ސާޖިދާ މުހައްމަދު

ޓީޗަރުންނަށް އިދާރީ މަސައްކަތް މަދުކުރުވަންޖެހޭ: ސާޖިދާ

ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ ފަންނީ ބޭފުޅުންގެ އިދާރީ މަސައްކަތްތައް މަދުކޮށް، އުނގަންނައިދިނުމުގެ ކަންކަމަށް އިތުރަށް ސަމާލުކަން ދެވޭ ގޮތަށް ވަގުތުތައް ހުސްކޮށްދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ސެންޓާ ފޯ ހަޔަ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގައި ބޭއްވި ހަތްވަނަ "އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިއަހަރުގެ ކޮންފަރެންސް ކުރިއަށް ދަނީ "އެޑިއުކޭޓް، އެމްޕަވަ، އެލެވޭޓް؛ އިކުއިޓަބަލް އެޑިއުކޭޝަން ފޯ ޓުވެންޓީ ފަސްޓް ސެންޗަރީ އެޑިޔުކޭޝަން އެކްސަލަންސް" މި ޝިއާރުގެ ދަށުންނެވެ.

މި ކޮންފަރެންސަކީ މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުން އުނގަންނައިދޭ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ކަމާ ގުޅުންހުރި ބޭފުޅުން އެއްތަނަކުން ބައްދަލުވެ ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކޮންފަރެންސެކެވެ.

ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ މުދައްރިސުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ތައުލީމީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވައުދުތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން ސްކޫލްގައި ހޭދަކުރަންޖެހޭ ވަގުތު ވަކިވަރެއްގައި ހިފެހެއްޓުމާއި ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ ފަންނީ ބޭފުޅުންގެ އިދާރީ މަސައްކަތްތައް މަދުކޮށް، އުނގަންނައިދިނުމުގެ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ވަގުތު ހުސްކޮށްދިނުން ފަދަ ކަންކަން ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެެ. އެހެންވެ އެކަންކަން އަވަހަށް ކުރުން މުހިއްމުކަން ފާހަގަކުރެއްވި އެވެ.

"މުދައްރިސުންނަށް ފަންނީ ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދީ، މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންގޮސް، ތާޒާކުރުމުގެ ޕްރޮގްރާމުތައް ރާވާ ހިންގާ، ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުންވެސް މުހިއްމު،" ސާޖިދާ ވިދާޅުވި އެވެ.

ފަސްޓްލޭޑީ ވިދާޅުވީ 21 ވަނަ ގަރުނުގައި ހަމަހަމަ ތައުލީމީ ފުރުސަތުތައް ލިބިދިނުމާއި އެފަދަ ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށެވެ. ކުދިންގެ ހަސަބާއި ނަސަބަށް ބެލުމެއްނެތި، ހުރިހާ ކުދިން ޝާމިލުވާ ގޮތަށް ކޮންމެ ކުއްޖަކާ ހިސާބަށް ތައުލީމުގެ ފުރުސަތު ވާސިލު ވާންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"ހަމަހަމަ ފުރުސަތު ފަހިކޮށްދީ، ކޮންމެ ކުއްޖަކުމެ ތައުލީމުގައި ޝާމިލުވާކަން ޔަގީންކުރުމަކީ އަބަދުވެސް ދިވެހިރާއްޖޭގެ ތައުލީމު ކުރިއެރުވުމުގައި އިސްކަންދެމުން އައި ގޮތް،" މެޑަމް ވިދާޅުވި އެވެ.

‎ސާޖިދާ ވިދާޅުވީ ރާއްޖޭގެ ރަށްތައް ވަކިވަކިން ހުރުމުގެ ސަބަބުން ހާއްސަ ގޮތެއްގައި ރަށްފުށުގެ ތައުލީމީ ނިޒާމު ހަރުދަނާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް، އެކުގައި މަސައްކަތްކޮށް، ބިނާކުރަނިވި ހައްލުތައް ހޯދައި، ތައުލީމީ ވަސީލަތްތަކާއި، ގޮތްތަކާއި، ފުރުސަތުތައް އިތުރުކުރުމުގައި ޓެކްނޮލޮޖީގެ ދައުރު ބޮޑު ކަމަށެވެ.

‎މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް، މުދައްރިސުންގެ ދައުރު އަދާކުރުމުގެ އިތުރުން ރަށްރަށުގައި ކިޔަވައިދޭ ޓީޗަރުން، އެ މުޖުތަމައުތަކުގެ މުރުޝިދުންނާއި ވެރީންގެ ގޮތުގައި ހަރަކާތްތެރިވާތީ އެއީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވި އެވެ.