ހީނލާގޮތުން

ހީނލާގޮތުން

(12 ފެބްރުއަރީ 2021 އާ ގުޅޭ)

"މީހެއްގެ ކިރުބޯ ޅަދަރިއެއް ހޯދީމަ ރީތިވާނެއެއްނު." އަރީން ބުންޏެވެ.

"ވަރަށް ގުޅޭ އެ ޖޯޑު، އަސްލަން ނަސީބުގަދައީނު." މުނީޒާގެ ޚިޔާލު ފާޅުކޮށްލިއެވެ. ޖޫސްތަށްޓެއް ބަލައި މުނީޒާ މޭޒުދޮށުން ތެދުވި ވަގުތު އަރީން އަވަހަށް ޝެހެނާޒަށް ގޮވާލިއެވެ.

"އޭތް! މިއަދު ދިނީ ތެދު ޚަބަރެއްތަ؟" އަރީން އަހާލި އެވެ.

"ކޮބާ؟... މިދުހަތުތަ؟" ޝެހެނާޒް ބުނުމާއެކު އަރީން ބޯޖަހާލިއެވެ. ޝެހެނާޒު ފެށީ ހޭށެވެ.

"މަށަށް އޭރުވެސް އެނގުނު ކަލެއަށް ތިވަރު ވާނެކަން، އަސްލަންއަށް ޚަބަރެއް ނުވޭތަ؟" ޝެހެނާޒު އަހާލިއެވެ.

"ނުވިއްޔާ ރަނގަޅީ... އެ ދެމީހުން އެކުގައި ކިޔެވިކަން އެކަނި، ރައްޓެހިންނެއްނޫން" އަރީން ބުނެލިއެވެ.

ދެ އެކުވެރިންގެ ވާހަކަ ކުރިއަށް ނުގެންދެވުނީ މޭޒު ދޮށަށް މުނީޒާ އެނބުރި އައީމައެވެ. އެހެން ނޫންނަމަ އެ މަޢުޟޫ ދޫކޮށްލާކަށް އަރީން ބޭނުމެއް ނުވާނެއެވެ. ހަމައެއާއެކު ދެއްކުނު ވާހަކައަކީ، ހަމައެކަނި ޝެހެނާޒު ކައިރީ އަރީން ދައްކާފައި އޮތް ވާހަކައެކެވެ. މުނީޒާއަށްވުރެ ގިނަ ދުވަސްވީ ރަޙުމަތްތެރިކަމެއް ވެސް އޮތީ ޝެހެނާޒުއާ އެވެ.

"އެއީ ވަރަށް ދީންވެރި ބައެއްތަ؟" މުނީޒާ މޭޒުދޮށުގައި އިށީން ގޮތަށް އަހާލިއެވެ.

"ކިހިނެއް އެނގެނީ ކަންދައްކަން ނޫންކަމެއް... ފޫހިގޮތަކަށް އުޅޭ ބައެއް، އެކަމަކު މަންމައަށް އެމީހުން ވަރެއް ނޯންނާނެ." އަރީން ބުންޏެވެ.

"ވެޑިން ފޭވާޒް ގޮތުގަ ކޮންމެ މީހަކަށް ކުރުސިއެއް، އޭނާ ސަލާމެއް ވެސް ނުކުރެއެއްނު، ދެން ކީއްވެތަ މޫނު ނާޅާ އެ ހުންނަނީ؟ އެވައްތަރަ އުޅޭ މީހުން ތިބެނީ މޫނު ވެސް އަޅާފައެއްނު." މުނީޒާ ބުންޏެވެ.

"މޫނު އަޅަނީ ސިއްރު ކުރަން ވެގެން، ކޮންމެހެން ޞާލިޙުވެގެންނެއް ނޫން." ޝެހެނާޒު ބުންޏެވެ.

"މަންމަ ވެސް ހީވާނީ ހޭބަލިވެދާނޭހެން އަހަރެން ބުރުގާ ނާޅައިގެން، އިސްތަށިގަނޑު މުޅިން ހަލާކެއްނު ވާނީ." އަރީން ފޫހިކަމާއެކު ބުނެލިއެވެ.

