ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ބަނޑޮސް ރިސޯޓްގައި ވެކްސިން ދޭން ފަށަނީ

ރިސޯޓްތަކުގައި ކޮވިޑް ވެކްސިން ދޭން ފެށުމުގެ ގޮތުން ބަނޑޮސް އައިލެންޑް ރިސޯޓްގައި މިއަދު ވެކްސިން ޖަހަން ފަށަން ނިންމައިފި އެވެ.

ވެކްސިން ދޭން ފަށަން ބަނޑޮސްގައި މިހާރު ވަނީ ސެންޓަރެއް ވެސް ގާއިމްކޮށްފަ އެވެ. އެ ސެންޓަރުން ދުވާލަކު 200 އެއްްހާ މީހުންނަށް ވެކްސިން ދޭން އަމާޒު ހިފާފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު ރިސޯޓްތަކުގައި ވެސް ވެކްސިން ދޭން ސެންޓަރުތައް ގާއިމް ކުރާނެ ކަމަށެވެ.

"އެހެން ރިސޯޓްތަކުގައި ވެކްސިން ދޭން މިހާރު ވަނީ އެ ރިސޯޓްތަކުގައި ތިބި ޑޮކްޓަރުންނަށް ތަމްރީން ވެސް ދީފައި. ބަނޑޮސްގެ މުވައްޒަފުންނަށް ވެކްސިންދީ ނިމުމުން އެހެން ރިސޯޓްތަކުގެ މުވައްޒަފުން ވެސް ބަނޑޮހަށް ގޮސް ވެކްސިން ޖެހޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިން ދޭން ފެށިފަހުން ވަނީ އެކި އެކި އެއާލައިންތަކުގެ ކައުންޓަރުތަކުގައި ތިބޭ މީހުންނާއި އެއާޕޯޓް ރެޕުން ފަދަ މީހުންނަށް ވެކްސިން ޖަހަން ފަށައިފަ އެވެ. އެގޮތުން ހާހެއްހާ މީހުނަށް މިހާރު ވަނީ ވެކްސިން ދީފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މީގެ ކުރިން ވިދާޅުވީ އަމާޒަކީ ޓޫރިޒަމް ސިނާއަތުގެ ހުރިހާ މުވައްޒަފުންނަށް ވެކްސިން ދިނުން ކަމަށެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް - އެސްޓަރެޒެނިކާގެ ވެކްސިން "ކޮވިޑް ޝީލްޑް" އެވެ.