ރައީސް އޮފީސް

ފާތޭގެ މާލީ ބަޔާނަށް ގެނައި ބަދަލު ސާފުކޮށްދީފި

Feb 14, 2021
10

ރައީސް އޮފީހުގެ ސެކްރެޓަރީ، ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓް އެންޑް ޕްރޮޓޮކޯލްގެ މަގާމުގައި ހުންނެވި ފާތިމަތު މުހައްމަދު ސޯލިހްގެ މާލީ ބަޔާނަށް ގެނައި ބަދަލުތައް އެ އޮފީހުން މިއަދު ސާފުކޮށްދީފި އެވެ.

ރައީސް އޮފީހުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް އާއްމުކޮށްފައިވާއިރު، އެ އޮފީހުގައި ގިނަ އަހަރުތަކެއް ހިދުމަތްކޮށްދެއްވާފައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދައްތަގެ މާލީ ބަޔާން އެންމެ ފުރަތަމަ އާއްމުކުރިއިރު އޭގައި ހިމަނާފައިވާ ބައެއް އަދަދުތަކަށް ފަހުން ވަނީ ބަދަލު ގެނެސްފަ އެވެ.

މިގޮތުން، މިލްކިއްޔާތުގެ ހުރި މުދަލުގެ ބާގައި 20 މިލިއަން ރުފިޔާއަށް އަގުކޮށްފައިވާ އިމާރާތެއް ފުރަތަމަ ހިމެނި ނަމަވެސް، ފަހުން އާއްމުކުރި ބަޔާނުން އެބައި ވަނި އުނިކޮށްފަ އެވެ. އަދި ލޯނުގެ ގޮތުގައި ނަގާފައިވާ ދަރަންޏެއް ނެތްކަމަށް ބަޔާންކުރުމަށްފަހު، ބަދަލު ގެނައި ބަޔާނުގައި 12 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މީގެ އިތުރުން، ފުރަތަމަ އާއްމުކުރި ބަޔާނުގައި ބޭންކުގައި ހުރި ފައިސާކަމަށް ހަތް ލައްކަ ރުފިޔާ ޖަހާފައިވީ ނަމަވެސް، އެ އަދަދުވެސް ފަހުން އާއްމުކުރި ބަޔާނުގައި ތަފާތެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި މާލީ ބަޔާނަށް ގެނައި ބަދަލުތައް ސާފުކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ ރައީސް އޮފީހަށް ގޮވާލައިފަ އެވެ.

އެކަން ސާފުކޮށްދީ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާތިމަތު ސޯލިހުގެ މާލީ ބަޔާން ފޯމް އެންޓާ ކުރުމުގައި ދިމާވެފައިވާ އޮޅުމެއްގެ ސަބަބުން އެ ފޯމްގައި ބަޔާންކޮށްފައިވާ އާމްދަނީ އާއި މުދަލާއި އަދި ލޯނުގެ ބައިގައި އެކަމަނާގެ މައުލޫމާތުގެ ބަދަލުގައި ފިިރިކަލުން އިސްމާއީލް ފިރާގުގެ ބެންކު އެކައުންޓްގައި ހުރި 700،000 ރުފިޔާ އާއި އިމާރާތުގެ އަގު 20 މިލިއަން ރުފިޔާގެ މައުލޫމާތު އެކުލެވިގެންވާކަން ފާހަގަަ ކުރެވުނު ކަމަށެވެ.

އެހެން ކަމުން ފާތިމަތު ސޯލިހުގެ ފޯމް ރައީސް އޮފީހުގެ އޮފިޝަލް ވެބްސައިޓަށް އަލުން އަޕްލޯޑްކޮށްފަައިވަނީ އެކަންކަން އިސްލާހު ކުރުމަށް ފަހު ކަމަަށެވެ.