ދިރާސީ އަހަރު އެއްވެސް ޓާމެއްގެ ޗުއްޓީގައި ޓީޗަރުން ސްކޫލަށް ނުނެރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަނެއްކާވެސް ސްކޫލުތަކަށް އަންގައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ސުކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ބަންދާއި މިޑްޓާމް ބަންދުގައި ޓީޗަރުން ސްކޫލަށް ނެރުމަކީ މަނާ ކަމެއް ކަމަށެވެ.
ޓީޗަރުންގެ މަސައްކަތަށް ލުއިކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކޮށްދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށްވެސް ސާކިއުލާގައިވެ އެވެ.
މިނިސްޓްރީން ބުނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންނަކީ ގިނަ ވަގުތު ތަކެއްގައި މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ވާއިރު ސިއްހަތައް ސަމާލުކަން ދިނުމަށްޓަކައި ވޯކުލޯޑް ކުޑަކުރުމަށް ލުއި ދިނުމަށް ފިޔަވަޅު ތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން ސްކޫލުގެ ވައިބަ ގްރޫޕްތައް މަދު ކުރުމަށްވެސް ސްކޫލުތަކަށް ވަނީ އަންގާފަ އެވެ.
ރަސްމީ ބަންދު ދުވަސްތަކުގައި ބައެއް ސްކޫލުތަކުގައި މަސައްކަތްތަކަށް ޓީޗަރުން ނެރުމަކީ ވަރަށް އާންމު ކަމެކެވެ. އަދި އެއީ ޓީޗަރުންގެ ޝަކުވާ ވަރަށް ބޮޑުވެފައި އޮންނަ މައްސަލަ އެކެވެ.