ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރެކޯޑް އަދަދެއް، 209 މީހުން ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 209 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ މި ފަހުން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 17,716 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 101 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 108 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. މިއަދު ހެދީ 4،006 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،360 މީހުންނެވެ. މިހާތަނަށް 15،291 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 190 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

24 ގަޑިއިރުތެރޭ ދެ މަރު

ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މިދިޔަ 24 ގަޑިއިރުގެ ތެރޭ ދެ މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ.

ކޮވިޑް ޖެހިގެން 78 އަހަރުގެ އަންހެނަކު ރޭ ވަނީ މަރުވެފައެވެ. ހާލަތު ދެރަވެެގެން ރޭ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ. އޭނާއަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ ފަހުން ހެދި ޓެސްޓުތަކުން ނެވެ.

އެ ފަހުން މަރުވީ އުމުރުން 59 އަހަރުގެ އަންހެނެ ކެވެެ. މިއަދު މަރުވި މީހާ އައިޖީއެމްއެޗްއަށް ގެނައީ ފަތިހު 03:17 ކަންހާއިރު އެވެ. އޭނާ ހޮސްޕިޓަލަށް ގެނައިއިރުވެސް ހަރަކާތް ނުކުރާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ 50 ދިވެހިންނާއި 8 ބިދޭސީއެކެވެ. މި މަހު މިހާތަނަށް ކޮވިޑް ބަލީގައި ހަ މީހަކު މަރުވެއްޖެ އެވެ. އަދި މިދިޔަ ޖަނަވަރީގައި ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވިއެވެ.

ފިޔަވަޅުތައް ހަރުކަށި ކުރުން

ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް މި މަހުގެ ދެވަނަ ދުވަހުވެސް ވަނީ ވަރުގަދަ ކޮށްފައެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.

ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކުރިއަށް ކާފިއު ދަނީ ހިންގަމުންނެވެ. ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.

މިހާރުވެސް ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް މަނާކޮށްފައިވާއިރު، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަމުންވެސް ގެންދެއެވެ.