ލައިފްސްޓައިލް

ފަގީރުންނަށް ފަރުވާދޭން "ވަން ރުޕީ ކްލިނިކް"

މެޑިކަލް ޑޮކްޓަރަކަށް ވެވެނީ އިންސާނިއްޔަތަށް ޚިދުމަތްކުރަން ކުރާ ހުވަޔަކަށް ފަހުގަ އެވެ. ކޮންމެ ހާލެއްގައި ވެސް އިންސާނުންނަށް އެ މީހަކަށް ވެވުނު ހިދުމަތެއް ކޮށްދިނުމަކީ ޑޮކްޓަރުންގެ ޒިންމާ އެކެވެ.

އިންޑިޔާގެ އޮޑީޝާގެ ސަމްބަލްޕޫރު ޑިސްޓްރިކްޓްގެ ޑޮކްޓަރަކު މި ޒިންމާ އެންމެ ފުރިހަމަ އަދާކުރުމަށްޓަކައި މިހާރު ވަނީ "ވަން ރުޕީ ކްލިނިކް" ގެ ނަމުގައި އެ ސަރަހައްދުގައި ކްލިނިކެއް ހުޅުވާފަ އެވެ. މިއީ ފަގީރުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ކްލިނިކެކެވެ. މި ކްލިނިކަށް އަންނަ ކޮންމެ މީހަކު ވެސް ދޭން ޖެހެނީ އިންޑިޔާ ރުފިޔާގެ އެންމެ ރުފިޔާ އެކެވެ.

މި ކްލިނިކް ހިންގަނީ ވީރް ސުރެންދުރަ ސާއި އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސާޗް (ވީއައިއެމްއެސްއޭއާރް) ގެ މެޑިސިން ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޕްރޮފެސަރެއް ކަމަށްވާ ޝަންކަރް ރާމަޗަންދާނީ އެވެ.

ބުރުލާ އަވަށުގައި ޕްރޮފެސަރު ރާމަޗަންދާނީ ހުޅުވި މި ކްލިނިކަށް އަންނަ ނިކަމެތިންނަށް އެންމެ ރުޕީ އެއް ދީފައި ހުރިހާ ސިއްހީ ޚިދުމަތެއް ވެސް ހޯދޭނެ އެވެ.

މި ކްލިނިކް ހިންގުމުގައި ޕްރޮފެސަރަށް އެހީތެރިވެދެނީ އޭނާގެ އަންހެނުން ސިކާ ރާމަޗަންދާނީ އެވެ. ސިކާ އަކީ ޑެންޓަލް ސާޖަން އެކެވެ.

މިދިޔަ ހުކުރު ދުވަހު މި ކްލިނިކް އިފްތިތާހު ކޮށްފައިވާފައިވާ ފުރަތަމަ ދުވަހު 33 މީހުން މި ކްލިނިކުން ފަރުވާ ހޯދާފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޝަހަރާ ވަރަށް ދުރުހިސާބެއްގައި ވަކިން އޮންނަ އަވަށަކަށް ވާތީ ސަބަލްޕޫރުގައި އެކަށީގެންވާ ސިއްހީ ޚިދުމަތް ލިބޭކަށް ނުހުރެ އެވެ. އެހެންކަމުން ފައިސާ ލިބޭ މީހުން ބޮޑެތި ރަށްތަކަށް ދަތުރުކޮށް ފަރުވާ ހޯދާއިރު ނިކަމެތި ފަގީރުން ތިބެނީ ބޭސްފަރުވާ އިން މަހްރޫމް ވެފަ އެވެ.

ޑރ. ރާމަޗަންދާނީ ވިދާޅުވީ އެއް ރުފިޔާގެ ފީއެއް ނަގައިގެން މި ކްލިނިކް ހިންގަން ފެށީ ނިކަމެތި ފަގީރުންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭސް ފަރުވާ ހިލޭ ކުރެވޭނެ ގޮތް ހަދައިދޭ ހިތް އޮތްލެއް ބޮޑުކަމުން އޭނާ ފެށި މަސައްކަތެކެވެ. މިއީ ވަރަށް ކުރިންސުރެ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. މިއީ ހޮސްޕިޓަލުގައި އަދާކުރާ ޑިއުޓީގެ އިތުރުން ޑޮކްޓަރު ކުރާ މަސައްކަތެކެވެ.

ކްލިނިކް ހުޅުވަން މިހާ ގިނަ ދުވަސްތަކެއް ނެގީ އޭނާ ކުރިން މަސައްކަތްކުރީ ސީނިއާ ރެސިޑެންޓެއްގެ ގޮތުގައި ކަމުން އެފަދަ މަގާމުތަކުގައި ތިބޭ މީހުންނަށް ޑިއުޓީ ގަޑި ނޫން ގަޑިތަކުގައި ވެސް ޕްރައިވެޓްކޮށް ބަލި މީހުންނަށް ޚިދުމަތް ދިނުމުގެ ހުއްދަ ނޯންނާތީ އެވެ.

