ދުނިޔެ

ހެރީޕޮޓާގެ ލިޔުންތެރިޔާ ފާޑުކިޔުންތައް އިޒްރޭލަށް

ނިއުޔޯކް (ޓެލެގްރާފް) - އިޒްރޭލު ސަރުކާރުގެ އަނިޔާވެރިކަމާއި ބޭއިންސާފަށް ހެރީޕޮޓާގެ ލިޔުންތެރިޔާ ޖޭކޭ ރޯލިން ފާޑުކިޔައިފިއެވެ.

ރޯލިން ފަލަސްތީނާއި އިޒްރޭލުގެ މައްސަލައިގާ ވާހަކަ ދައްކާފައި މިވަނީ ހެރީޕޮޓާގެ ބައެއް ފޭނުން އެ ވާހަކައިގާ އުޅޭ ބައެއް ކެރެކްޓާތައް ބޭނުންކޮށް އިޒަރޭލާ ދެކޮޅު ޝުއޫރުތައް ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އިޒްރޭލުގެ އަނިޔާވެރިކަމަށް ދެކޮޅުހެދި ނަމަވެސް ސަގާފީ ގޮތުން އިޒްރޭލު ބޮއިކޮޓް ކުރުމާ ރޯލިން ދެކޮޅެވެ. އޭނާ ބުނީ އެހެން ހަދައިފި ނަމަ އިވެން ޖެހޭ ބައެއް އަޑުތައް މުޅިން ހިމޭންވާނެ ކަމަށެވެ.

"ސިހިގެންދާފަދަ އަނިޔާވެރި އިޒްރޭލުން ދައްކާއިރު، ހެދެން އޮތްހާ ގޮތަކަށް އެގައުމާ ދެކޮޅު ހަދައި ހުރިހާ ރޮނގަކުން އިޒްރޭލު ބޮއިކޮޓް ކުރުމަކީ އިންސާނިއްޔަތަށްޓަކާ ވަރަށް ހިތް އެދޭނެ ކަމެއްކަން ގަބޫލު ކުރަން. އެކަމަކު ސަގާފީ ގޮތުންނާއި އިލްމީ ގޮތުން އިޒްރޭލުގެ މުޖްތަމައު އެކަހެރި ކުރުމަކީ އަހަރެންނަށް އެހާ ރުހެވޭ ކަމެއް ނޫން. އެހެން ހަދައިފިނަމަ، އަހަރެމެންނަށް އެ ހިމޭން ކޮށްލެވެނީ އިޒްރޭލު މީހުންގެ ތެރޭން ފަލަސްތީނަށް ތާއީދު ކުރާ މީހުންނާ، އިޒްރޭލު ސަރުކާރާ މުޅިން ދެކޮޅު މީހުން ވެސް ހިމެނޭ ގޮތަށް. މި ބުނި މީހުންގެ އަޑު އަހަރެން ބޭނުމީ މިހާރަށްވުރެ ގަދަޔަށް އިވެން. ހިމޭން ކޮށްލާކަށް ނޫން." ރޯލިން ބުންޏެވެ.

ފަލަސްތީނަށް ކުރިމަތިވެފައިވާ ހާލަތާމެދު ހިތާމަކޮށް އިޒްރޭލުގެ ސަރުކާރަށް ފާޑުކީ ނަމަވެސް ސަގާފީ އަދި އިލްމީ މައިދާނުގައި އިޒްރޭލު އެކަހެރި ކުރުމުގެ ހިޔާލާ ރޯލިން ދެކޮޅު ހެދުމާގުޅިގެން ޓްވިޓާގައި އޭނާއަށް ގިނަބަޔަކު ތައުރީފު ކުރިއިރު ބައެއް މީހުން ވަނީ ފާޑުކިޔާފައެވެ.
ސަގާފީ ގޮތުން އިޒްރޭލު ބޮއިކޮޓް ކުރުމަށް ގޮވާލާ 700 އަށްވުރެ ގިނަ ފަންނާނުން ސޮއިކުރި ޕެޓިޝަނާވެސް ރޯލިން ދެކޮޅު ހެދިއެވެ.

"ސަގާފީ ބޮއިކޮޓް ގެ ސަބަބުން ފަންނާނުންނާ އިލްމީ ދާއިރާގެ މީހުންގެ މެދުގައި ނުގުޑާފަދަ ހުރަސްތަކެއް ބިނާ ވެގެން ދާނެ. މިފަދަ މީހުންނަކީ ސުލްހައަށްޓަކައި، އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ބައެއް." ރޯލިން ބުންޏެވެ.

ސަގާފީ އަދި އިލްމީ ގޮތުން އިޒްރޭލު ބޮއިކޮޓް ކުރުމަށް ތާއީދުކުރާ އިނގިރޭސި ވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ "ވޯ އޮން ވޯންޓް" ގެ ތަރުޖަމާނު ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ އަނިޔާތަކާ މެދު ރޯލިން ދެއްކި ވާހަކަ ރަނގަޅު ކަމަށާއި އެކަމަކު އިލްމީ މައިދާނުގައި އިޒްރޭލު އެކަހެރި ކުރުމާމެދު ރޯލިންގެ ހިޔާލު މުޅިން ގޯސް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނީ އިޒްރޭލުގެ އަމިޔާވެރިކަމާ އެގައުމުގެ އިލްމީ އިދާރާތަކާ ގުޅި ލާމެހިފައިވާ މިންވަރެވެ.

"ފަލަސްތީނުގެ މުޖްތަމައު ތަހަންމަލު ކުރަމުން އެދަނީ ބޭއިންސާފާ އަނިޔާވެރިކަން. އެކަންކަމަށް އިޒްރޭލުގެ ސަރުކާރު ޖަވާބުދާރީ ކުރުވާތަން ދެކެން އަހަރެން ބޭނުން." ރޯލިން ބުނެފައި ވެއެވެ.

އިޒްރޭލާއި ފަލަސްތީނުގެ މައްސަލައިގާ ޖޭކޭ ރޯލިންގެ ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު، އޭނާއަކީ އިޒްރޭލު ސަރިކާރުގެ އަމަލުތަކާ އަދި އެ ސަރުކާރުގެ ސިޔާސަތު ތަކާ ވަރަށް ދެކޮޅު ފަރާތެކެވެ. އަދި ވަކި ގައުމެއް ބެލުމެއް ނެތި، ސަގާފީ އަދި އިލްމީ މައިދާނުގައި އެންމެންގެ ބައިވެރިވުމަށް ގޮވާލާ ފަރާތެއް ވެސް މެއެވެ.