އަހުމަދު އިނާޒް

ދިވެހިން ދީނާ ދުރުކުރަން ސިޔާސީ ބޮޑުންތަކެއް ރާވާ ހިތްވަރުދޭ: އިނާޒް

ދިވެހިން އިސްލާމް ދީނާ ދުރުކުރަން ސިޔާސީ ބޮޑުންތަކެއް ރާވާ ހިތްވަރު ދޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވިދާޅުވެއްޖެ އެވެ.

އިނާޒް މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ އިސް އެކްޓިވިސްޓަކު ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑް އަދި ގައުމީ ކެޕްޓަން، އަލީ އަޝްފާގް (ދަގަނޑޭ) އާއި ގައުމީ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) ޓެރަރިސްޓުންންނާ "އެއްފަދަ" ކުރި މައްސަލައެއްގައި މުޅި ގައުމު ރުޅިގަދަވެ އެކަން ކުރި އަންހެން މީހާއާ ދެކޮޅަށް ތެދުވެފައި ވަނިކޮށެވެ.

އިނާޒް މިރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި އިސްލާމީވަންތަ ސަގާފަތެއް ދިރުވައި ހަރުދަނާ ވެދާނެތީ ރައްޔިތުން ދީނާ ދުރުކުރަން ސިޔާސީ ބޮޑުންތަކެއް ރާވާ، ހިތްވަރުދީ ސިޔާސީ ނިވާފަތްގަނޑުގައި މަަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. ބަނގުރާ އާންމު ކުރުމަށް މަސައްކަތް ކުރީ ވެސް އޭގެ ތެރެއިން ކަމަށް އިނާޒް ވިދާޅުވި އެވެ.

އިނާޒް ވިދާޅުވީ މީހުންގެ އަބުރު، ހާމަކަން ބޮޑުކޮށް އެކްޓިވިސްޓުންނާއި މަޖިލިސް މެންބަރުން ލައްވާ ސިޔާސީ ނަމުގައި ހުރިހާ ސިޔާސީ ޕާޓީޓަކުން ވެސް ނަގާލަމުންދާ ކަމަށެވެ.

"ތައުހީދަކީ ޓެރަރިސްޓުން ގަބޫލުކުރާ ކަމެއް ކަމަށް ދައްކަން މަަސައްކަތް ކުރޭ. ސުންނަތަށް ލޯބިކުރާ ނަމަ އެމީހަކަށް ޖޯކް ޖަހާ،" މަޖިލީހުގެ ޓްވިޓާގައި އޮންނަ ރައީސް މުހައްމަދު ނަޝީދުގެ ފޭކް އެކައުންޓެއް ކަމަށް ބުނާ އެލެކްސް އަހުމަދުގެ އެކައުންޓުން ތައުހީދު ގަބޫލު ކުރުމާ ދެކޮޅަށް ކޮށްފައިވާ ޓްވީޓެއް ހިމަނައި އިނާޒް ކުރެއްވި ޓްވީޓެއްގައި ވެއެވެ.

ދިވެހިރާއްޖޭގައި އިސްލާމީވަންތަ ސަގާފަތެއް ދިރުވައި ހަރުދަނާ ވެދާނެތީ ރައްޔިތުން ދީނާ ދުރުކުރުމަށް ސިޔާސީ ބޮޑުންތަކެއް ރާވާ، ހިރްވަރުދީ ސިޔާސީ ނިވާފަތްގަނޑުގައި މަަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ. ބަނގުރާ އާންމު ކުރުމަށް މަސައްކަތްކުރި. ތައުހީދަކީ ޓެރަރިސްޓުން ގަބޫލުކުރާ ކަމެއް ކަމަށް ދައްކަން މަަސައްކަތް ކުރޭ. ސުންނަތަށް ލޯބިކުރާ ނަމަ އެމީހަކަށް ޖޯކް ޖަހާ
އަހުމަދު އިނާޒް | ކުރީގެ ފިނޭންސް މިނިސްޓަރު

އިނާޒް ވިދާޅުވީ 2011 ވަނަ އަހަރު އޭނާ ވަޒީރުކަމުގައި ހުންނެވިއިރު ދެ ފަަހަރެއްގެ މަތިން އޭނާގެ ތުނބުޅި ބޭލުމަށް މަޖިލީހުގެ ސީނިއާ މެެންބަރަކު އެދިވަޑައިގެންނެވި ކަމަށެވެ. ސިޔާސީ ނިވަލުގައި ތިބެ ލާދީނީ މީހުންނާއި ސުންނަތަށް ލޯބި ކުރުމުގެ ނަމުގައި އުޅޭ ބައެއް މީހުންވެސް އެހެން މީހުންނަށް އިހުތިރާމު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެހާސް އަށެއްގައި އުފެދުނު އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިތުރަށް ވިދާޅުވީ ހިޔާލު ތަފާތުވުމަކީ ނޫނީ ދީނަށް ގޮވާލުމަކީ އެ މީހެއްގެ އަބުރު ނޫނީ މާތްﷲ ދެއްވި ހުދޫދުގެ ތެރެއިން މިނިވަން ކަމަށް އަރައިގަންނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"އިހުލާސްތެރި ހެޔޮ ބަދަލެއް ބޭނުންވޭ،" އަދި "މިއީ މަގޭވެސް ގައުމު" ކަމަށް ލިޔުއްވާ އިނާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

2011 ވަނަ އަހަރު އަޅުގަނޑު ވަޒީރުކަމުގައި ހުރިއިރު ދެ ފަހަރު ތުނބުޅި ބޭލުމަށް ސީނާ މަޖިލިސް މެންބަރަކު އެދުނު
އަހުމަދު އިނާޒް | ކުރީގެ ފިނޭންސް މިނިސްޓަރު

އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދީނުގައި ހުކުމް ކަނޑައަޅާފައިވާ ކަންކަމާ ދެކޮޅަށް ވާހަކަ ދެއްކުން ރާއްޖޭގައި ވަނީ އާންމުވެފައެވެ. އެފަދަ މީހުންގެ ދިފާއުގައި ސިޔާސީ ބައެއް އިސްވެރިން ވާހަކަވެސް ދައްކަވައެވެ. އެފަދަ މައްސަލަތައް ތަކުރާރުކޮށް ހިނގަމުންދިޔަ ނަމަވެސް އެކަންކަމާއި ދެކޮޅަށް ފިޔަވަޅު އެޅުމުގައި މި ސަރުކާރު ފަހަތަށް ޖެހޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ.