ލައިފްސްޓައިލް

11 ކުދިންގެ މަންމަ 100އަށް ވުރެ ގިނަ ކުދިން ބޭނުން

ކިތައް ކުދިން ހޯދަން ބޭނުން ހެއްޔެވެ؟ ކައިވެނި ކުރުމުގެ ކުރިން ނުވަތަ ކުރުމަށްފަހު ހޯދާނީ ކިތައް ކުދިންތޯ ވިސްނާލިން ހެއްޔެވެ؟ ބައެއް މީހުން އެއްގޮތަކަށް ވެސް ދަރިން ހޯދާކަށް ބޭނުމެއް ނުވެ އެވެ. އެމީހުންގެ ބިޒީ ދިރިއުޅުމަށް ކުއްޖެއްގެ ބުރައެއް އުފުއްލިދާނެ ކަމަކަށް މިފަދަ މީހުން ގަބޫލެއް ނުކުރާނެ އެވެ.

އަނެއް ބަޔަކު ބޭނުންވަނީ އެންމެ ކުއްޖެކެވެ. އެ ވަރުން އެމީހުން ހިތްހަމަޖެހެ އެވެ. އެވްރެޖްކޮށް ގިނަ މީހުން ބޭނުންވަނީ ދެ ކުދިންނެވެ. އަންހެންކުއްޖަކާ ފިރިހެންކުއްޖެއް ނަމަ ދެން ހަމަ އެ އާއިލާ ފުރިހަމަ ވީ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ނަމަވެސް ދިރިއުޅުމުގައި ތަފާތު ޚިޔާލުތަކުގެ ތަފާތު އަމާޒުތަކަށް ވާސިލުވާ މީހުން ފެނެ އެވެ. ރަޝިޔާގެ މި އަންހެންމީހާ އަކީ މީގެ ތެރެއިން ވެސް އާދަޔާހިލާފު މީހެކެވެ.

އޭނާއަކީ މުއްސަނދި މިލިއަނަރެކެވެ. އަދި ގިނަ ދަރިން ހޯދުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު މީހެކެވެ. މިހާރު ވެސް އޭނާގެ 11 ދަރިން އެބަތިއްބެވެ. މިވަރުން އޭނާއަކަށް ނުފުދެ އެވެ. ސަތޭކައަށް ވުރެ ގިނަ ދަރިން އޭނާ އަސްލު ބޭނުމެވެ.

ކްރިސްޓީނާ އޮސްތުރްކް ދިރިއުޅެނީ ޖޯޖިއާގަ އެވެ. އޭނާގެ ފިރިމީހާ ގަލިޕް އޮޒްތުރުކް އަކީ ހޮޓާތައް ހިންގާ ބޮޑު މަހުޖަނެކެވެ. އެހެންކަމުން ކިތަންމެ ގިނަ ދަރިންނެއް ހޯދިޔަސް އެ ކުދިންނަށް ޚަރަދު ކުރާކަށް އުނދަގޫ ކަމެއް ނެތެވެ.

ކްރިސްޓީނާގެ 11 ދަރިންގެ ތެރެއިން 10 ދަރިންނަކީ ސަރަގޭޓް މަންމައިންގެ ފަރާތުން ހޯދި ދަރިންނެވެ. އޭނާ ވިހެއީ އެންމެ ކުއްޖެކެވެ.

ކްރިސްޓީނާގެ އުމުރުން އަދި އެންމެ 23 އަހަރެވެ. ސޯޝަލް މީޑިއާގައި ކްރިސްޓީނާ ޝެއާ ކުރި ޕޯސްޓެއްގައި ޖޯކަކަށް ހަދާފައި ބުނީ އޭނާ ކުޑަކުދިން ދެކެ ވާ ލޯބީގެ ބޮޑުކަމުން 105 ދަރިން ހޯދަން ބޭނުން ކަމަށެވެ. މިއަދަދަކީ އޭނާ ބުނި ގޮތުގައި ދެން ހަމަ ބުނެލި އަދަދެކެވެ. އެވަރު ނުވިޔަސް ވީހާވެސް ގިނަ ދަރިން ހޯދަން އޭނާ ބޭނުންވާ ކަމަށް ކްރިސްޓީނާ ބުންޏެވެ.

