ލީޑިން ޓީޗަރުންގެ ޒިންމާތަކުން ވަކިވި އިއްޒުއްދީން ސްކޫލްގެ ޓީޗަރުންގެ ވަރަށް ސީރިއަސް ޝަކުވާތަކެއްް ހިމެނޭކަން އެނގިއްޖެ އެވެ.
ކުރީގެ އެމްއީއެސް އިމާރާތުގައިި މިދިޔަ އަހަރު ހުޅުވި އިއްޒުއްދީން ސްކޫލްގެ ފަސް ލީޑިން ޓީޗަރުންގެ ތެރެއިން ހަތަރު ޓީޗަރަކު މިިދިޔަ ބުރާސްފަތި ދުވަހު ވަނީ ކުއްލި ގޮތަކަށް މަގާމުގެ ޒިންމާތައް ދޫކޮށްލައިފަ އެވެ.
އަވަސްއާ ވާހަަކަ ދެއްކި އިއްޒުއްދީންގެ ކުރީގެ ލީޑިން ޓީޗަރުން ބުނީ އެ މަގާމާ ހަވާލުވީ ވަރަށް ފޮނި އުއްމީދުތަކާ އެކުގައި ކަމަށާއި ނަމަވެސް ޕްރިންސިޕަލްގެ އަމަލުތަކާހުރެ ކުރިމަތިވި ހުރަސްތަކާއެކު މުޅިން ނާއުއްމީދުވެ ޒިންމާތައް ދޫކޮށްލަން މަޖުބޫރުވީ ކަމަށެެވެ.
އެ ޝަކުވާތައް މީގެ ތިން މަސް ކުރިން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްއާ ޓީޗަރުން ހިއްސާކުރި އެވެ. އަދި އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައުމުންވެސް އެއްވެސް ކަހަލަ ހައްލެއް ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަން ވަނީ އެނގިފައެވެ.
ޓީޗަރުން ޕްރިންސިޕަލްއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ލީޑިން ޓީޗަރުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ވަރަށް ހުތުރުކޮށް ވާހަކަ ދެއްކުމާއި ޓީޗަރުންގެ ހިޔާލު ބޭނުންނުވާ ކަމަށް ބުނެ ޕްރިންސިޕަލް އަންގާހާ ގޮތަށް އަމަލުކުރަން އަމުރުކުރުން ހިމެނެއެވެ.
ސްކޫލްގައި ހުންނަ ކަންތައްތައް ރަަނގަޅުކުރަން އަމިއްލައަށް އިސްނަގައިގެން ކަންތައްތައް ކުރުމުން އެކަން ޕްރިންސިޕަލް ހުއްޓުވާކަމަށް ޓީޗަރުން ތުހުމަތު ކުރެއެވެ. އަދި އެފަދަ ވިސްނުމުގައި ކަމެއް ކޮށްފިނަމަ ޕްރިންސިޕަލްއަށް "ވަގަށް" ކަންކަން ކުރާކަމުގެ ތުހުމަތު ޓީޗަރުންގެ ބޮލުގައި އަޅުވާކަމަށް ވަނީ ބުނެފަ އެވެ.
" އަމިއްލައަށް ފެނިގެން ޓީޗަރުން ކަމެއް ނުކުރިޔަސް މީޓިން ބާއްވާ އެކަންވެސް އެބަ ކުށްވެރިކުރައްވާ" އިސްތިއުފާ ދެއްވި ޓީޗަރަކު ބުންޏެވެ.
ޓީޗަރުންގެ އެންމެ ބޮޑެތި ޝަކުވާތަކުގެ ތެރޭގައި ކުދި ކުދި ކަންކަން ޕްރިންސިޕަލް ބޮޑުކޮށްލުން ހިމެނެއެވެ. އެހެންވެ އަބަދުވެސް ކުށުގެ މާހައުލެއްގައި އުޅެވޭކަމުގެ އިހުސާސްވާކަމަށް ޓީޗަރުން ވަނީ ބުނެފައެވެ.
ލީޑީންޓީޗަރ އެއްގެ ހައިސިއްޔަތުން ސްކޫލްގައި އަދާކުރަންޖެހޭ ޒިންމާ އަކީކޮބައިކަން ސާފުކޮށް ބުނެނުދެއްވާ ޒިންމާ އަދާނުކުރެވޭ ކަމަށްބުނެ މީޓީންތައް ބާއްވާ ކުށްވެރިކޮށް އެއްޗެހިކިޔާ ކަމުގެ ޝަކުވާވެސް ޓީޗަރުން ކުރެ އެވެ.
" ތަކުރާރުކޮށް މީގެ ކުރިން އެތައް ފަހަރަކު ޕްރިންސިޕަލް ވަނީ އިސްތިއުފާ ދޭން އަންގައިފައި. މިކަމާގުޅިގެން ފާޅުގައި ޕްރިންސިޕަލް ބުނެފައެބަހުރި ''މި މީހުންގެ ރެޕިއުޓޭޝަން ދުއްވާލާނަމޭ. މިނިސްޓްރީ އޮތީ ޕްރިންސިޕަލްއާ އެއްކޮޅަށޭ.
މިނިސްޓަރު ވަރަށް ޕްރިންސިޕަލްއަށް ތާއީދު ކުރެޔޭ. މިނިސްޓަރު ވިދާޅުވެފަޔޭ އޮތީ ޕީއެސް ގާތު އެކަމާ އަޅާ ނުލާށޭ. ޕްރިންސިޕަލް މިކަން ކުރާނީ ރަނގަޅަށޭ. އެބަހުރި ނުރަސްމީ ގަޑީގައި ލީޑިންޓީޗަރުންގެ ފޯނަށްގުޅާ ލީޑިންޓީޗަރުންނަށް އެއްޗެހިކިއުއްވާފައި " ލީޑިން ޓީޗަރަކު ކިޔައިދިނެވެ.
ޓީޗަރުން ޒިންމާތައް ދޫކޮށްލި މައްސަލައިގައި އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް ފޯނަށް ޖަވާބު ނުދޭތީ ބަހެއް ނުލިބުނެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއްވެސް މިހާތަނަށް ނުލިބެއެވެ.
ޒިންމާތައް ދޫކޮށްލި ޓީޗަރުންގެ ބަދަލުގައި މިހާރު ވަނީ އާ ލީޑިން ޓީޗަރުން ނަގައިފަ އެވެ.