އެރޭގެ ދިހަގަޑި ބައިވަންވީއިރު ކައިވެނީގެ ޙަފުލާއަށް އައި މެހެމާނުންގެ ތެރެއިން ގިނަ ބަޔަކު ހިނގައްޖެ އެވެ. ސަބީނާއާއި ރޫމާއާ ގާތްކަން އޮންނަ ދެތިން އަވަށްޓެރިން ވާހަކައިގަ ތިއްބެވެ. އަސްލަންއާއި ނޯޔާއަށް ޚާއްޞަ ކުރެވިފައި ހުރި މޭޒުދޮށުގައި ކާން އިނީ އަސްލަން އެކަންޏެވެ. ނޯޔާ ބަނޑުހައި ވިޔަސް ކާހިތް ނެތީ އެވެ. އޭނާ އައިސް ނެހާގެ ގާތުގައި އިށީނެވެ. ޔަޝާ އިނީ ފަށަން ތައްޔާރަށެވެ. ނަމަވެސް އޭނާއަށް އެއްޗެކޭ ބުނެވެންވާއިރަށް އަތުގައި ނެހާ ހިފައިފި އެވެ. ދެފަރާތަށް މަޑުމަޑުން ބޯހޫރާލި ގޮތުން ނެހާ އެ އެދެނީ އެއްވެސް ވާހަކައެއް ނުދެއްކުމަށްކަން ޔަޝާއަށް ސާފުވިއެވެ. ތުންފިއްތާލި އެވެ. އެހެންވިޔަސް އަނގަޔަކުން ޔަޝާ ނުބުންޏެވެ. އެހިނދު ނޯޔާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

"ވަރުބަލިވެއްޖެ ދޯ." ނެހާ ފެށީ އެހެން ވާހަކައެކެވެ. އެއްބަސްވުމުގެ ގޮތުން ނޯޔާ މަޑުމަޑުން ބޯ ޖަހާލި އެވެ. އަރާފައި ހުރި ބޫޓު ބާލަން ބޭނުންވާކަން ނޯޔާ ހާމަކުރިއެވެ. ދެން ވެސް ޔަޝާ ހަމަ އެކައްޗެކޭ ވެސް ނުބުންޏެވެ.

"ތާތި، ޔަޝާ ޓެކްސީއެއްގަ އިނގޭ ފޮނުވާލާނީ." ނޯޔާ ބުންޏެވެ.

ޓެރެސްއަށް ނަޒަރު ހިންގާލުމާއެކު ކުރަން ހުރި މަސައްކަތްތައް ކުރިއަށް އަދި އޮތީކަން ރޫމާއަށް ވިސްނުނެވެ. ކައިރީ ތިބީ ވާހަކަ ދައްކަން ނޭނގޭ ބަޔެކެވެ. އެކަން ވިސްނި، ނިންމާލަންވީ ކަމުގައި ބުނެ ކުރިން ތެދުވީ ރޫމާއެވެ. އެކަމާ ސަބީނާ ވެސް އެއްބަސްވެލި އެވެ. އޭނާ ވެސް އެގޮތް ބޭނުންވެފައި އިން ކަހަލައެވެ. ކައިރީގަ ވާހަކައިގަ ތިބި އަވަށްޓެރިން ގެއަށްދާން ނިންމީ ދެނެވެ. އެމީހުން ޓެރެސްއިން ފައިބަން ހިނގައިގަތުމުން ރޫމާއާއި ސަބީނާ ހިނގައިގަތީ ކުދީންގެ ގާތަށެވެ.

މަންމަގެ އަތުތެރޭ ނިދިފައި އޮތް އަނުމް އުރާލީ އަސްލަން އެވެ. ޝެހެނާޒާއި މުނީޒާ ދިއުމުން އަރީންގެ ގާތަށް ފަވާދު އައިގޮތަށް އެ މޭޒު ދޮށުގައި އިނެވެ. އެމީހުންގެ ދެ ކުދީންނާއެކު އަސްލަންގެ ދެ ކުދީން އެމީހުންގެ އަމިއްލަ ދުނިޔެއެއްގައި އުޅޭތަން ފެނެ އެވެ. ނޯޔާ އިން މޭޒުގެ ކައިރިއަށް އައިސް ސަބީނާ ގޮވާލީ އެންމެންނަށެވެ. އެތެރެއަށް ދާންވީ ކަމުގައި އޭނާ ބުންޏެވެ.

