(ފަހުބައި)
"އަހަރެންގެ ލަފަޔަކީ އާއިލާއާއެކު ބޭބީއަށް އުފާވެރި ވަގުތުކޮޅެއް ދިނުން." ޑޮކުޓަރު އަހަރެންގެ ކޮނޑުގައި އަތްބާއްވާލިއެވެ.
އެތައް ވާހަކައެއް ޑޮކުޓަރު ދެއްކިއެވެ. ހިތްވަރު ދިނެވެ. ހޮސްޕިޓަލުގެ ކައުންސިލިން ޔުނިޓަށް އަހަރުމެން ގެންދެވުނެވެ. ވިޝާމުއާއެކުގައެވެ. ކިތައްމެ ހިތްގަދަކޮށްގެން ކިތަންމެ ކެތްތެރިވެގެން އުޅުނަސް ކޮންމެ މީހަކަށް ވެސް މިފަދަ ހާލަތެއް މެދުވެރިވުމުން ހާސްވާނެއެވެ. ޖެހިލުން ވެވޭނެއެވެ. ނަފުސާނީ ގޮތުން ބަލިކަށިވާނެއެވެ. އަހަންނަށް ވެސްވީ އެހެންނެވެ. ކިތައްމެ ބުންޏަސް އެއީ އަހަރެންގެ ދަރިފުޅެވެ. އަހެރެންގެ އުއްމީދެކެވެ.
އެ ޅަ ހަށީގައި ހިނގަނީ އަހަރެންގެ ލެޔެވެ. ހިތުގައި ޖަހާނީ އަހަރެންގެ ވިންދެވެ. އަދި އެ ތުއްތުތުއްތު މައުސޫމު ފުރާނަ އުފަންކުރުވި މައިމީހާގެ ހިތަށް ކުރާނެ އަސަރާ މެދު އަހަންނަށް ވިސްނޭން ފެށުނެވެ. ވިޝާމާ ކުރާނެ ފިކުރާމެދު ހާސްވާން ފެށިއެވެ. އެހެންވެ ފިކުރުތަކުން ބަރުވެ މީހާ ނެގިމަޑުވާ ގޮތްވިއެވެ.
އަހަރެން ހީކުރި ގޮތާ ހިލާފަށް ވިޝާމާ މާ ހިތްވަރު ގަދައެވެ. މާ ކެތްތެރިއެވެ. އޭނާގެ މޫމަތީގައި ލުއި ހިނިތުންވުމެއް އަބަދުވެސް ކުރަހައިގެން ހުރެ އަހަންނަށް ވެސް ހިތްވަރުދެމުން ދިޔައެވެ.
"އަހަންނަށް ފެންނަނީ އިތުރު ޑޮކުޓަރަކަށް ދައްކަން." ވިޝާމާ އަހަރެންގެ އަތުގައި ހިފައިލަމުން ހިޔާލު ދިނެވެ.
ވިޝާމާގެ ހިޔާލަށް އަހަންނަށް ވެސް ތާއިދު ކުރެވުނެވެ. އެހެންވެ އިތުރު ދެ ހޮސްޕިޓަލަކަށް ގޮސް ހަތަރު ޑޮކުޓަރުންނަށް ދެއްކީމެވެ. ލިބުނީ ހަމަ އެއް ޖަވާބެކެވެ. ކޮންމެ ޑޮކުޓަރަކު ވެސް ދިނީ އެއް ހިޔާލެކެވެ.
"އިތުރަށް ކީމޯތަކެއް ދީފިނަމަ ބޭބީ ވަރަށް ނާޒުކު ހާލަތަކަށް ވެއްޓިދާނެ. ބޭބީގެ ހަށިގަނޑު މިހާރަށްވުރެ ވީކްވެދާނެ. ފަހަރެއްގައި ފުރާނައަށް ވެސް ނުރައްކާ ވެދާނެ،" އަހަރުމެން ދެއްކި ހަތަރުވަނަ ޑޮކުޓަރު ވެސް ދިނީ ހަމަ އެއް ޖަވާބެކެވެ. "މާނައަކީ މިހާރު ލަފާކުރެވިފައިވާ ވަރަށް ވުރެ ބޭބީގެ އުމުރު ކުރުވެދާނޭ. އަހަރުމެންނަށް ބޭބީ ގެއްލިދާނޭ."
