޭ ދަތުރު ކުރަން އެމީހާ ހެދިގެން އުޅުނީ ޕޭން އޭމް ޕައިލެޓަކަށެވެ. ނަމަވެސް އެމީހާ މިގޮތަށް ޕައިލެޓަކަށް ހެދިގެން އުޅުނު މުއްދަތަށް ވުރެ ތިން ގުނަ އިތުރު މުއްދަތަކަށް ބަބަޓުންޑޭ ވަނީ އެމިރޭޓްސް އެއާލައިންގެ ޕައިލެޓަކަށް ހެދިގެން އުޅެފަ އެވެ.
ސްޓީވަން ސްޕީލްބާގްގެ އެތައް އެވޯޑެއް ހޯދި ބްލޮކްބަސްޓާ ހޮލީވުޑް ފިލްމު "ކެޗް މީ އިފް ޔޫ ކޭން" އަކީ އެބަގްނޭލް ކަންތައްތައް ކުރި ގޮތުގެ ހަގީގީ ހާދިސާތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އެބަގްނޭލްގެ ރޯލު ކުޅެފައިވަނީ ލިއޮނާޑޯ ޑިކެޕްރިއޯ އެވެ.
ނަމަވެސް އެބަގްނޭލް އާއި ބަބަޓުންޑޭގެ ތަފާތަކީ އެބަގްނޭލް ދުނިޔޭގެ 25 ގައުމަކަށް ދަތުރުކުރީ ފޭކް ޕައިލެޓް ލައިސަންސަކާއި ޕޭން އެމް ޕައިލެޓުންގެ ޔުނިފޯމެއް ހޯދައިގެންނެވެ. ފޯޖްކޮށްފައިވާ ފްލައިޓް ޓިކެޓުތަކާއި ވިސާގައި ބަބަޓުންޑޭ ފާއިތުވީ ހަ އަހަރު ދަތުރުކުރީ އެމިރޭޓްސް އެއާލައިންގެ ޕައިލެޓެއް ކަމަށް ހެދިގެންނެވެ.
އެމިރޭޓްސް ޕައިލެޓަކަށް ހެދިގެން ބަބަޓުންޑޭ ވަނީ ސައުތު އެފްރިކާ، ގާނާ، ނައިޖީރިޔާ އަދި ޒިމްބާބުވޭގެ މީހުން ތަކަކަށް އޮޅުވާލައިގެން ލަނޑު ދީފަ އެވެ.
މިކަމަށްޓަކައި ބަބަޓުންޑޭ ރޭވީ ވަރަށް މޮޅު ރޭވުމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެވިއޭޝަން ދާއިރާގެ އެކި ވަޒީފާތަކަށް ޝައުގުވެރިވާ އެތައް ބަޔަކު އޭނާގެ އޮޅުވާލުމާއި މަކަރުގެ ޝިކާރައަކަށް ހެދި އެވެ.
ގާނާގައި އުފައްދާފައިވާ އޭއެން ކިޔާ އެއާލައިނަކަށް މީހުން ހޯދަނީ ކަމަށް ބުނެ ބޮޑެތި ޕޯސްޓަރުތައް ތައްޔާރުކޮށް އެ ޕްރޮމޯޓްކޮށް ގިނަ ބަޔަކު ވާވެއްދި އެވެ. ހަގީގަތުގައި އޭއެން ކިޔާ އެއާލައިނެއް ވުޖޫދުގައި ވެސް ނެތެވެ.
މިކަމަށްޓަކައި އޭއެން އެއާވޭޒްގެ ނަމުގައި ބަބަޓުންޑޭ ވަނީ ވެބްސައިޓެއް ވެސް ތައްޔާރު ކޮށްފަ އެވެ. ނަމަވެސް އެ ވެބްސައިޓަކަށް ދުވަހަކުވެސް މީހަކަށް ވަދެވޭ ގޮތެއް ނުވެ އެވެ. ޕައިލެޓް ޔުނިފޯމްގައި ބަބަޓުންޑޭ ހުންނަ ފޮޓޯއެއް ޖަހާފައި ދެން އިންނަނީ "އަންޑަ ކޮންސްޓްރަކްޝަން" ކަމަށެވެ. ނަމަވެސް މިއީ ވެސް ވެބްސައިޓް ފެނުނު އެތައް ބަޔަކަށް އިތުރު އޮޅުން އެރި ކަމަކަށް ވިއެވެ.
އޭއެން އެއާލައިނަށް ޕައިލެޓުންނާއި ފްލައިޓް އެޓެންޑެންޓުން އަދި އެނޫންވެސް މުވައްޒަފުން ހޯދަނީ ކަމަށް ބުނެ ބޮޑެތި އިޝްތިހާރުތައް ސޯޝަލް މީޑިއާގައި ޝެއާކޮށްގެން އެތައް ބަޔަކަށް ބަބަޓުންޑޭ ވަނީ ލަނޑު ދީފަ އެވެ. އޭނާގެ އިޝްތިހާރުތަކުން ހީވަނީ މިއީ އެމިރޭޓްސް އެއާލައިނުން މުވައްޒަފުން ހޯދަން ކުރާ މަސައްކަތެއް ހެނެވެ.
