ޑާކް ރެއިން

"އޭ ލޯބި އަޝީގާ" ޑާކްރެއިންގެ ހަދިޔާއެއް

ޑާކްރެއިން އެންޓަޓެއިމަންޓްގެ ވެބް ސީރީޒް "ރޫމީ އާ ޖަންނަތު" މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕް މެދުވެރިކޮށް ގެނެސްދެމުންދާއިރު ފޭނުންނަށް ވަނީ ހަދިޔާއެއް ދީފަ އެވެ. "އޭ ލޯބި އަޝީގާ" މި ލަވައަކީ ފިލްމުގެ ބައެއް މަންޒަރުތައް ހިމަނައިގެން ތައްޔާރު ކޮށްފައިވާ ލަވައެކެވެ.

"ވޭލާ ބޭންޑް" އިން ކިޔާފައިވާ މި ލަވާގައި ޑާކްރެއިންގެ ފިލްމުތަކުން ބޮޑު މަގުބޫލު ކަމެއް ހޯދި ބިދޭސީ އެކްޓަރު ތެރީސާމޭ ގެ ހިތްގައިމު ނެށުން ފެނިގެން ދެއެވެ. ލަވައިން އެންމެ ގިނަ ބަޔަކަށް ފާހަގަ ކޮށްލެވުނީ ވެސް ތެރީސާގެ ހުނަރުވެރި ކަމެވެ. ވަރަށް ދިވެހި ވަންތަ ގޮތަކަށް އޭނާ މި ލަވާގައި ނަށާލި ނަށާލުން ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

ލަވާގައި ވެބްސީރީޒްގައި ހިމެނޭ މައިގަނޑު ތަރިންގެ ތެރެއިން ސައީދު އާއި ފުބޫ، ހަސަން މަނިކު އަދި ފައިނަލް ފެނިގެން ދެއެވެ. ފޯރިގަދަ އެ ލަވައިގެ ތެރެއިން ބައެއް ޑައިލޮގްތައް ވެސް އާދެ އެވެ. ލަވަ ނިމިގެން ދަނީ ހަސަން މަނިކުގެ ގައިގައި އަލިފާން ރޯވާ ހިސާބުންނެވެ.

ވެބް ސީރީޒްގެ ހަތްވަނަ އެޕިސޯޑް މިހާރު ވަނީ ދައްކާފަ އެވެ. އަދި ބައެއް އެޕިސޯޑްތައް އައިސް ޓީވީން ދައްކަންވެސް މިހާރު ވަނީ ނިންމާފަ އެވެ.

ޑާކްރެއިންގެ ކޮންމެ އުފެއްދުމުގައި ހާއްސަ ފެނިލުންތަކުން ކުރީގެ މަޝްހޫރު ތަރިންނާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މީހުން ދައްކާލަ އެވެ. މީގެ ކުރިން ގެނެސްދިން ބައެއް ފިލްމުތަކުގައި ކުރީގެ ފިލްމީ ތަރިންނާއި ޓީވީ ޕްރެޒެންޓަރުން އަދި ލަވަ ކިޔުންތެރިން ވެސް ފެނިގެން ގޮސްފައިވެއެވެ. އެއީ ޑާކްރެއިންގެ ފިލްމީ އުފެއްދުންތަކުގެ ހާއްސަ ކަމެކެވެ.

"ރޫމީ އާ ޖަންނަތު" ގައި ވެސް ހާއްސަ ފެނިލުންތަކުން ކުރީގެ މަޝްހޫރު ތަރިން ފެންނާނެ އެވެ. އެންމެ ފާހަގަކޮށްލެވީ ކުރީގެ މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓަރު ގިޔާސް ފެނިލުމެވެ. ކުރީގެ މަޝްހޫރު ހުރިހާ ލަވައެއްގައި ފެންނިގެންދިޔަ ގިޔާސް "ރޫމީ އާ ޖަންނަތު" ން ފެންނާނެ އެވެ. ގިޔާގެ މަންޒަރުތައް ޝޫޓްކޮށް ވަނީ ނިންމާފަ އެވެ.

"ރޫމީ އާ ޖަންނަތު" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އައިޝަތު ފުއާދު އަދި އަހުމަދު ތޮލާލެވެ. ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އަދި މުހައްމަދު ފައިސަލް އެވެ. ޕްރޮޑިއުސް ކުރަނީ މޮގާގެ އިތުރުން އައިޝަތު ފުއާދެވެ. މި ވެބްސީރީޒްގެ ފުރަތަމަ ސީޒަންގައި 15 އެޕިސޯޑް ގެނެސް ދޭނެ އެވެ.