ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިންގެ ދެވަނަ ޑޯޒް ދޭނެ ތާރީހެއް އަދި ނެތް

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު ދެވަނަ ޑޯޒް ދޭން ފަށާނެ ތާރީހު އަދި މުޅިން ފައިނަލް ނުކުރާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. 15 ދުވަސްތެރޭ 43،817 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ވަނީ ލިބިފައެވެ.

ނަމަވެސް އިތުރު ވެކްސިނެއް އަދި ނުލިބެއެވެ. ރާއްޖެއަށް ލިބިފައިވާ އެއްލައްކަ ޑޯޒް ވެކްސިނުން ދެވޭނީ 50،000 މީހުންނަށެވެ.

ވެކްސިން އޮޕަރޭޝަންގެ އިސްކޮށް ހުންނެވި މުހައްމަދު ހަމްޒަތު ވިދާޅުވީ މިހާރު ހުރި އެއްލައްކަ ޑޯޒް ވެކްސިން މެދުނުކެނޑި ދޭނެ ކަމަށެވެ. އެ ގޮތަށް ހެދުމުން ދެވަނަ ޑޯޒް ދޭން ވާއިރަށް ވެކްސިންގެ އިތުރު ޑޯޒްތަކެއް ލިބޭނެތޯ ސުވާލު ކުރުމުން ހަމްޒަތު ވިދާޅުވީ ދެވަނަ ޑޯޒް ފެށުމަށް އަދި މުއްދަތު އެބައޮތް ކަމަށެވެ.

12 ހަފްތާ ފަހުން ދެވަނަ ޑޯޒް ދެވިދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވާ ކަމަށާ ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ހަތަރު ހަފްތާ ފަހުން ނުވަތަ 12 ހަފްތާ ފަހުންތޯ ނިންމާނީ އެކަމާ ގުޅޭ ޓެކްނިކަލް ގުރޫޕުން ކަމަށްވެސް ހަމްޒަތު ވިދާޅުވިއެވެ.

"ބާރަ ހަފްތާގެ މުއްދަތު އަޅުގަނޑުމެންނަށް ލިބިގެންދާއިރު އަޅުގަނޑު މި ގަބޫލުކުރަނީ ކުރިއަށް ގެންދެވޭނެ ކަމަށް ދެވަނަ ޑޯޒް ދޭން ޖެހޭ މުއްދަތުގައި،"

ހަމްޒަތު ވިދާޅުވީ ވެކްސިން ޕްރަގްރާމް މެދުނުކެނޑޭނެ ކަމަށާ މި މަހު އިތުރު ޑޯޒް ލިބޭނެ ކަމަށެވެ.

"މި މަސްތެރޭ އަޅުގަނޑުމެންނަށް އިތުރު ޑޯޒްތަކެއް ލިބޭނެ. ނަމަވެސް މިވަގުތު އަޅުގަނޑަށް ސީދާ ލިބޭނެ ނަންބާސްތަކެއް ދަންނަވަން ދަތި،" ހަމްޒާ ވިދާޅުވިއެވެ.