ލައިފްސްޓައިލް

ލޯބިވެރިޔާގެ އަނގޮޓި ނަގައި އެހެން މީހަކާ އެންގޭޖްވެއްޖެ

އެމެރިކާގެ ފްލޮރިޑާގައި ދިރިއުޅޭ މީހަކު އޭނާގެ ލޯބިވެރިއެއްގެ އެންގޭޖްމަންޓް އަނގޮޓިއަކާއި ކައިވެނީގެ އަނގޮޓިއެއް ވަގަށް ނަގައިގެން ގޮސް އޭނާގެ އެހެން ލޯބިވެރިޔަކާ އެންގޭޖްވެއްޖެ އެވެ.

މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅައި ބަލަމުންދާއިރު ފުލުހުންގެ އޮފިޝަލަކު ބުނީ ޖޯސެފް ޑޭވިސް ނަމަކަށް ކިޔާ 48 އަހަރުގެ މި ފިރިހެންމީހާ ހައްޔަރުކުރަން މިހާރު އަމުރު ނެރެފައިވާ ކަމަށެވެ. އަދި މިދިޔަ ހުކުރު ދުވަހުން ފެށިގެން ފިރިމީހާ އުޅެނީ ފިލައިގެން ކަމަށެވެ.

ފުލުހުން މި މައްސަލަ ތަހުގީގުކުރަން ފެށީ މިދިޔަ އަހަރު އޮރެންޖު ސިޓީ، ފްލޮރިޑާގެ އަންހެނަކު ހުށަހެޅި ޝަކުވާ އަކާ ގުޅިގެންނެވެ. އަންހެންމީހާ ބުނީ އޭނާގެ ލޯބިވެރިޔާ އެހެން މީހަކާ އެންގޭޖްވެގެން އުޅޭކަން އޭނާއަށް އެނގިފައިވާ ކަމަށެވެ.

އަދި ފިރިހެންމީހާ އެންގޭޖްވީ އަންހެންމީހާގެ ފޭސްބުކް ޕޭޖް ޗެކް ކުރިއިރު އޭގައި އެންގޭޖްމަންޓު ކުރި ވަގުތު ނަގާފައިވާ ފޮޓޮއެއް ޕޯސްޓް ކޮށްފައިވާ ކަމަށާއި އެ ފޮޓޯގައި ފިރިހެންމީހާ އެންގޭޖްވީ އަންހެންމީހާ އަޅާފައިވާ އަނގޮޓިތައް ވަރަށް ރަނގަޅަށް ފެންނަން ހުރުމުން އެއީ އޭނާގެ އަނގޮޓިތަކެއް ކަން ޔަގީން ކުރެވުނު ކަމަށެވެ.

އެ އަނގޮޓިތަކަކީ އޭނާގެ އެއްޗެއްކަން ޝައްކުވެގެން ގަހަނާ އަޅާ ފޮށިތައް ބެލިއިރު އެ އަނގޮޓިތައް ނެތްކަން ޔަގީން ކުރެވުނު ކަމަށާއި އެއީ އޭނާ ކުރިން ކައިވެނި ކުރި ކައިވެންޏެއްގެ އެންގޭޖްމެންޓް އަނގޮޓިއާއި ވެޑިން ބޭންޑް ކަމަށް ވެސް އަންހެންމީހާ ބުންޏެވެ.

އޭނާގެ އަނގޮޓިތައް ވަގަށް ނަގައިގެން ލޯބިވެރިޔާ ގޮސްފައިވާކަން އަންހެންމީހާއަށް ރޭކާލީ ފޭސްބުކުން އެ ފޮޓޯ ފެނުނީމަ އެވެ. ފިރިހެންމީހާ ވަގަށް ނެގި އިތުރު އަނގޮޓިތަކުގެ ތެރޭގައި މައްސަލަ ޖެއްސި އަންހެންމީހާގެ މާމަ ދީފައި އޮތް ޑައިމަންޑް ރިންގެއް ވެސް ހިމެނެއެވެ. ވަގަށް ނަގާފައިވާ ގަހަނާގެ އަގު 6،270 ޑޮލަރަށް އަރާ ކަމަށް މައްސަލަ ތަހުގީގުކުރާ ފުލުހުން ބުނެފައި ވެއެވެ.

މައްސަލަ ޖެއްސި އޮރެންޖު ސިޓީގެ އަންހެންމީހާ އަނެއް އަންހެންމީހާ އަށް ގުޅާފައި ޑޭވިސް އޭނާއާ އެންގޭޖްވީ ވަގުތު ދީފައިހުރި އަނގޮޓިތަކަކީ އޭނާ އަތުން ވަގަށް ނެގި އަނގޮޓިތަކެއް ކަމަށް ބުންޏެވެ. އެއީ ޑޭވިސް ވަގަށް ނެގި އެއްޗެތި ކަން ޔަގީންވުމުން އޭނާ އެ އަނގޮޓިތައް ދިން އަންހެންމީހާ ވަނީ އޭގެ ވެރިފަރާތަށް ބައެއް ގަހަނާތައް އަނބުރާ ރައްދުކޮށްފަ އެވެ. އަދި ދެ އަންހެނުން ވެސް ވަނީ ޑޭވިސް އާ ރުޅިވެފަ އެވެ.

ރަނގަޅަށް ޚަބަރުތައް އޮޅުން ފިލުވިއިރު އޮރެންޖް ސިޓީގެ އަންހެންމީހާ ވަޒީފާއަށް ދިޔަ ވަގުތު ބަލާފައި އަންހެންމީހާގެ އަމިއްލަގެއަށް ވެސް ޑޭވިސް ވަނީ އޭނާ އެންގޭޖްވީ މީހާ ގެނެއްސަ އެވެ. އެއީ ޑޭވިސްގެ އަމިއްލަ ގެއެއް ކަމަށް ބުނެފަ އެވެ. އަދި އެގޭގައި އޭނާއާއެކު އުޅެން ދައުވަތު ވެސް ދިނެވެ. ނަމަވެސް އެންގޭޖްވީ މީހާއަށް ޑޭވިސްގެ ޚަބަރު ރަނގަޅަށް އޮޅުން ފިލިއިރު އޭނާވަނީ އަންހެންމީހާގެ ލެޕްޓޮޕާއި ގަހަނާތައް ވެސް ވަގަށް ނަގައިގެން ފިލާފަ އެވެ.

މި ދެ އަންހެނުންނަކަށް ވެސް ޖޯސެފް ޑޭވިސް އަކީ އެ ފިރިހެންމީހާގެ އަސްލު ނަން ކަމެއް ވެސް ޔަގީނެއް ނޫނެވެ. ސަބަބަކީ އޭނާ އެހެން ނަންނަމުގައި އިތުރު އަންހެނުން ތަކަކަށް ވެސް އޮޅުވާލައި އެމީހުންގެ ގަހަނާތަކާއި އަގުހުރި އެއްޗެހި ވަގަށް ނަގާފައިވާ ކަން ފަހުން އެނގުނީމަ އެވެ.

ކޮންމެއަކަސް ޑޭވިޑް ފިލައިގެން ދިޔަ ތަނެއް އަދިވެސް ފުލުހުންނަށް އުޅެނީ ނުހޯދިގެންނެވެ.