ރައީސް މުހައްމަދު ނަޝީދު

އިންތިހާބު ބާއްވަން އޮތް ދުވަހަށް ބަދަލެއް ނުގެންނާނެ: ރައީސް ނަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން މިހާރު ކަނޑައަޅާފައިވާ ތާރީހަށް ބަދަލެއް ނުގެންނާނެ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ކުރީކޮޅު ބާއްވަން އޮތް ކައުންސިލް އިންތިހާބު ފަސް ކުރީ ކޮރޯނާ ވައިރަސްއާ ގުޅިގެން ކުއްލި ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ނެވެ. ނަމަވެސް ކުއްލި ހާލަތު އުވާނުލިޔަސް އިންތިހާބް ބޭއްވޭ ގޮތަށް މަޖިލީހުން ފާސްކުރުމާއެކު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިހާބް ބާއްވަން އީސީން މިހާރު ވަނީ ތާވަލްކޮށްފަ އެވެ. ނަަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ތާރީހުގައި އިންތިހާބް ބޭއްވިދާނެ ކަމާމެދު އީސީގެ ރައީސް އަހުމަދު ޝަރީފް ދަނީ ސުވާލު އުފައްދަވަމުން ނެެވެ.

މިއަދުގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބަކީ މިހާރު ސްކޫލް ކުދިންނަށް ދޭ ހޯމް ވޯކެކޭ އެއްފަދަ ވެފައިވާ ކަމަށެެވެ. ހޯމް ވޯކްވެސް ހަދާނީތޯ ނުވަތަ ނަހަދާނީތޯ ކުޑަކުދިން ވިސްނާހެން އިންތިހާބްވެސް ބާއްވާނީތޯ ނުވަތަ ނުބާއްވާނީތޯ ވިސްނަމުންދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ކޮމިޝަނާ އޮފް އިލެކްޝަންސްއަށްވެސް އަދި ހުރިހަ ހޯމްވޯކް ހަދާ ކުދިންނަށްވެސް ދަންނަވަން އޮތީ މިހާރު މި އޮތީ ހޯމް ވޯކް ދިފައޮތީ. ދެން އެ ނިންމައިގެން އަވަހަށް އަންނާށޭ. އެ ނޫން ގޮތެއް މިއަކު ނެތޭ. އިންތިހާބް މިއޮތް ދުވަހު އިރާދަ ކުރެއްވިއްޔާ އިންތިހާބް އޮންނާނެ. އަޅުގަނޑުމެން އެއަކަށް އިރާދަ ކުރެއްވިއްޔާ ބަދަލެއް ނުގެންނާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.