އެންމެންނަށް އެއްފަހަރާ ލިފްޓަކަށް ނޭރުނެވެ. އެހެންވެ ނޯޔާ އާއި އަސްލަންއާއެކު އޭނާގެ ކުދީންގެ އިތުރުން ލިފްޓު ތެރެއަށް ވަނީ ސަބީނާއާއި އައްޔޫބުގެ ދެމަފިރިންނެވެ. އަސްލަން އުޅޭ ބަޔަށްކަން އެ ދަނީ އެންމެންނަށް ވެސް އެނގެއެވެ. ލިފްޓުގައި ހުރެފައި ނޯޔާގެ ހެދުމުގައި މަލްސާ ހިފާލިއެވެ. އެކުއްޖާއާ ނޯޔާގެ ނަޒަރު ސީދާވެލި ހިނދު ރަކި ހިނިތުންވުމެއް ބަދަލުކޮށްލި އެވެ. ނޯޔާ ވެސް ކަންތައް ކުރީ އެފަދައިންނެވެ. ނަމަވެސް އެވަގުތު އަސްލަންގެ ދޮށީ ދަރިފުޅު ސާރާ ގޮވާލި އެވެ. އެ އަޑުގައި ގާތްކަމެއް ނެތެވެ. ކޮއްކޮއަށް ގޮވާލި ގޮތުން ހީވީ އެ ކޮއްކޮ އެކުރީ ކޮށްގެންވާނޭ ކަމެއް ނޫން ކަހަލައެވެ. މަލްސާ އިސްޖަހާލީ ކުށްވެރިވީ ފަދައިންނެވެ. އަސްލަން ބަލާލި ނަމަވެސް އޭނާއަށް އެވަގުތުކޮޅު ހިނގައިދިޔަ އެއްވެސް ކަމެއް ނޭނގެއެވެ.

ގޭގެ އުތުރު ފަރާތަށް ހުރި ލިފްޓު ހަތްވަނަ ފަންގިފިލާއަށް ހުއްޓުނެވެ. ލިފްޓުން ނުކުމެގެން އައިސް މެދެއްހާ ހިސާބުގައި ފެންނަ ހުރި ހަމައެކަނި ދޮރުން އެންމެން ވަނެވެ. ކަނާއަތް ފަރާތުން ފުރަތަމަ ވެސް ފެނުނީ ޒަމާނީ ފަރުމާއަށް ތައްޔާރުކުރެވިފައިވާ ބަދިގެއެވެ. ބަދިގެއާއި ކާގެއާ ސިޓިންރޫމު ހުރީ އެއްކޮށެވެ. ބަދިގޭގެ ކުރިމައްޗަށް ކާމޭޒު ބަހައްޓާފައި ހުއްޓެވެ. ކާމޭޒުގެ އަނެއްފަރާތުގައި ހުރި ބޮޑެތި ސޯފާތަކާއި ފުޅާ ޓީވީއިން އެއީ އެ އެޕ ސިޓިންރޫމުކަން އަންގައިދެއެވެ. ސިޓިންރޫމުން ނުކުމެގެން ހުރި ބެލްކަނީގެ ދޮރު ކައިރީ އިތުރު ދޮރެއް ހުއްޓެވެ. ނޯޔާގެ ނަޒަރު ގޭތެރެއަށް ހިންގާލެވުނީ ވަރަށް ނޫން ގޮތަކަށެވެ. ހަމައެއާއެކު އެއީ އޭނާ ދެން ދިރިއުޅެން އޮތްތަންކަން ސިކުނޑި ހަނދާންކޮށްލަ ދިނެވެ. އެންމެން އެކުގައި އައިސް ސޯފާތަކުގައި އިށީނެވެ. އަސްލަން ގޮސް އެންމެ ބިއްދޮށުން ވައަތްފަރާތަށް ހުރި ކޮޓަރިއަށް ވަނީއެވެ.

"އެކުދީން ވަރުބަލިވެފަ ތިބޭނީ، އަހަރެމެން މިތާ ގިނައިރު ތިބުމުގެ ބޭނުމެއްނެތް، މިތިބަ ދެބެން ނިދާގަޑި ފަހަނައަޅައި ހިނގައްޖެކަން ޔަގީން" އައްޔޫބު ޚިޔާލު ފާޅުކުރި އެވެ.

"ނޯޔާ ވެސް ބައިންދައިގެން މިވާހަކަ ބުނަންވާނީ... ތި ދެމަފިރިންގެ ދެ ލޮލުގެ ނޫރުކަން އަހަރެންނަށް ރަނގަޅަށް އެނގޭ، އަހަރެންނަށް ޓަކައި ތިކޮށްދިނީ ދުވަހަކުވެސް މީހަކު ކޮށްދޭނޭ ހީނުކުރާވަރު ބޮޑުކަމެއް، އަހަރެމެން ކުރަމުން އައީ އުންމީދެއް ފުރިހަމަ މިވީ، ރޫމާ!... މި ދަރިފުޅު އަހަންނާ ހަވާލުކުރިޔަސް، އެކުއްޖާ ހުރީ ރޫމާއާ ދުރަކުނޫން، މިގޭ ދޮރޯށި ތި ޢާއިލާއަށް ޓަކައި ހުރިހާ ވަގުތަކު ހުންނާނީ ހުޅުވާފަ، ހާލު ބަލަން އަންނަން ނުކެރިފައި ނުހުންނާތި، އަހަރެންނާ ހަވާލުކުރި އަމާނާތައް ރައްކާތެރިވާނަން، އަހަރެންގެ ދަރިއެކޭ އެއްވެސް ތަފާތެއް ނުކުރާނަން."

