ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ޗައިނާ ވެކްސިންވެސް ދޭނެ، މަޑުކުރަނީ ހުއްދައަށް

Feb 16, 2021
1

ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފެއްދި ވެކްސިންވެސް ރާއްޖޭގަައި ބޭނުން ކުރާނެ ކަމަށާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބުމުން ވެކްސިން ޖަހަން ފަށާނެ ކަަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ޗައިނާގެ ކުންފުނިން އުފެއްދި ކޮވިޑް-19 އިގެ 5،000 ޑޯޒް ވެކްސިން ރާއްޖޭގައި އެބަހުއްޓެވެ. އެއީ ހެޔޮއެދޭ ފަރާތަކުން ހަދިޔާކުރި ވެކްސިނެވެ. ނަމަވެސް އެއީ ކޮން ފަރާތެއް ކަމެއް ހާމައެއް ނުކުރެއެވެ. މީގެ އިތުރުން އެ ވެކްސިންގެ 100،000 ޑޯޒް ހަދިޔާ ކުރާނެ ކަމަށް ޗައިނާ ސަރުކާރުން ވަނީ ބުނެފައެވެ. ވަރަށް އަވަހަށް ރާއްޖެއަށް އެ ވެކްސިން ޑޯޒްތައް ގެންނާނެ ކަަމަށްވެސް ޗަައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަނީ ވިދާޅުވެފައެވެ.

އެޗްއީއޯސީން ބުނީ ރާއްޖެއަށް ގެނެސްފައިވާ 5،000 ޑޯޒް ރައްކާތެރި ކަމާއެކު ފްރިޖް ކުރެވިފައިވާ ކަމަށެވެ. އެ ޑޯޒްތައް ހުރިކަމަށް އެޗްއީއޯސީން ހާމަކުރީ މި މަހުގެ ދެވަނަ ދުވަހުއެވެ. އޭގެ ފަހުން ގިނަ ދުވަސްވެގެން ދާއިރު އެ ވެކްސިން ޖަހަން ފަށާނެ ދުވަހެއް އަދި ރާއްޖޭގައި އެ ވެކްސިން ބޭނުން ކުރާނެތޯ ބައެއް މީހުން ދަނީ ސުވާލު ކުރަމުންނެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވެކްސިން އޮޕަރޭޝަންގެ އިސްކޮށް ހުންނެވި މުހައްމަދު ހަމްޒަތު ވިދާޅުވީ ސިނޮފާމްސް ވެކްސިންވެސް ރާއްޖޭގައި ބޭނުން ކުރާނެ ކަމަށެވެ. ނަމަވެސް ވެކްސިން ބޭނުން ކުރުމުގެ ކުރިން ބޭނުންވާ ހުއްދަތަކެއް ވާ ކަމަށާ ހުއްދަ ލިބުމާއެކު ވެކްސިން ދޭން ފަށާނެ ކަމަށެވެ.

"ސިނޮފާމްސް ވެކްސިންވެސް ރާއްޖޭގައި ޖަހަމުންދާނެ. އެއަށް ބޭނުންވާ ހުއްދަތަކެއް އެބަ ބޭނުންވޭ. އެފަދަ ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނީ މިނިސްޓްރީގެ އެފްޑީއައިއިން ހުއްދަ ލިބުނީމަ. އެހެންވީމަ ހުއްދަ ލިބުނުހާ އަވަހަކަށް ވެކްސިން ދޭން ފަށާނެ،" ހަމްޒަތު ވިދާޅުވިއެވެ.

ޗައިނާ ވެކްސިން އެ ގައުމުގެ އާބާދީގެ އެތަށް މިލިއަން ބަޔަކަށް މިހާރުވެސް ވަނީ ދީފައެވެ. އަދި ބައެއް ގައުމުތަކުން ދަނީ އެ ވެކްސިން ބޭނުން ކުރަމުންނެވެ. ބައެއް ގައުމުތަކުން އެތަށް މިލިއަން ޑޯޒެއްގެ ވެކްސިން ހޯދުމަށް ޗައިނާގައި އެދިފައިވެސްވެއެވެ.

މިނިސްޓަރު އަހުމަދު ނަސީމްވެސް ވަނީ ރާއްޖޭގައި ކޮވިޑްޝީލް ވެކްސިން ޖަހަން ފެށި ނަމަވެސް ފައިޒާ/ބަޔޮންޓިކް ވެކްސިން ހިމެނޭހެން އެެހެން ވެކްސިންވެސް ރާއްޖެއަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.