ބޮލީވުޑް

ސޫރަޖް ބަރްޖަތިޔާ ތިން ފިލްމެއް، އެއް ފިލްމުގައި ދަރިފުޅު

"މައިނޭ ޕިޔާރް ކިޔާ" އާއި "ހަމް އާޕް ކެ ހޭ ކޯން" އަދި "ވިވާ" ފަދަ ރީތި ފިލްމުތައް އުފައްދާފައިވާ މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާ މުޅިން އާ ތިން ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވާން ފަށައިފި އެވެ.

ސޯނަމް ކަޕޫރާއި ސަލްމާން ޚާންގެ "ޕްރޭމް ރަތަން ދަން ޕާޔޯ" ގެ ވެސް ޑައިރެކްޓަރު މި ފަހަރު އުފައްދާ ތިން ފިލްމުގެ ތެރެއިން އެއް ފިލްމަކީ ސޫރަޖްގެ ދަރިފުޅު އަވްނީޝް ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާ ފިލްމެވެ.

ސޫރަޖް އުފައްދަން އުޅޭ ތިން ފިލްމުގެ ތެރެއިން އެއް ފިލްމަކީ އަމީތާބު ބައްޗަން އާއި ބަމަން އިރާނީ މުހިއްމު ރޯލުތަކެއް ކުޅޭ ރަހުމަތްތެރިކަމާ ގުޅޭ ތީމަކަށް އުފައްދާ ފިލްމެކެވެ. މި ފިލްމުގެ މަސައްކަތް މި ހިނގާ ފެބްރުއަރީގައި ފަށަން ވަނީ ހަމަޖެހިފައިވީ ނަމަވެސް ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު މި ފިލްމު ފަށަން ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.

ސޫރަޖްގެ ހުރިހާ ފިލްމުތަކެއް ވެސް ވެސް އިންސާނުންގެ މެދުގައި އޮންނަ މާތް ގުޅުން ވަރަށް ފުރިހަމައަށް ދައްކުވައިދީފައި ހުރެ އެވެ. އެގޮތުން މިފަހަރު އޭނާ ދައްކާލާނީ އުމުރުން ދުވަސްވީ ދެ އެކުވެރިއެއްގެ އޮތް ބަދަހި ގުޅުމެވެ.

މި ފިލްމު 2022 ގައި ރިލީޒް ކުރުމަށް ފަހު ދެން ސޫރަޖް އުފައްދާނީ ސަލްމާން ޚާން ލީޑް ރޯލު ކުޅޭ ފިލްމެކެވެ. މި ފިލްމުގައި ކިޔައިދޭނީ ކައިވެނިކޮށްގެން ގިނަ ދުވަސްތަކަކު އެކުގައި އުޅޭ ދެމަފިރިއެއްގެ ވާހަކަ އެވެ. މި ދެމަފިރިންނާއި އެމީހުންގެ ދަރިންގެ ވާހަކަތަކެކެވެ. އަދި މި ފިލްމުގެ ސްކްރިޕްޓް ފައިނަލް ނުވެ އެވެ. ވީމާ ޝޫޓިން ފެށޭނެ ދުވަހެއް އަދި ނޭނގެ އެވެ.

ސޫރަޖްގެ ދަރިފުޅުގެ އަވްނީޝްގެ ފިލްމު މި އަހަރު ފަށަން ވަނީ ހަމަޖެހިފަ އެވެ. މިއީ ވެޑިން ތީމް އަކަށް އުފައްދާ "ޖޭ ޖަވާނީ ހޭ ދިވާނީ"ގައި ދެއްކި ކަހަލަ ކަންތައްތަކެއް ފެންނާނެ ފިލްމެކެވެ. އަވްނީޝް އާއެކު މި ފިލްމުގައި ބައިވެރިވާނީ ވަރަށް ޒުވާން އެކްޓަރުންނެވެ.

ކޮރޯނާވައިރަސް ޕެންޑެމިކް އާ ހެދި މި ފިލްމުގެ މަސައްކަތް ފެށުމަށް ވަނީ ބައެއް ހުރަސްތައް ކުރިމަތިވެފަ އެވެ.