"އެހެންވީމަ ކިހިނެއްތޯ ހަދަން ޖެހޭނީ؟" ވިޝާމާ އަހައިލިއެވެ.
"އިތުރު ގޮތެއް ނެތް. އެންމެ ރަނގަޅު ގޮތަކީ ބޭބީއަށް އާއިލާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ފުރުސަތު ފަހިކޮށްދިނުން،" ޑޮކުޓަރުން ފުން ނަޒަރަކުން އަހަންނަށް ބަލައިލިއެވެ. "ކެތްތެރިކަމާއެކު ދުވަސްތައް ގުނުން. ބޭބީއަކީ އަހަރުމެންގެ ހަޔާތުގެ ވަގުތީ މެހުމާނެއްކަން ގަބޫލުކޮށް، އެ މެހެމާނު ހިތްހަމަ ޖައްސައިދީ. އުފާކޮށްދީ."
އަޑުއަހަން ބޭނުން ނުވިޔަސް އެވާހަކަތައް އަޑުއެހީމެވެ. ހިތުގައި އަތް އަޅައިގެން މޭގެ ހިނގުން ހުއްޓާލައިގެން އިނދެގެންނެވެ. ލޯމަރައިގެން އިނދެއެވެ. ދެ ލޯމަރައިލިޔަސް އަހަންނަށް ސިފަވަނީ ޒާންގެ މައުސޫމު މޫނެވެ. އެ ހިތްގައިމު ހިނިތުންވުމެވެ. އެ ލޯބިލޯބި ފިރުމުންތަކެވެ.
އެންމެ ފަހުން އަހަރުމެން ރާއްޖެ އައީމެވެ. ބޭހުގެ ސަބަބުން ޒާނަށް މާބޮޑު ތަކުލީފުތަކެއް އިހުސާސެއް ނުކުރެވެއެވެ. ކުޅެ ސަކަރާތް ޖެހުމުގައި އޭނާއާއެކު އަހަރެން ވަގުތު ހުސްކުރީމެވެ. ވިޝާމާ ވެސް ހުރިހާ ވަގުތެއް ހޭދަކުރީ ޒާންއާ އެކުގައެވެ.
އެގޮތުގައި ދުވަސްކޮޅެއް ފާއިތުވެގެން ދިޔައެވެ. ޒާންގެ މޫނުމަތިން އުފާވެރިކަމުގެ ހިނިތުންވުން ފިލައިގެން ނުދެއެވެ. އޭނާ އަބަދު ހުންނަނީ ހިނިތުންވެފައެވެ. އެހާ ބޮޑު ބައްޔެއް ޖެހިފައި ހުރި ކުއްޖެއްހެން ވެސް ހީނުވެއެވެ.
ނަމަވެސް ދެތިން ހަފުތާ ފަހުން ދެން ކުރިމަތިވީ މުޅީން ތަފާތު ކަމެކެވެ. ޒާން ކޮށިއަރާން ފެށީއެވެ. އެއްޗެއް ކެޔަސް ބުޔަސް ކޮށިއަރަނީއެވެ. ކުޑަކޮށް ވަރުބަލިވެލާއިރަށް ކޮށި އަރަނީއެވެ. ނޭވާލާން އުނދަގޫވަނީއެވެ. ހާސްވަނީއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ނޭވާ ލެވެނީއެވެ. އެހެންވެ ޒާނަށް ކާން އުނދަގޫވިއެވެ. ކިރިޔާ އެއްޗެއް އަރުތެރެއަށް ދާއިރަށް ކޮށި އަރާތީ ކެވޭ އެތިކޮޅު ވެސް ބޭރަށް ނުކުމެ ހޮޑު ލެވެނީއެވެ. ފެންފޮދު ވެސް ދިރުވާން އުނދަގޫވަނީއެވެ.
"ޓިއުމަރު ގްރޯތު ފާސްޓުވީމަ ފުންޕާމޭ ފުރެނީ، ނޭވާލާނެ ޖާގަ ނުލިބުނީމަ ކޮށިއަރާ ގޮތްވަނީ. އެހެންވީމަ ބޭބީއަށް އިތުރު މައްސަލަތައް މެދުވެރިވަނީ." ޑޮކުޓަރުން އޮޅުން ފިލުވާދިނެވެ.
އެންމެފަހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފެށިއެވެ. ޒާންއަށް އެއްޗެއް ނުކެވި ނުބޮވެއެވެ. އެހެންވެ ޒާން ހިކި އަނަރޫފަވާން ފެށިއެވެ. ދެ ލޯ ކައިރި ކަޅުވެ އަޑިއަށް ވަނެވެ. ކޮލުގައި ހުރި މަސްތައް ވިރި ކޯ ހިނދިގެން ދިޔައެވެ. ކޮލުގެ ކަށިގަނޑު ހަންގަނޑު މަތިން ވެސް ފާހަގަވާން ފެށިއެވެ. އަތްފައި ހިކި ހޯލިތަކަކަށް ބަދަލުވިއެވެ. މޭގެ ކަށިގަނޑު ފާޅުވާންފެށިއެވެ. ހީވަނީ ކާއެއްޗެއް ނުލިބި ބަނޑަށް ޖެހިފައިވާ ކުއްޖެއްހެންނެވެ. ކާޑުބަލި ޖެހިފައިވާ ކުއްޖެއް ހެންނެވެ. ޒާން ސިފަވަނީ އެފަދަ ގޮތަކަށެވެ.
"މިހާރު ވަރަށް ވީކްވެފައި މިވަނީ، ފުއްޕާމެއިން ފެށިގެން މުޅި ހަށިގަނޑަށް ކެންސަރުގެ އަސަރު ފެތުރިފަ. ލޮލުގެ ފެނުމަށް ވެސް އަސަރުކޮށްފަ. ބޭބީ ލޯ ހުޅުވައިގެން އޮތަސް އެއްވެސް ތަނެއް ސާފުކޮށް ނުފެންނާނެ. މަންޒަރުތައް ފެންނާނީ ވަރަށް ފުސްކޮށް. މިހާލަތުގައި ބޭބީއަށް ވަރަށް ވޭން އަޅާނެ. ވަރަށް ތަދުވާނެ. އެހެންވީމަ މިހާރު ދެން ކުރެވެން އޮތް ފަރުވާތައް މި ކުރަނީ. ބޭބީއަށް އަޅާވޭން ކުޑަކުރެވޭތޯ މިދަނީ މަސައްކަތްކުރަމުން." ޑޮކުޓަރު އޮޅުންފިލުވާދިނެވެ.
އަހަންނަށް ބަލަން ހުރެވުނީއެވެ. ލޯބިލޯބި ދަރިފުޅު ލޯމަތިން މަޑުމަޑުން ގެއްލެމުން ގެއްލެމުން ދާ މަންޒަރު ފެންނަމުން ދިޔައެވެ. އޭނާ އިރުއިރު ކޮޅާ ކޮށި އަރާގޮތްވެއެވެ. ނޭވާ ނުލެވިގެން ތެޅި ފޮޅެއެވެ. އޮކްސިޖަންގެ އެހީގައި ނޭވާލައްވަން ޖެހެއެވެ. ދެ ލޯ ހުޅުވައިގެން އޮތަސް ޒާންއަށް ތަނެއް ނުފަންނަކަން އަހަންނަށް ވެސް އެނގުނެވެ. އޭނާއަށް ގޮވާލިޔަސް ހަރަކާތްކޮށްލެވެނީ މަދު ފަހަރަކުއެވެ. ހަނދާން ހުންނަނީ މަދު ކަންކަމެވެ. ބައެއް ފަހަރު އަހަރެން އަޑު ވެސް ފާހަގައެއް ނުކުރެވެއެވެ. މިހާ ހާލުގައި ދަރިއަކު އުޅޭ މަންޒަރު ބަލަން އަހަންނަށް ކެތެއް ނުކުރެވެއެވެ. އެތައް ފަހަރަކު ލޯމަރައިގެން އިނދެ ރޮމެވެ. ފާހާނާތަށި މަތީ އިނދެ ގިސްލަގިސްލާ ރޮމެވެ.
"މަމް، ބައްޕ.." ޒާންގެ ތުންފަތް ހަރަކާތްކޮށްލިއެވެ.