"މިހާ ދުވަސްވީއިރު ސަބީއަށް އިތުބާރު ކުރެވޭ." އައްޔޫބު ބުނެލީ ހިނިތުންވުމަކާއެކު އެވެ. ރޫމާ ވެސް ބޯޖަހާލަމުން ހިނިތުންވެލީއެވެ.

"އަސްލަން އަންނަން ދެން މަޑުކޮށްލަންވީނު، އެ ދިޔައީ އަނުމް ބާއްވަން." ސަބީނާ ބުންޏެވެ. ދެން ރޫމާގެ ގާތުގައި އިން ނޯޔާއަށް ބަލާލިއެވެ.

"މިހާރު މީ ސަބިއްތައެއްނޫން، ދެން މަންމަ ކިޔަން އާދަކުރަންވީ." ނިކަން ހިނިއައިސްފައި އިނދެ ސަބީނާ ބުންޏެވެ. ނޯޔާ ރަކިވިއެވެ. މަންމަ ފިޔަވައި އިތުރު މީހަކަށް މަންމަ ކިޔަން ފަސޭހައެއް ނުވާނެއެވެ. ސަބީނާ ކިތަންމެ ހެޔޮ ނަމަވެސް މަންމައަށް ދެވިފައިވާ ދަރަޖަ އިތުރު މީހަކަށް ނުދެވޭނެކަން ނޯޔާގެ ޟަމީރު ވެސް އެއްބަސްވެއެވެ.

އަސްލަން ނުކުމެގެން އައިސް އެންމެންނަށް ފެންނަ ހިސާބުގައި މަޑުކޮށްލި އެވެ. އެވަގުތު ގޭތެރެއަށް ނެހާއާއި އިޔާންއާއެކު ރިދާން އައިސް ވަދެއްޖެއެވެ. އޭރު އައްޔޫބު ސޯފާއިން ތެދުވަނީ އެވެ. ދަނީތޯ އަހާލީ ރިދާނެވެ. އެއާއެކު ޖަވާބު ދިނީ އައްޔޫބެވެ. ނުކުންނަން ދަމުން އައްޔޫބު އައިސް ހިފަހައްޓާލީ އަސްލަންގެ ކަނާއަތުގެ މުލައްދަނޑީގަ އެވެ. ނޯޔާ ގާތު މަޑުކޮށްލަން އައްޔޫބު ބުނުމުން އެ ދެފައި ހައްޔަރުވީ އެވެ.

"ނޯޔާ އެ އިނީ އަސްލަންގެ އަނތްބަކަށްވެފައި، މި ބައްޕަ އުންމީދު ކުރަނީ ނޯޔާއަށް އޯގާތެރި ރަނގަޅު ފިރިއަކަށް އަސްލަންވާނެ ކަމަށް، ނޯޔާއަށް ހެދޭ ގޯސްތައް ރަނގަޅު ކޮށްދޭން ވާނެ، އަނބިންނަކީ ވަރަށް ނާޒުކު ބައެއް، ލޯތްބާއި އަޅާލުން ފިރިންގެ ފަރާތުން އެމީހުންނަށް ބޭނުންވާނެ... ﷲ ތި ދެކުދީންގެ ކައިވެނީގެ ބަރަކާތްލައްވައި، ފެށި އާ ހާޔާތުގެ ދަތުރު ފަސޭހަ ކޮށްދެއްވާންދޭވެ، އާމީން..." އަސްލަންގެ ކޮނޑުގައި އައްޔޫބު ފިރުމާލިއެވެ. އުންމީދު ފުރިގެންވީ ބަލާލުމަކުން އޭނާ ބަލަން ހުރެ ހިނިތުންވެލިއެވެ. އެޕާޓްމެންޓުގެ ދޮރުމަތިން އަސްލަންއާ ވަކިވެ އެމީހުން ސަބީނާއާއެކު ހިނގައިގަތެވެ.

ފިނި ނޭވާއެއް ދޫކޮށްލި އަސްލަން އެއްއަތުން ތުނބުޅީގައި އަތް ހާކާލިއެވެ. ދެން އެނބުރި އެތެރެއަށް ވަދެއްޖެ އެވެ. ބްލޭޒާ ބާލައި ކަރުގައި އޮތް ޓައީ ނައްޓަމުންނެވެ. ދެން އެ އެއްޗެހި ސޯފާގެ ލެނގޭ ބައިގަ އަޅުވާލި އެވެ. ނެހާއާއި އިޔާން ވެސް ނޯޔާއާ ވަކިވުމުގެ ސަލާމްކޮށްލީ އެވެ. ހިނިތުންވެލައިގެން ހުރި ރިދާން ތަހުނިޔާއާއެކު ދިއްކޮށްލި އަތުގައި ނޯޔާ ނުހިފިއެވެ. ބަދަލުކޮށްލީ ހަމައެކަނި ހިނިތުންވުމެކެވެ. ރިދާންގެ ލޮލުން ކުރިން ފެންނަން ހުންނަ ޝައުގުވެރިކަން ނުފެނުމުން ނޯޔާގެ ހިތުގައި ސުވާލު އުފެދުނެވެ. ނޫނީ ނޯޔާ ފަދައިން އޭނާ ވެސް އަސަރުތައް ފަރުދާކުރުމުގައި ކުޅަދާނައީ ކަމަށް ވެދާނެއެވެ.

