ރައްޔިތުންގެ މަޖިލިސް

މިއުޒިކާއި ޓެލެކޮމްއާ ގުޅޭ ގަރާރު ކޮމެޓީތަކަށް

ރާއްޖޭގެ ޓެލެކޮމް އޮޕަރޭޓަރުންނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރާއި މިއުޒިކްއާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ އެ ދެ މައްސަލަ ދިރާސާ ކުރަން ކޮމެޓީތަކަށް ފޮނުވަން ނިންމައިފިއެވެ.

މިއުޒިކްގެ ފަންނު އިތުރަށް ތަރައްގީކޮށް ޒުވާނުން މިއުޒިކް އަޑުއަހާލައި ރައްޓެހިންނާ ބައްދަލުކޮށް ސަމާސާ ކޮށްލާ ހަދާނެ މަރުކަޒެއް ގާއިމްކުރުމާ ގުޅޭގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅާފައިވާ ގަރާރާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ ގަރާރު ބަލައިގަންނަން 34 މެމްބަރަު ވޯޓު ދެއްވި އެވެ. އަދި އެއް ބޭފުޅަކު ވަކި ގޮތަކަށް ވޯޓު ނުދެއްވަ އެވެ.

އެ ގަރާރަށް މީގެ ކުރިން ބަހުސްކޮށްފައިވާއިރު ދީނުގައި މިއުޒިކްގެ ރައުޔާ ގުޅޭ ގޮތުން އެމްޑީޕީގެ މެމްބަރުން ދެއްކެވި ވާހަކަތައް ވަރަށް ހޫނުވި އެވެ. އަދި މިއީ ފިތުނަ ފަސާދަ އުފައްދަން ހުށަހަޅާފައިވާ ގަރާރެއް ކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފައިވެ އެވެ. އެ ގަރާރު ބަލައިގަތުމާއެކު ދެން އެކަމާ ގުޅޭ ގޮތުން އިތުރަށް ދިރާސާކުރަނީ އިޖުތިމާއީ ކޮމެޓީއިން އެވެ.

ރާއްޖޭގެ ޓެލެކޮމް އޮޕަރޭޓަރުންނަށް މަންފާވާ ގޮތަށް ޓެލެކޮމް އޮތޯރިޓީއިން މަސައްކަތް ކުރާތީ އެކަން ހައްލުކުރަން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހުށަހަޅުއްވާފައިވާ ގަރާރަށްވެސް މިއަދު ވަނީ ވޯޓަށް އަހައިފަ އެވެ. އެ ގަރާރު ބަލައިގަންނަން ފެންނަ ކަަމަށް 40 މެމްބަރުން މިއަދު ވޯޓު ދެއްވި އެވެ. އެއާއެކު ދެން އެކަމާ ގުޅޭގޮތުން އިތުރަށް ދިރާސީ ކުރާނީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއިން އެވެ.

އެ ގަރާރާ ގުޅޭ ގޮތުން ބައެއް މެމްބަރުން ވިދާޅުވީ މިއީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް މަގާމުން ވަކި ކުރަން ހުށަހަޅާފައިާ ގަރާރެއް ކަމަށެވެ. އެ ގަރާރަށް ކުރި ބަހުސްގައި އެމްޑީޕީގެ މެމްބަރުން ވަނީ މަލީހުއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. މަލީހުގެ އިތުބާރު ނެތް ކަަމުގެ ވޯޓު ނަގަން މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.