ހުޅުމާލެ އާއި މާލޭން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، މާލޭގައި ހުންނަ ހަބީބު ބެންކާ ދިމާ ފަޅުގައި އޮތް ދޯންޏަކާއި އެ ސަރަހައްދުގައި އޮތް ޕިކަޕެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު ދިވެހި ފަސް ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހަކާއި 44 އަހަރުގެ މީހެކެވެ.
އެ ދޯންޏާއި ޕިކަޕު ބަލައި ފާސްކުރިއިރު 480 ބިޔަރު ދަޅާއި 24 ފުޅި ބަނގުރާ ފެނުނެވެ. އެތަނުން ހައްޔަރު ކުރި ފަސް މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވެ އެވެ.
ހުޅުމާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރަލާއެކު 28 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 19 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައި ވެއެވެ.
އެ ތިން މީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައި ވަނީ ހުޅުމާލެ ފޭސް ދެއަކުން ގިނަ އަދަދެއްގެ ބަނގުރާފުޅިތައް އަރުވައިގެން ވޭނެއް ދުއްވާފައިދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ގޮސް މިދިއަ އަންގާރަ ދުވަހު އެވެ. އެ ވޭން ހުއްޓުވައި، ބަލައި ފާސްކުރިއިރު އެކި ބްރޭންޑްތަކުގެ 45 ފުޅި ބަނގުރަލާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ޕެކެޓް ފެނިފައިވެ އެވެ.
އަނެއް ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ބަނގުރާ ފުޅިތަކެއް ހުރި ފޮށިގަނޑެއް ހިފައިގެން ސައިކަލެއްގައި ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު އެވެ.
އަދި އެ ދެމީހުން ހުއްޓުވައި، ސައިކަލް ފަހަތުގައި އިން މިހާ ހިފަހައްޓައިގެން އިން ދެ ފޮށިގަނޑު ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާއިރު، މިމައްސަލަތައް ހުޅުމާލެ ޕޮލިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.