"ފުލީ ކޮމިޓެޑް، މިހާ އަވަހަށް... ހާދަހާ ލޯތްބެކޭ ދޯ ތިވަނީ، އެކަމަކު އަސްލަންބެ ވަރަށް ކޫލްވާނެ އިނގޭ، ހީ ވޯންޓް މައިންޑް ސަލާމްކޮށްލައިގެން." ސަމާސާ ގޮތް ދައްކަމުން ރިދާން ބުންޏެވެ. ނެހާ ދެ ލޯ އަޅާލިއިރު އިޔާން ހުރީ ފާޑަކަށް ހެވިފައެވެ.

"ރިދާން ނިދާކަށްނުވޭތަ." އަސްލަން ބުނެލިއެވެ.

"އަސްލަންބެ ނިދިއައީތަ؟... އަހަރެމެންނަށް އަދި ނިދޭކަށް ނެތޭ، ދޯ އިޔާން... މަންމަ އެކަނި ޓެރެސްގައި ހުރި އެއްޗެހި ނުނެގޭނެއެއްނު." ރިދާން ނުސީދާކޮށް އަސްލަންއާ ދިމާކޮށްލި އެވެ. ދެބުމަ ހިއްލާލެވުމާއެކު އަސްލަން ބަލަން ހުރީ އަޖައިބުވެފަ އެވެ. ރިދާނަށް އެފަދަ ސަމާސާއެއް ކުރަން ކެރުނީމައެވެ. މައިރާއާ ކައިވެނި ކުރި ރޭ ރިދާން އުޅުނީ އެހެންނެއް ނޫންކަން އަސްލަން ރަނގަޅަށް ހަނދާން އެބަހުއްޓެވެ. މައިރާ ވާހަކަ ދައްކަން ވެސް ރިދާން ހުރީ ލަދުންނެވެ. ފަހަރެއްގައި މައިރާއަކީ ރިދާންއަށްވުރެ އުމުރުން ބޮޑު އަންހެނަކަށްވީމައި ވީގޮތެއް ކަމަށް ވެދާނެ ހެއްޔެވެ؟. ރިދާންގެ އަތުގައި ހިފައި ނެހާ ދަމާލިއެވެ. އޭގެ ދެމަފިރިންނާއެކު ރިދާން އެބައިން ނެރުނެވެ. ދޮރުމަތިން ނެހާ ހުއްޓި ކޮއްކޮއަށް ބަލާލިއެވެ. އަތްހޫރާލާފައި ދަނީއޭ އަނެއްކާ ވެސް ނެހާ ބުނެލިއެވެ.

އެޕާޓްމެންޓުގެ ހުޅުވިފައި ހުރި ދޮރު ލައްޕާލާފައި އަސްލަން އައެވެ. ނޯޔާ ކޮޅަށް ހުރީ ކަންތައް ކުރަންވީ ގޮތެއް ނުވިސްނޭތީ އެވެ. އަސްލަން ބަދިގޭގައި ހުރި އައިސްއަލަމާރިން ފެންފުޅެއް ނެގިއެވެ. އައިސް ފެންފޮދެއް އޭނާ ބޯލައި ކަރުތެރެ ތެތްމާލި އެވެ. ކަބަޑުމަތީ ތަށި ބެހެއްޓި ހިނދު ނޯޔާ އޭނާގެ ގާތަށް އައެވެ.

