ލަ ލީގާ

އެތުލެޓިކޯ ލީޑްގައި ކުރިއަށް، ބާސާއަށް ބޮޑު މޮޅެއް

ގުރަނާޑާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ތާވަލުގެ އެއް ވަނައިގައި އެތުލެޓިކޯ މެޑްރިޑުން ލިޑް ދެމެހެއްޓި އިރު، ޑިޕޯޓިވޯ އަލަވޭޒްގެ މައްޗަށް 5-1 ން ބާސާ ބޮޑު މޮޅެއް ހޯދައިފި އެވެ.

ގުރަނާޑާގައި، ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ، އެތުލެޓިކޯއިންނެވެ. މެޗުގެ 63 ވަނަ މިނެޓްގައި މާކޯސް ޔޮރެންޓޭ ލަނޑު ކާމިޔާބު ކޯކޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

އޭގެ ތިން މިނެޓް ފަހުން ކްލެމެންޓް އެރެއިރާ ވަނީ، ގްރަނާޑާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެތުލެޓިކޯ މޮޅުވި ލަނޑު 75 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އޭންހަލް ކޮރެއާ އެވެ.

އަލަވޭޒް އާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި، ކެޕްޓަން ލިއޮނެލް މެސީ އާއި ޒުވާން ފޯވަޑް ޓްރިންކާއޯ ވަނީ، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ބާސާގެ ފުރަތަމަ ލަނޑު 29 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޓްރިންކާއޯ އެވެ. ދެ ވަނަ ލަނޑު މެސީ ކާމިޔާބު ކުރީ ފުރަތަމަ ހާފު ނިމުމުގެ ކުރިންނެވެ.

ދެ ވަނަ ހާފުގައިވެސް، ބާސާގެ ފުރަތަމަ ލަނޑު ޖެހީ، ޓްރިންކާއޯ އެވެ. އޭގެ މިނެޓެއް ފަހުން މެސީ ވަނީ އޭނާގެ ދެ ވަނަ ލަނޑު ކާޟިޔާބު ކޮށް ނަތީޖާ 4-1 ބަދަލު ކޮށްފަ އެވެ. ދެވަނަ ހާފުގެ ކުރީ ކޮޅު އަލަވޭޒްގެ ލަނޑު ކާމިޔާބު ކުރީ ލުއިސް ރައިއޯހާ އެވެ. ބާސާގެ ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ ޖޫނިއާ ފިރުޕޯ އެވެ.

ސެވިއްޔާވެސް ވަނީ ހުއެސްކާގެ މައްޗަށް 1-0 ން މޮޅުވެފަ އެވެ. ސެވިއްޔާގެ ލަނޑު ކާމިޔާބު ކުރީ މުނީރު އަލް ހައްދާދީ އެވެ.