އަހަރެން ޒާންއާ ގާތަށް ޖެހިލީމެވެ. އަނެއް ފަރާތުން ވިޝާމާ ވެސް ޒާންގެ މޫނާ ކައިރިވެލިއެވެ.
"ދަރިފުޅާ." ނުރޯކަމަށް ހެދެމުން އަހަރެން ބުނެލީމެވެ.
"ޒާން ދަނ.." ޒާންގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނުވެ. "އުއްމައެއް.."
އޭނާ ދެލޯ ބޮޑުވިއެވެ. މޭ ހިއްލުނެވެ. ނޭވާ ނުލެވިގެން ތެޅެން ފެށުނެވެ. އަހަރެން ހިފަހައްޓައިލީ ޒާންގެ އަނަރޫފަ ވެފައިވާ ނިތްކުރީގައެވެ. ވިޝާމާ ހިފައިލީ ޒާންގެ އަތުގައެވެ.
އަހަންނަށް ބަލައިލެވުނީ ޒާންގެ ހަށިގަނޑަށް ގުޅައިފާ މެޝިނުން އަރަމުން ދިޔަ ރޮނގުތަކަށެވެ. އޮކްސިޖަން ލެވެލް އަށެވެ. ނަރުހުން ހަރަކާތްތެރިވާން ފެށިއެވެ. ޑޮކުޓަރު ވެސް އައިސް ޒާންގެ ދެ ލޮލަށް ބަލައިލިއެވެ. އޭރު ޒާން އޮތީ ހިމޭންވެފައެވެ. ހަރަކާތްތައް ހުއްޓިފައެވެ. އަހަންނަށް ބަލައިލެވުނީ ޑޮކުޓަރުގެ މޫނަށެވެ. ޑޮކުޓަރު ފުން ނޭވާއެއް ދޫކޮށްލިއެވެ.
މާޔޫސްކަމާއެކު އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަރެންގެ ކޮނޑުގައި އަތްބާއްވާލިއެވެ.
"ފަހު ވަގުތުކޮޅަށް ވެދާނެ. ކެތްތެރިވާތި، ހިތްވަރު ކުރާތި. ބޭބީގާތުގައި މަޑުކޮށްލާ." ޑޮކުޓަރު ލަސްލަހުން ބުނެލިއެވެ.
ނަރުހުން އަވަސްފަރުވާގެ މަސައްކަތުގައި އުޅެމުން ދިޔައެވެ. އޮކުސިޖަން ލެވެލް މަތިކޮށްލިއެވެ. ނަމަވެސް އޮކްސިޖަން ނުހިފެއްޓެއެވެ. ހަމަ ވެއްޓިގެން ދަނީއެވެ. އަހަންނަށް އިރު އިރުކޮޅާ މެޝިނަށް ބެލެއެވެ. އެއްފަހަރު ޒާންގެ މޫނަށެވެ. އަނެއް ފަހަރު މެޝިނަށެވެ. ކުރެހެމުން ދިޔަ ރޮނގުގެ ކަތިމިން ތެދުވަމުން ތެދުވަމުން ދިޔަ މަންޒަރު ފެނުނެވެ. މެޝިނުން އިވެމުން ދިޔަ އަޑާއެކު އަހަރެންގެ ވިންދު ވެސް އަވަސްވިއެވެ. ހިތުގެ ތެޅުން އިތުރުވަމުން ބާރުވަމުން ދިޔައެވެ. އެންމެފަހުން މެޝިނުގައި ކުރެހެމުން ދިޔަ ރޮނގު އެކުގައި ތެދު ރޮނގަކަށް ބަދަލުވިއެވެ. ޒާންގެ ވިންދުތައް ހުއްޓި ނޭވާ ހުސްވިއެވެ.