"ކޮންތާކު އަހަރެން ނިދަނީ؟" ނޯޔާ އަހާލިއެވެ. އަސްލަންއަށް ވަގުތުން ޖަވާބުދޭން އުނދަގޫވި އެވެ. އޭނާ ވެސް އެ ހުންނަނީ އެ ޚިޔާލުގަ އެވެ. އޭނާއާ އެއް އެނދުގައި ނޯޔާ ބާއްވަންވީ ހެއްޔެވެ. އެއީ އޭނާއާއި މައިރާ ދިރިއުޅުނު ކޮޓަރި އެވެ. އެ ދެމަފިރިން ނިދާ އުޅުނު އެނދެވެ. މައިރާ އޮންނަ ފަޅި އެނދުގައި ހުސްވެފައި އޮންނައިރު އެ ތަނުގައި ނޯޔާ ބާއްވަންވީ ހެއްޔެވެ؟. ނޯޔާއަށް ބަލާލާފައި އެހާމެ އަވަހަށް އަސްލަން ނަޒަރު ވަކިކޮށްލިއެވެ. ފެންތަށީގައި ހިފަހައްޓާލައިގެން އެ ތަށްޓަށް ބަލަން އޭނާ ހުއްޓެވެ. ތިރީތުންފަތް ލޮވެލިއެވެ. އެއްޗެކޭ ބުނަން އޭނާ ވިސްނަނީކަން ނޯޔާއަށް ވެސް ނަގައިގަނެވުނެވެ.

"ނޯޔާއަށް އުނދަގޫވާނެކަން އެނގޭ، ސާރާއާއި މަލްއަށް ވެސް އަހަރެމެން އެކުގައި ބަލައިގަންނަން ވަގުތު ބޭނުންވާނެ، އެމީހުންގެ މަންމަ މަތިން ހަނދާން ހުރޭ، އެހެންވެ... އިހަށް ވަކި ކޮޓަރީގައި އުޅުން އެންމެ ރަނގަޅުތަ؟"

ނޯޔާއަށް ހީވީ އަސްލަންގެ އަމިއްލަ ހާލު ބަޔާންކުރީ ހެންނެވެ. އުނދަގޫވިޔަސް އަސްލަންއަކީ ފިރިމީހާކަން ނޯޔާ ހަނދާނެއް ނުނެތެވެ. ހުރިހާ ގޮތަކުން ނޯޔާ އެވަނީ އަސްލަންއާ ގުޅިފައެވެ. އެ ހަށިގަނޑަކީ ވެސް އޭނާގެ ހައްޤެކެވެ. ކެތްތެރިވާން ނޯޔާ ދަނެއެވެ. ދުވަސްކޮޅަކުން އާދަވާނޭކަން ވެސް އެނގެއެވެ. އެހެންވެ އޭނާ ހުރީ ތައްޔާރުވެއެވެ. ނަމަވެސް އަސްލަން އެގޮތެއް ނުވިއެވެ. ސީދާ ނުބުންޏަސް އޭނާއާ އެއްކޮޓަރިއެއްގައި ނޯޔާ ހުންނަން އަސްލަން ބޭނުން ނުވީކަން ނޯޔާއަށް ވިސްނުނެވެ. ބަލަން ހުރި އަސްލަންއާ ނަޒަރު ސީދާކޮށްލައި ނޯޔާ މަޑުމަޑުން ބޯޖަހާލީއެވެ. އަސްލަންގެ ނިންމުމަށް އޭނާ ފުރިހަމައަށް އިޚްތިރާމް ކުރާނެއެވެ.

"އާދޭ ކޮޓަރި ދައްކާނަން." އަސްލަން ހިނގައިގަންނަމުން ބުންޏެވެ.

އެތެރެއަށް ހިނގައިގަތްއިރު ކުރިން އަސްލަން ވަން ކޮޓަރީގެ ދޮރުމައްޗަށް ވާހެން ހުރި ކޮޓަރި ދައްކައި އެއީ ސާރާއާއި މަލްސާގެ ކޮޓަރި ކަމުގައި އޭނާ ނޯޔާއަށް ބުންޏެވެ. އެކުދީންގެ ކޮޓަރިއާ ޖެހިގެން މައިދޮރު ފެންނާނޭހެން ހުރި ކޮޓަރީގެ ދޮރު އަސްލަން ހުޅުވިއެވެ.

"ބެޑްޝީޓު އަޅާލަން ޖެހޭނީ، އަންނާނަން އެއްޗެހި ހިފައިގެން." ކޮޓަރީގެ ބޮކި ދިއްލާލާފައި އަސްލަން ބުންޏެވެ. ނޯޔާ އުޅުނު ކޮޓަރިއާ އެ ކޮޓަރިއާ ބޮޑުމިން އެއްވަރުކަން ފާހަގަވިއެވެ. ދޮރާ ކުރިމަތިވާނެހެން ހުރި ފާރުގައި ކުއީން ސައިޒުގެ އެނދެއް ހުއްޓެވެ. ވައަތްފަރާތުގައި ތިން ދޮރުފަތުގެ ބޮޑު އަލަމާރިއެއް ހުއްޓެވެ. ރީތިވާ މޭޒެއް ނެތެވެ. ލޯގަނޑު ހުރީ އަލަމާރީގައެވެ. ނޯޔާއަށް އެންމެ ކަންތައް ބޮޑުވީ ކޮޓަރީގައި ފާޚާނާއެއް ނެތުމެވެ.

