ރައްޔިތުންގެ މަޖިލިސް

ހިޔާ ޕެޓިޝަން: ކަންބޮޑުވުންތައް ހިފައިގެން ރައީސްގެ އަރިހަށް

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅިގެން ޕެޓިޝަން ކޮމިޓީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ބައްދަލުކުމަށްރު ނިންމައިފި އެވެ.

ޕެޓިޝަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އިބްރާހިމް ނަސީރު ވިދާޅުވީ ހިޔާ ފްލެޓްތަކާ ގުޅޭ ޕެޓިޝަނާ ގުޅިގެން އެ ކޮމިޓީއަށް ރައީސް ހާޒިރުކުރެއްވުމަށް ވެސް ވާހަކަ ދެކެވުނު ކަމަށެވެ. އެކަމަކު ކޮމިޓީގެ މެންބަރުންނަށް ރައީސް ސޯލިހާ ބައްދަލުކުރެއްވޭނެ އިންތިޒާމު ހަމަޖައްސައިދެވިދާނެ ކަމަށް ރައީސް އޮފީހުން އަންގާފައިވާތީ ކޮމިޓީން މިހާރު ވަނީ ކޮމިޓީގެ މެންބަރުން ރައީސް އަރިހަށް ވަޑައިގެން ބައްދަލުކުރެއްވުމަށް ނިންމާފަ އެވެ.

ކޮމިޓީގެ މެންބަރުން ވަނީ ހިޔާ ޕެޓިޝަނާ ގުޅިގެން ރައީސް ސޯލިހާ ކޮންމެހެން ބައްދަލުކުރުން މުހިއްމު ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ކޮމިޓީން ނިންމީ ރައީސްއަށް ފަސޭހަފުޅު ވަގުތެއްގައި އެމަނިކުފާނާ ބައްދަލުކުރުމަށެވެ. ރައީސްއަށް ފަސޭހަފުޅު ވަގުތެއް އެނގިފައި ނުވާތީ ވަކި ދުވަހެއް ކޮމިޓީން ނިންމާފައެއް ނުވެ އެވެ.

ޕެޓިޝަން ކޮމިޓީން ކުރިން ނިންމާފައިވަނީ ބައެއް ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިންނާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ. ޑރ. މުހައްމަދު މުއިއްޒު މިވަގުތު ގައުމުން ބޭރުގައި ހުންނެވުމާ ގުޅިގެން އެ ބޭފުޅުން ހާޒިރުކުރަން ނިންމާފައިވަނީ މިމަހުގެ 21 ވަނަ ދުވަހެވެ.

ހިޔާ ފްލެޓް ޕެޓިޝަންގައި އެދިފައިވަނީ ފްލެޓްތަކުގެ މަހު ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި އިންޓީރިއަ އާއި ފިނިޝިން އަށް ހޭދަވާ ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް، ޖުމުލަ އަގުން އިންޓީރިއާ އަށް ހޭދަވާ އެއް ލައްކަ ރުފިޔާ މާފުކޮށްދިނުމަށެވެ.

ހިޔާ ފްލެޓްގެ ކުއްޔަށް މަހަކު 7،500ރ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގަން ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. ފްލެޓް އެޅުމަށް ނެގި ލޯނު އަނބުރާ ދައްކަން ޖެހޭތީ ކުލި ކުޑަކުރެވެން ނެތް ކަމަށް ސަރުކާރުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެކަމަކު ފްލެޓްގެ އެތެރޭގެ މަސައްކަތް ފްލެޓް ލިބޭ މީހުން އަމިއްލަ ހަރަދުގައި ކުރަން ޖެހޭއިރު އެކަމަށް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ފްލެޓް ލިބުނު މީހުން ބުނެ އެވެ.