އަހަންނަށް ރޮއިގަނެވުނެވެ. ހުރިހާ ދުވަހު ކެތްކޮށްގެން އިން ވިޝާމާގެ ބަޑި ފަޅައިގެން ދިޔައެވެ. އަޑުން އަޑުނަގާ ރޯންފެށިއެވެ. ޒާންގެ ގައިގައި އޮޅުލަމުންނެވެ. އަހަންނަށް ވެސް ކެތެއް ނުކުރެވުނެވެ. ޒާންގެ މޫނަށް ބޮސްދެވުނެވެ. އޭނާގެ މޫނުގައި ފިރުމުނެވެ. ބާރުބާރަށް ރޮމުން ގިސްލަމުންނެވެ. މުޅި ތަނުން އިވެމުން ދިޔައީ އަހަރުމެން ދެމަފިރިންގެ ރުއިމުގެ އަޑެވެ. ނަރުހުން ވެސް މަންޒަރު ބަލަން ތިއްބެވެ. އަހަރުމެންނަށް ވަގުތުކޮޅެއް ދީގެންނެވެ. އެންމެފަހުން ޑޮކުޓަރު އަހަރެން ނެގިއެވެ. ކޮނޑުގައި ހިފައިލަމުން ހިތްވަރުދިނެވެ.
"މީ ކެތްތެރިވާންވީ ވަގުތު. ހިތްވަރުކުރާންވީ ވަގުތު، މާތްﷲ ތިޔަ ދެމަފިރިންގެ ދަރިފުޅަށް ސުވަރުގެ މިންވަރުކުރައްވާށި. އެއީ އަދި ޅަ ފުރާނައެއް. ކުށެއް ނެތް މައުސޫމު ކުއްޖެއް. މިއީ ކޮންމެ މީހަކަށް ވެސް މެދުވެރިވެދާނެ ހާލަތެއް."
ޑޮކުޓަރުގެ ގައިގައި އަހަންނަށް އޮޅުލައި ގަނެވުނެވެ. ރޮމުން ގިސްލަމުންނެވެ. އަހަންނަށް ޑޮކުޓަރު އެ ފުރުސަތު ދީގެން ހުރީއެވެ. މަޑުމަޑުން ބުރަކަށީގައި ފިރުމައިލިއެވެ. ލޯތްބާއެކުގައެވެ. އޯގާތެރިކަމުން ފުރިގެންވާ ގޮތަކަށެވެ.
"މިކަމުގައި ތިޔަ ދެމަފިރިންގެ ކުށެއްނެތް. މިއީ ތަގުދީރު ކުރެހި މަންޒަރު. ދަރިފުޅަށް ޓަކައި ދެމަފިރިން ދަތި ދުވަސްތަކެއް ގުނައިފި. ބުރަތަކެއް އުފުލައިފި. އެތައް ރެއެއްގެ ނިދި ނަގައިލައިފި. މާތްﷲ ތިޔަ ދެމަފިރިންގެ އަމަލުތައް ބައްލަވާ ވޮޑިގެންވޭ. އެކަލާނގެ ތިޔަ ދެމަފިރިންނަށް ރަހުމަތްލައްވާށި." ޑޮކުޓަރު އަހަރެންގެ ބުރަކަށީގައި ފިރުމަމުން ލަސްލަހުން ބުނެލިއެވެ.
ޑޮކުޓަރުގެ ވާހަކަތަކުން އަހަންނަށް ހިތްވަރު ލިބުނެވެ. އިރުކޮޅެއް ފަހުން މީހާ ހަމައަކަށް އެޅުނެވެ. ޒާންގެ ކަށުކަމާކެމީގެ ކަންކަން ނިންމާ ގެއަށް ދެވުނު ވަގުތު އަހަންނަށް ކުރެވުނީ ފަޅުކަމުގެ އިހުސާސެވެ. އަތުން ޖަވާހިރެއް ބީވެގެން ދިޔަ ކަމުގެ އިހުސާސެވެ. ގޭތެރެއިން ފެނުނީ ފަޅުކަމެވެ. ހިތްދަތިކަމުގެ އަސަރުތަކެވެ. ޒާންގެ ކޮންމެ ހަރަކާތެއް ލޮލަށް ސިފަވަމުން ދިޔައެވެ. ގޭގެ އެތައް މިތަނުން އިވެމުން ދަނީ ޒާންގެ ހިނިތުންވުމުގެ އަޑެވެ. ފެންނަނީ ޝިޒާއާއެކު ސަކަރާތް ޖަހަމުން ދުވާ މަންޒަރުތަކެވެ. ވިޝާމާގެ އުނގުގައި އޮވެ ނިދައިލާ މަންޒަރެވެ. އިވެނީ އެ ތުއްތުތުއްތު ރުއިމުގެ އަޑެވެ.