"އަހަރެން މިހާޜު ވަނީ އެސިސްޓެންޓް ޕްރޮފެސަރަކަށް ޕްރޮމޯޓް ވެފައި. މި މަގާމުގައި ތިބޭ މީހުންނަށް ޑިއުޓީ ނޫން ގަޑިތަކުގައި ޕްރައިވެޓް ޕްރެކްޓިސް ކުރެވޭ. އެހެންވެ ތަނެއް ކުއްޔަށް ހިފައިގެން ކްލިނިކެއް ތައްޔާރުކޮށް ޚިދުމަތް ދޭން ފެށީ،" 38 އަހަރުގެ ޑޮކްޓަރު ވިދާޅުވި އެވެ.

ކްލިނިކަށް އަންނަ މީހުން އަތުން އެންމެ ރުޕީ އެއް (އެއް ރުފިޔާ) ނަގަނީ ކީއްވެތޯ ނޫސްވެރިއަކު ޑޮކްޓަރާ ސުވާލު ކުރި އެވެ. ޖަވާބުގައި އޭނާ ވިދާޅުވީ ހިލޭ ފަރުވާ ދޭ ނަމަ ޚިދުމަތް ހޯދަން އަންނަ ނިކަމެތި ފަގީރުން ވެސް އެހާ ހިތްހަމަ ނުޖެހޭނެކަން ހީވާތީ އެވެ. އެންމެ ރުޕީ އެއް ވެސް ނަގާނަމަ އެމީހުންނަށް ވެސް ފައިސާ ދީގެން ޚިދުމަތް ހޯދާ ކަމުގެ ހިތްހަމަޖެހުން އޮންނާނެ ކަމަށް ޑޮކްޓަރު ދެކެވަޑައިގަނެ އެވެ.

ހެނދުނު 7.00 އިން 8.00 އަށް ރޭގަނޑު 7.00 އިން 8.00 އަށް މި ކްލިނިކުގައި ބަލި މީހުންނަށް ފަރުވާ ދިނުމުގައި ޑޮކްޓަރު ހޭދަ ކުރެ އެވެ.

"އަހަންނަކީ މުއްސަނދިންގެ ޑޮކްޓަރެއް ނޫން. އަހަންނަކީ އާދައިގެ ނިކަމެތިންގެ ޑޮކްޓަރެއް،" ޑރ. ރާމަޗަންދާނީ ވިދާޅުވި އެވެ.

ޑޮކްޓަރު ހޮސްޕިޓަލުގައި ބަލާ ގަޑިތަކުގައި އޭނާއަށް ދެއްކުމަށް މީހުން ދިގު ކިޔޫތަކުގައި ތިބޭތަން ޑޮކްޓަރަށް ފެނި އޭގެ ތެރޭގައި ވަރަށް ބަލި ހާލުގައި އުޅޭ މީހުން ތިބޭތަން ފެނިފައި ވަރަށް ދެރަވެ އެވެ. ވީމާ އެ ފަދަ މީހުންނަށް ވެސް މިހާރު އެންމެ ރުފިޔާއެއް ދީފައި ކްލިނިކުން މާ އަވަހަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބޭނެކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ، ރާމަޗަންދާނީ ވާޙަކަ މީގެ ކުރިން 2019 ގައި ވެސް ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާފައި ވެއެވެ. އެއީ ލެޕްރަސީ ޖެހިފައިވާ މީހަކު އުފުއްލާލައިގެން އެމީހާގެ ގެޔަށް ގެންގޮސް ދިނީމަ އެވެ.

ޑޮކްޓަރު ވިދާޅުވީ ނާސިން ހޯމެއް އަޅައި އެތަނުން ޚިދުމަތް ފޯރުކޮށްދިނުމަށް އޭނާގެ މަރްހޫމް ބައްޕަ އެދިފައި ވެއެވެ. ނަމަވެސް ނާސިން ހޯމެއް އަޅަން ގިނަ އަދަދަކަށް ފައިސާ ބޭނުންވާ ކަމަށާއި އެފަދަ ތަނެއް އަޅައިގެން ފަގީރުންނަށް އެއް ރުޕީ އަށް ފަރުވާ ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ އަހަރެން 'ވަން ރުޕީ ކްލިނިކް' ހުޅުވީ،" ޑޮކްޓަރު ވިދާޅުވި އެވެ.

ކޯވިޑްގެ ވަބާގެ ތެރޭގައި ވެސް ޑރ. ޜާމަޗަންދާނީގެ އިންސާނީ ޚިދުމަތް ގިނަ ބަޔަކަށް ފޯރުކޮށްދިނެވެ. އެގޮތުން ކޯވިޑް ޖެހިފައިވާ މީހުންނަށް ޑިއުޓީ ގަޑި ނޫން ގަޑިތަކުގައި އަމިއްލަ ގޮތުން ފަރުވާ ދީ އޭނާގެ ކާރުގައި އެފަދަ މީހުން ހޮސްޕިޓަލަށް ގެންގޮސްދިނުން ފަދަ ކަންތައްތައް ޑޮކްޓަރު ކުރައްވާފައި ވެއެވެ.