ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދާއިމީ ލިސްޓް ނެރުނަސް ފްލެޓް ހައްގު މީހަކު ހުރިއްޔާ ދޭނަން: ރައީސް

ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމު ކޮށްފައި ވީނަމަވެސް އެ ލިސްޓްގައި މައްސަލަތަކެއް ހުރިނަމަަ ފްލެޓް ލިބެން ހައްގު މީހާއަށް ފްލެޓް ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއީމީ ލިސްޓް އާންމު މި މަހުގެ ނުވަވަނަ ދުވަހުގެ ރެއެވެ. އާންމު ކުރި ލިސްޓްގައި 6،720 މީހެއްގެ ނަން ހިމަނާފައި ވެއެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ވަނީ 7،000 ފްލެޓެވެ. އެ ފްލެޓްތަކަށް 25،000 ވުރެ ގިނަ މީހުން ފޯމް ހުށައެޅި އެވެ.

ހިޔާ ފްލެޓްތައް ދޭނެ ބަޔަކު ނިންމާ ކުރީ ސަރުކާރުންވެސް ލިޔުން ދޫކުރިއެވެ. މި ސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން އެ ލިސްޓަށް ބަދަލު ގެނެސް އެތަށް ބަޔަކު ވަނީ ލިސްޓުން އުނިކޮށްފައެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ޝަކުވާ ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މިރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފްލެޓް ލިސްޓާމެދު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހަތްހާސް ފްލެޓަށް ފަންސަވީސް ހާސް މީހުން ކުރިމަތިލާއިރު ކަންބޮޑުވުންައް ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ. ރަައީސް މިރޭ ވިދާޅުވީ ފައިނަލް ލިސްޓް އާންމުކޮށްފައި ވީނަމަވެސް އެ ލިސްޓްގައި މައްސަލަތަކެއް ހުރިނަމަަ ފްލެޓް ލިބެން ހައްގު މީހާއަށް ފްލެޓް ދޭނެ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރިކަން. ހަތްހާސް ފްލެޓަށް ފަންސަވީސްހާސް ފަރާތަކުން ކުރިމަތިލާއިރުގަ އޭގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުންނާނެ. އޭގެތެރޭގައި ހައްގުވާ އެތަށް ބަޔަކަށް ނުލިބި ހުރުމަކީވެސް އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް އެއަށް ހައްލެއް ހޯދުމަކީ ސަރުކާރުން ކުރާނެ ކަމެއް. އަދި މި އިއުލާނުކުރި ލިސްޓްގައިވެސް މައްސަލަތަކެއް ހުރި ކަމަށްވަަންޏާ އަދިވެސް އިތުރަށް ސާފުކޮށް ބެލުމަށްފަހުގައި އަޅުގަނޑުމެން އޭގެ ހައްގުވެރި ފަރާތަކަށް އިރާދަކުރެއްވިއްޔާ ދޫކުރާނަން،" ރައީސް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން ޝަކުވާތައް ފުނިޖެހުނުއިރު ސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން ވަނީ ހުރިހާ ޝަކުވާތަކަކަށްވެސް ޖަވާބު ދީފައެވެ. އަދި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާލި މިންގަނޑާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދިއުމުން މީގެ ކުރިން އެ މިންގަނޑުވެސް ފްލެޓް ކޮމެޓީން ވަނީ އާންމު ކޮށްފައެވެ.

ނަމަަވެސް ބައެއް ޝަކުވާތަކަށް ފްލްޓް ކޮމެޓީން ޖަވާބުދީފައިވަނީ ހަގީގަތާއި ހިލާފު މައުލޫމާތުތައް ހިމައިގެން ކަމަށް އާންމުން ގެންދަނީ ބުނަމުންނެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރަައީސް މިރޭވެސް ވިދާޅުވިއެވެ. މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ކުރީން ވިދާޅުވި ވިދާޅުވުން އެމަނިކުފާނު ވަނީ ތަކުރާރު ކުރައްވާފައެވެ.

އެމަނިކުފާނު ކުރީން ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ރޭވި މަޝްރޫއުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުނު ކަމަށާއި، ނަމަވެސް އެމަޝްރޫއުތަކުގެ މަސައްކަތް މިހާރު ކުރިއަށް އެބަދާ ކަމަށެވެ.

މިގޮތުން، މިކްސްޑް މޮޑަލްގެ 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށިފައިވާއިރު، ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.