ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

45 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭން ފަށައިފި

45 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށައިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ކުރިން ވެކްސިން ދޭން ފަށައިފައި ވަނީ 45 އަހަރުން މަތީގެ ހައި ރިސްކް މީހުންނަށް އެކަންޏެވެ. އެހެންނަމަވެސް މިއަދުން ފެށިގެން އެއުމުރުފުރާގެ ހުރިހާ އެންމެންނަށް ވެކްސިން ދޭނެ އެވެ.

މީގެއިތުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ ހައި ރިސްކް މީހުންނަށްވެސް ވެކްސިން ދިނުން ކުރިއަށްދާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ރާއްޖޭގައި މިހާތަނަށް 38،591 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ އަށް ސެންޓަރުހުރިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 48 ސެންޓަރަކުން އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.