ދެވަނަ ސިކުންތުގައި ސިފަވާން ފެށީ ބަލި އެނދުގައި އޮވެ އެފަކީރު އުފުލި ވޭނެވެ. ނޭވާ ނުލެވިގެން ތެޅި ފޮޅުނު މަންޒަރުތަކެވެ. އުޅުނު ހިތްދަތި ހާލެވެ.
ގެއަށް ވަން ގޮތަށް ސޯފާއަށް ވެއްޓި އޮވެވުނީ އެ ހިޔާލުތަކުގައެވެ. އެ ހަނދާންތަކުގައެވެ. ޒާންއާ ނުލައި މުޅި ތަނުން ފެންނަނީ ފަޅުކަމެވެ. ހުސްކަމެވެ. ނަމަވެސް ދެން ކުރާނެ ކަމެއް ނެތެވެ. މިއީ ވެސް އިމްތިހާނެކެވެ. މިއީ ވެސް ފިލާވަޅެކެވެ. އެކި މީހުން އިމްތިހާނު ކުރައްވާނީ އެކި ގޮތަށެވެ. އެކި ސިފަސިފާގައެވެ. އަހަރުމެންނަށް ކުރިމަތިވި އިމްތިހާނަށް މިވީ ޒާންއެވެ. އުފަންވީއްސުރެ މިއަދާ ހަމައަށް އަހަރުމެން މިއުޅުނީ އެ މައުސޫމު ފުރާނަ ސަލާމަތްކުރެވޭތޯއެވެ. ޅަ ފުރާނައެއްގެ ހައްގުގައެވެ.
މިހުރިހާ ކަމަކުން އަހަންނަށް ދަސްވި ކަމެއް އެބައޮތެވެ. ދަރީންގެ ޅައުމުރުގައި ފެންނަ ކުދިކުދި ކަންކަމަށް ފަރުވާތެރިވުމަކީ މުހިއްމު ކަމެއް ކަމެވެ. ކުދިކުދި ކަންކަން ކަމުގައި ދެކިގެން އަޅައި ނުލައި ދޫކޮށްލެވޭ ކަންކަން ފަހުން ބޮޑެތި ތޫފާންތަކަށް ބަދަލު ވެދާނެކަމެވެ. ނިޔަނެތި މަޑުވައިރޯޅިން ބޮޑެތި ތޫފާންތައް އުފެދިދާނެކަމެވެ. އުއްމީދާއެކު ބިނާކުރާ ގަނޑުވަރު ފުނޑުފުނޑުކޮށްލާ ދުޝްމަނަކަށް އެކަން ވެދާނެއެވެ. އަހަންނަށް ވެސް ކުރިން ފަރުވާތެރިވެވުނު ނަމަ ޒާން ސަލާމަތްކުރެވުނީހޭ ހިތްބުނެލިއެވެ.
ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޒާން ވަކިވެގެން އެ ދިޔައީ އަހަރެން ހިތް ރޮއްވާލައިފައެވެ. މާޔޫސްކުރުވާފައެވެ. ނަމަވެސް ކަންތައްތަކެއް ދަސްކޮށްދީފައެވެ. ފިލާވަޅުތަކެއް ބުނެދީފައެވެ. އެތައް އިމްތިހާނެއް ކުރިމަތި ކުރުވާފައެވެ. އިމްތިހާނުން ލިބުނު ނަތީޖާގެ އެހީގައި ދިރިއުޅުމުގެ ބާކީ ބައި އާރާސްތުކުރެވޭނެ މެސެޖުތަކެއް ދީފައެވެ. އަހަރެން އަޒުމު ކަނޑައެޅީމެވެ. އެ ހިތްވަރާއެކު ކޮޅަށް ތެދުވެ ހިނގައިގަތީމެވެ. ވަގުތީ މެހުމާނުގެ ހަނދާންތައް ހިތުގައި ރައްކާކޮށްފައެވެ. ލޮލުން ކަރުނަ ހުހިލުނަށް ހިތް ރޮއްވާލައިފައެވެ.
(ނިމުނީ)