ސިވިލް ކޯޓް

11 މިލިއަން ޑޮލަރުގެ ހޯދަން ލީލީއަށް ދައުވާކޮށްފި

Feb 14, 2021
3

ޑޮލަރު ވިއްކަން ކުރި މުއާމަލާތެއްގައި އެމްކޭޓީ ކެޕިޓަލްއަށް ދައްކަން ޖޭހޭ ގިނަ އަދަދެއްގެ ފައިސާގެ ތެރެއިން ބޮޑު ބައެއް ނުދައްކައިގެން ލިލީ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އެމްކޭޓީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑުން ދައުވާއެއް އުފުލައިފި އެވެ. އެ ކުންފުނިން ލިލީ ގޮވައިގެން ކޯޓަށް ދިޔައީ 11,570,500 މިލިއަން އެމެރިކާ ޑޮލަރު ހޯދާށެވެ.

ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅުމުން އެމްކޭޓީގެ ދައުވާ ވަނީ ބަލައިގެންފަ އެވެ. ފައިސާގެ މުއާމަލާތުގެ މި މައްސަލަ ދަށު ކޯޓަށް ބަލައިގެންފައި ވަނީ މިދިއަ އަންގާރަ ދުވަހު އެވެ.

ލިލީގެ މައްޗަށް އެމްކޭޓީން އުފުލާފައިވާ އެ ދައުވާގައި ބުނެފައި ވަނީ އެމްކޭޓީ މެދުވެރިކޮށް ލިލީން 1,100,000 އެމެރިކާ ޑޮލަރު ގަތް ކަމަށެވެ. އަދި އެ މުއާމަލާތަށް ފަހު އެކުންފުންޏަށް މިހާތަނަށް ނުދައްކާ 650,000 އެމެރިކާ ޑޮލަރަށްވާ ކަމަށެވެ.

އެމްކޭޓީގެ އެ ދައުވާގައި ބުނާ ގޮތުން އެ މުއާމަލާތުގައި ހިމެނެނީ މާޗް 3، 2020 ގައި މުއާމާލަތްކުރި 500,000 އެމެރިކާ ޑޮލަރާއި މާޗުް 17، 2020 ގައި މުއާމާލާތްކުރި 200,000 އެމެރިކާ ޑޮލަރާއި، ހަމަ އެ ދުވަހު އިތުރު 400,000 އެމެރިކާ ޑޮލަރާއެކު ޖުމްލަ 1,100,000 އެމެރިކާ ޑޮލަރެވެ.

އަދި އެ ފައިސާ ދައްކަން ތަކުރާރުކޮށް އެ ކުންފުނިން ލިލީއަށް އަންގާފައިވީ ނަމަވެސް، އެ ފައިސާ މިހާތަނަށް ވެސް ދައްކާފައި ނުވާތީ 11,570,500 އެމެރިކާ ޑޮލަރުން ޝަރީއަތް މެދުވެރިގެން ނަގައިދޭން އެދޭ ކަމަށާއި މި މައްސަލާގައި ގާނޫނީ ފީއެއްގެ ގޮތުގައި ހަރަދު ކުރާ 15,000 ދިވެހި ރުފިޔާ ވެސް މި ޝަރީއަތުގެ ތެރެއިން ނަގައިދޭން އެދޭ ކަމަށެވެ.