"މީ... ފާޚާނާ..." އަސްލަން އައިސް ވަން ވަގުތު ނޯޔާ އަހާލަން މަސައްކަތް ކުރިއެވެ.

"މި ކޮޓަރީގަ ފާޚާނާއެއް ނުހުންނާނެ، ބޭރު ފާޚާނާ އެކަކުވެސް ބޭނުމެއް ނުކުރާނެ... ކުދީންގެ ކޮޓަރި ފާޚާނާ ވެސް ބޭނުން ކުރެވިދާނެ." އަސަލަން އިޝާރާތް ކުރަމުން ބުންޏެވެ. އެބުނާ ބޭރު ފާޚާނާއޭ ބުނެ އަސްލަން އިޝާރާތް އެކުރީ އެ އެޕާޓްމެންޓަށް ވަންނައިރު ދޮރާ ޖެހިގެން ވައަތްފަރާތަށް ހުރި މެހެމާނުން ވަދެ ހެދުމަށް ހުންނަ ފާޚާނާއަށެވެ. ނޯޔާ ވަކިއެއްޗެއް ނުބުނުމުން އަސްލަންއަށް ނަގައިގަނެވުނީ ނޯޔާއަށް އުނދަގޫވިއްޔޭ އެވެ.

"ކުދީންގެ ފާޚާނާ އަހަރެން ވެސް ބޭނުމެއް ނުކުރަން، ނޯޔާ އެ ފާޚާނާ ބޭނުން ކުރިޔަސް އަހަރެންނަށް އޯކޭ." އަސްލަން ބުންޏެވެ. ނޯޔާ ބޯޖަހާލީތީ އަސްލަން ހިތްހަމަޖެހުނެވެ. އަސްލަން ގެނައި ބެޑްޝީޓު ސެޓު އެނދުމަތީ ބަހައްޓާލުމަށްފަހު އޭނާ ގޮސް އެނބުރި އައީ ކޮޓަރީގައި ހުރި ނޯޔާގެ ދެ ފޮށި ހިފައިގެންނެވެ.

"އިތުރުކަމެއް ބޭނުންތަ؟" އަސްލަން އަހާލިއެވެ.

"އަހަރެން ކީއްކޮށްދޭންވީ؟ ކުދީންގެ ކަމަކު ހެލްޕެއް ބޭނުންތަ؟" ނޯޔާ ވެސް ކުރީ ސުވާލެވެ.

"މިރޭ ނޯޔާ ރެސްޓްކޮށްލާ." އަސްލަން ބުނެލިއެވެ. އޭނާ ނުކުންނަމުން ފަހަތުން ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

މަލްސާ ބޭލި ހެދުން ތަޅުންމަތީ ނެގީ ސާރާއެވެ. ކޮއްކޮގެ ހެދުމާއި އޭނާ ބޭލި ހެދުން ގެންގޮސް ދާވަށިގަނޑަށް ލިއެވެ. ފާޚާނާއަށް ވަނީ ދެކުދީން އެކީގައެވެ. ފެނާކުޅެން ނުހުރެ އަވަހަށް ނުކުންނަން އަސްލަން ބުނެލިއެވެ. ކޮޓަރިތެރޭ ހުރެ އޭނާ ބެލްޓު ދޫކޮށްލައި ގަމިހުގެ ބެގީ ނައްޓާލިއެވެ. ދެފައިތިލައިން އިސްޓާކީނު ވަކިކޮށްލިއެވެ. ކުދީންގެ ނިދާ ހެދުން އަލަމާރިން ނަގައިގެން ގެނެސް ދެފަރާތުގައި ހުރި އެނދުން ކޮންމެ ކުއްޖެއްގެ އެނދުގައި އެކުއްޖެއްގެ ހެދުން ބޭއްވިއެވެ. ދެކުދީންގެ ތުވާލި ނަގައިގެން ފާޚާނާ ކައިރިއަށް އަސްލަން އައެވެ.

"މަލް! ދަރިފުޅު... އަވަސްކުރޭ..." މަލްސާގެ ސަކަރާތް ބޮޑުވާނޭކަން އަސްލަންއަށް އެނގެއެވެ.

ކުދީން ނިދަން ބާއްވައި އެކުދީންގެ ގާތުގައި އޭނާ މަޑުކޮށްލިއެވެ. ވާހަކަކިޔާދޭން ޖެހޭތީއެވެ. ވާހަކަ ކިޔައިދީ ނިމުމުން ނިދަންވީކަމުގައި ބުނެ ކޮޓަރީގެ އަލި ފަނޑުކުރިއެވެ. ދެބެންގެ ރަޖާ ރީތިކޮށްލައި ކޮންމެ ކުއްޖެއްގެ ނިތުގައި އަސްލަން ބޮސްދީފިއެވެ. ކޮޓަރިން ނުކުމެ އަމިއްލަ ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން އަސްލަން ބަލާލީ ނޯޔާގެ ކޮޓަރިއަށެވެ.