"މިވަގުތު އަހަރެންގެ ކައިރީގައި ތިބީ 10 ކުދިން. އެގާރަ ވަނަ ކުއްޖާ އޮލީވިއާ އުފަންވީ މިދިޔަ މަހު. އޭނާވެސް މިހާރު ވަނީ އަހަރެން ކައިރިއަށް ގެނެސްފަ. އަހަރެންގެ އެންމެ ދޮށީ ދަރިފުޅު ވިކާ އަކީ އަހަރެން ވިހޭ ކުއްޖެއް. އޭނާއަށް މިހާރު މީ ހަ އަހަރު،" ކްރިސްޓީނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހުރިހާ ކުދިންނަކީ ވެސް ޖެނެޓިކަލީ ބަލާއިރު އޭނާ އާއި ފިރިމީހާގެ ދަރިންނެވެ. ނަމަވެސް އެކުދިން ވިހެއީ ސަރަގޭޓް މަންމައިންނެވެ.

"އަހަރެމެންނަކަށް ނޭނގެ ކިތައް ކުދިން ކަމެއް ޖުމްލަ ލިބޭނީ. ނަމަވެސް އަދި މިތިބީ ހުއްޓާ ގޮތަކަށް ނޫން. ވީމާ ކިތައް ކުދިން ލިބުނީމަ ކަމެއް ހުއްޓާލާނީ އަދި ބުނާކަށް ނޭނގޭ. ކޮންމެ ކަމަކަށް ވެސް ގަޑިއެއް އޮންނާނެ. އެ ގަޑިއެއް ޖެހުނީމަ އެކަމެއް ނިމޭނެ،" ކްރިސްޓީނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ސަރަގަސީ މަންމައެއްގެ ފަރާތުން ހޯދި ކޮންމެ ކުއްޖަކަށް އެމީހުންގެ އަތުން 8،000 ޔޫރޯ ޚަރަދު ވެފައި ވެއެވެ.

އެމީހުންނަށް ސަރަގޭޓް މަންމައިން ހޯދައިދެނީ ކަނޑައަޅާފައިވާ ވަކި ކްލިނިކަކުން ކަމަށާއި އެކަމަށް އެދޭ އަންހެނުން ހޯދާ އެމީހުން ބަލިވެ އިނދެ ވިހެއުމުގެ ހުރިހާ ކަމެއް ފުރިހަމަކުރަނީ އެ ކްލިނިކުން ކަމަށް ވެސް ކްރިސްޓީނާ ބުންޏެވެ.

"އަހަރެމެންނަކަށް ނުވެސް އެނގޭ ސަރަގޭޓް މަންމައިންނެއް. އަދި އެމީހުންނާ ސީދާކޮށް ވާޙަކަ ދައްކައެއްވެސް ނުހަދަން. އެއީ ވިހެއުމަށްފަހު އިތުރު މައްސަލަތަކެއް އެމީހުންނާ އަހަރެމެންނާ ޖެހުނު ނުދޭން ވެގެން،" އެގާރަ ކުދިންގެ މަންމަ ބުންޏެވެ.

ކްރިސްޓީނާ އާއި ފިރިމީހާ ގަލިޕް ބައްދަލުވީ ޖޯޖިއާގެ އައްސޭރީގައި އޮންނަ ބަޓޫމީ ކިޔާ އަވަށަކުންނެވެ. އެ ދެމަފިރިން މިހާރު ދިރިއުޅެމުން ދަނީ ވެސް އެ އަވަށުގަ އެވެ.

އަންހެނުން ކްރިސްޓީނާ އާ ބެހޭ ގޮތުން ގަލިޕް ބުނީ އޭނާ އަކީ އަބަދު ހިނިތުން ވެފައި ހުންނަ އެކުގައި ދިރިއުޅެން ވަރަށް ފަސޭހަ މީހެއް ކަމަށެވެ. އަދި ވަރަށް ލަދުވެތި މިސްޓީރިއަސް ގޮތެއް ވެސް ހުންނަ ކަމަށެވެ.

"އަހަރެން އަބަދުވެސް އަންބެއްގެ ފަރާތުން ބޭނުންވީ ހުރިހާ ސިފަތަކެއް ކްރިސްޓީނާގެ ގައިގައި އެބަހުރި. ވަރަށް ސާފު ހިތެއްގެ ވެރި ހިތްހެޔޮ މީހެއް އޭނާއަކީ،" ގަލިޕް ބުންޏެވެ.