އެމިރޭޓްސް އެއާލައިނަށް ބަބަޓުންޑާގެ ކަންތައް އެނގިގެން އެކަމަށް ފިޔަވަޅު އެޅިއިރު އޭނާ ވަނީ އެތައް ބަޔަކަށް ލަނޑުދީ އެމީހުން އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލާފަ އެވެ.
އޭއެން އެއާލައިންގެ ފްލައިޓް އެޓެންޑެންޓެއްގެ ވަޒީފާއަށް ޝައުގުވެރިވީ 27 އަހަރުގެ ޒުވާން އަންހެނަކު ގަލްފުގެ ނޫހަކަށް ކިޔައިދިން ގޮތުގައި ބަބަޓުންޑާ ޖަހާފައިވާ އިޝްތިހާރުގައި އެމިރޭޓްސް އެއާލައިންގެ ޕައިލެޓެއްގެ ޔުނިފޯމްގައި އޭނާ ހުރި ފޮޓޮއެއް ޖަހާފައިވާތީ އެއްގޮތަކަށް ވެސް އެއީ ފޭކް ކަމެއް ނުވިސްނުނެވެ. އެހެންވެ އެ އިޝްތިހާރުގައި އިން އެމިރޭޓްސްގެ ވަޓްސްއަޕް ނަމްބަރަކަށް އޭނާ މެސެޖު ކުރީ އެވެ.
"ވަޓްސްއަޕުން މެސެޖުކުރީމަ އޭނަ ބުނި ތިމަންނަ އަކީ އެމިރޭޓްސް އެއާލައިންގެ ޕައިލެޓެކޭ. މިހާރު މަސައްކަތްކުރަމުންދަނީ އަމިއްލަ އެއާލައިނެއް އުފައްދާށޭ. ނަމަވެސް ރައްޓެއްސެއްގެ ފަރާތުން އެއީ ފޭކް އިޝްތިހާރެއްކަން އެނގުމުން އަވަހަށް އެކަން ހުއްޓާލީ،" އެމީހާ ބުންޏެވެ.
ނަމަވެސް ހުރިހާ އެންމެންގެ ނަސީބު އެހާ ރަނގަޅެއް ނުވި އެވެ. ބަބަޓުންޑޭ ލަނޑުދިން މީހުންގެ ތެރޭގައި އޭނާގެ ކުރިން ރައްޓެހިވެ އެންގޭޖްވެގެން އުޅުނު މީހަކު ހިމެނުނެވެ. އޭނާއަކީ އަމިއްލަ ފެޝަނަލް ލޭބަލްއެއް އޮންނަ، ނައިޖީރިޔާގެ މަޝްހޫރު ފެޝަން ޑިޒައިނަރެކެވެ. އެ ދެ މީހުން ރައްޓެހީ 2014 ގައެވެ. އަދި 2017ގައި ރުޅިވުމާ ހަމަޔަށް ވެސް އޭނާ ހީކޮށްގެން އުޅުނީ ބަބަޓުންޑޭ އަކީ އެމިރޭޓްސްގެ ޕައިލެޓެއް ކަމަށެވެ.
"ރައްޓެހިވެގެން އުޅުނު ތިން އަހަރެއްހާ ދުވަހު އެއްގޮތަކަށް ވެސް އޭނާއަކީ ފޭކް މީހެއް ކަމެއް ނޭނގޭ. ވަރަށް ގިނައިން އޭނާ ޕައިލެޓް ޔުނިފޯމްގައި ވެސް ހުންނާނެ. އަދި ބައެއް ފަހަރު އަހަރެން އޭނާ އެއާޕޯޓަށް ގެންގޮސްވެސް ދެން. އަދި ފޯނުން ބައެއް ފަހަރު ވާހަކަ ދައްކާއިރު މަތިންދާބޯޓުގެ އިންޖީނުގެ އަޑުވެސް އިވޭނެ. އެހެންވެ އެއީ ފޭކް މީހެއްކަން ވިސްނާލަން އެއްގޮތަކަށް ވެސް ނޭނގުނު. އޭނާ މަކަރު ހަދައިގެން އަހަރެން އަތުން 100،000 ޑޮލަރު އަތުލާފައިވޭ،" ބަބަޓުންޑޭގެ ލޯބިވެރިޔާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މީގެ ތެރެއިން ބައެއް ފައިސާއަކީ ފަހުން ދޭން އޭނާ އަތުލި ފައިސާ އެވެ. އޭނާއަށް ނޭނގި ވަގަށް ވެސް އޭނާގެ އެކައުންޓުން ބަބަޓުންޑާ ފައިސާ ނަގަފައިވާ ކަމަށް އަންހެންމީހާ ބުންޏެވެ.
މި ނޫނަސް އޮޅުވާލައިގެން ލޯބީގެ ގޮތުން ގުޅިގެން ވެސް ބަބަޓުންޑޭ ވަނީ ވަރަށް ގިނަ އަންހެނުންނަށް މަކަރު ހަދައި އެމީހުން އަތުން ފައިސާ ފޭރިފަ އެވެ.