ފެންވަރާލައިގެން ނުކުމެ އަސްލަން މިސްރާބު ޖެހީ ޓެރެސްއަށެވެ. އެތަނުގައި ރިދާނުއާއި އެހެން މީހުން އުޅޭނެކަން އެނގޭތީއެވެ. އަސްލަން ފެނުމާއެކު ރިދާން ބަލާލީ ފަރުވާތެރިކަމާއެކުއެވެ. ނޯޔާ ކޮބައިތޯ ސަބީނާ އަހާލީ ނުހަނު އަވަހަށެވެ.

"ކުދީންނާއެކު އޭނާ ވެސް ނިދަން އެބައޮތް." އަސްލަން ބުނެލިއެވެ. ސަބީނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"މިރޭ ދެން ފެންނާނެއެކޭ ހިޔެއްނުކުރަން." ރިދާން ބުނެލިއެވެ. އޭނާގެ ކޮނޑުގައި ތަށިތައް އެއްކުރަމުން ދިޔަ ސަބީނާ ބޮނޑިއެއް އެޅިއެވެ.

"މީނަ އަނގަގަދަވެއްޖެހެން މަންމައަށް ހީނުވޭތަ؟" ރިދާން ނަގަން ހިފާލި އިސްޕީކަރުގެ އެއްކޮޅުގައި ހިފާލަމުން އަސްލަން ބުންޏެވެ.

"ރިދާން ވެސް އިންނާނެ ކުއްޖަކު ހޯދަންވީ." ހެވިފައި ހުރެ ސަބީނާ ބުންޏެވެ.

"މަށަށް ވެސް މަންމަ ނޯޔާ ހޯދާދިންނަމައެއްނު." ރިދާން ބުނެލީ މާނަވީ ގޮތަކަށެވެ. ހެވިފައި ހުރެއެވެ. ސަބީނާގެ ހީނގަތެވެ. ރިދާންގެ ލާނެތްކަމޭ ސަބީނާ ހިތަށް އެރިއެވެ.

"އަސްލަންބެ އަހަންނަށް ނޯޔާ ދޭންވީނު، ނޯޔާ ދަރީން ބަލައިދޭނެ... އަސްލަންބެ ވެސް މިނިވަންވީ." ސަމާސާ ރާގުގައި ރިދާން ބުންޏެވެ. އެހިނދު ރިދާންގެ ނަމުން އަސްލަން ގޮވާލީ ތަފާތުކޮށެވެ. އަސްލަންއަށް ކަމުނުދިޔައީކަން ރިދާންއަށް އެނގެއެވެ.

"ތިވަރަށް ދިމާނުކޮށްބަލަ." ސަބީނާ ގޮވާލިއެވެ. ރިދާން ހިނިތުންވެލިއެވެ. އެ ހިނިތުންވުން ލޮލާ ހަމައަށް ނުފޯރާނެކަން އެނގޭތީ ރިދާން އެސްފިޔަތައް ތިރިކޮށްލިއެވެ.

"މިރޭ ހުރިހާކަމެއް ނުވާނެ، މާދަން ހެނދުނުން ދެން މަސައްކަތް ފަށާނީ." ސަބީނާ ބުންޏެވެ.

* * * * *

ނޯޔާ ކޮޓަރިން ބޭރަށް ބޯދިއްކޮށްލި އިރު ގޭތެރެއަށް އެޅިފައި އޮތީ ފަނޑު އަލިކަމެވެ. ބަދިގޭ ކަބަޑުތައް ކައިރިން ދިއްލާފައި ހުރި ބޮތްކެއްގެ އަލި އެކަންޏެވެ. ބޭލި ކައިވެނި ހެދުން އެނދުމަތީ އޮތެވެ. ނޯޔާގެ ހަށިގަނޑު ވަނީ ތުވާއްޔަކުން ނިވާކޮށްލާފައެވެ. ދެއަތުގެ ތެރޭ ހުރި ސާމާނާއެކު ދުވެފައި ކޮޓަރިން ނުކުތެވެ. ކުރިމަތީ ހުރި ފާޚާނާއަށް ވަންނާށެވެ. މޭގަނޑު ތެޅިތެޅި އޮތެވެ. އަސްލަން ނޫނީ ކުއްޖަކު ކޮޓަރިން ނުކުމެދާނޭތީއެވެ. (ނުނިމޭ)