ބަގީޗާގައި ގަސް އިންދަން އުޅެނިކޮށް ދިމާވި އެކްސިޑެންޓެއްގައި ސްވިޒަލެންޑްގެ އަންހެނެއްގެ ބަނޑަށް ވަޅިއެއް ހެރިއްޖެ އެވެ. މި މީހާ ބަނޑު ވަތަށް ވަޅި މައްޗަށް ވެއްޓުނު ގޮތެއް މި ޚަބަރުގައި ބުނެފައެއް ނުވެ އެވެ. އެ މީހާ އަކީ އެކަނި ދިރިއުޅޭ މީހަކަށް ވާތީ ބަޔަކު މީހުންނަށް އޭނާ ވެއްޓި ބަނޑަށް ވެޅި ހެރިފައި އޮއްވާ ފެނުނީ ވެސް އެ ހާދިސާ ހިނގިތާ އެތައް އިރެއް ފަހުންނެވެ.
އުމުރުން 83 އަހަރުގެ އަންހެންމީހާ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ސްވިސް ފުލުހުން ބުނެފައި ވެއެވެ.
އަންހެންމީހާ ބަނޑަށް ހެރުނު ވަޅީގެ ދިގުމިނުގައި 18 ސެންޓިމީޓަރު ހުއްޓެވެ. މި އަންހެންމީހާ އަށް ފަރުވާ ދިން ޑޮކްޓަރުން ލިޔެފައިވާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ދައުރުވެ އަންހެންމީހާގެ ވާހަކަ ވައިރަލްވީ އެވެ.
ޑޮކްޓަރުން މި ރިޕޯޓު ތައްޔާރުކުރީ މިއީ ވަރަށް މަދުން ނޫނީ ދިމާ ނުވާ ކަހަލަ ހާދިސާއަކަށް ވެފައި އަންހެންމީހާގެ ބަނޑަށް ވަޅި ހެރިފައި އިން އިރު އޭނާ އޮތް ނާޒުކު ހާލަތުގެ ސަބަބުންނެވެ. އަދި ފުރާނައަށް ވަރަށް ނުރައްކާވެފައި އޮތް އަންހެންމީހާ ސަލާމަތް ކުރުމުގައި ޑޮކްޓަރުންނަށް ހޯދުނު ކާމިޔާބީ މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
އަންހެންމީހާ ބަނޑަށް ވަޅިހެރިފައި އޮތް ގޮތުގެ ގްރެފިކް ފޮޓޯތަކެއް ވެސް މި ރިޕޯޓާއެކު ޝެއާ ކޮށްފައި ވެ އެވެ.
ސްވިސް ނޫހަކުން ބުނި ގޮތުގައި ވަޅި ހެރުމުގެ ސަބަބުން އެމީހާގެ ބަނޑުގެ ޑިއޯޑިނަމް، ސްޓަމަކް، އެލް4-އެލް5 ވާޓެބްރާ އަދި އިންފްރާރީނަލް އެބްޑޯމިނަލް އަޔޯޓާ އަށް ވެސް ގެއްލުން ލިބިފައި ވެއެވެ.
ވަޅި ހެރުމުން އޭނާގެ އަޔޯޓާ ވަނީ ދެ ބުރިވެފަ އެވެ. މިއީ ފުރާނަ ސަލާމަތް ކުރަން އުނދަގޫ ހާލަތެއް ކަމަށާއި މިފަދަ ކަންކަން އާންމުކޮށް ދިމާވަނީ ބަޑި ޖަހައިގެން ލިބޭ ޒަޚަމްތަކުންނާއި ވަޅި ހަރައިގެން ލިބޭ ޒަޚަމްތަކުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް މި ޚަބަރުގައި ވެއެވެ.
ބަނޑަށް ވަޅި ހެރިފައި ހުރި ގޮތުން އެހާ ފަސޭހައިން ވަޅި ނެގޭ ގޮތެއް ނުވި އެވެ. ޑޮކްޓަރުންނަށް ޖެހުނީ އަންހެންމީހާގެ ބަނޑު އެއްކޮށް ފަޅާލައިގެން ވަޅި ނަގާށެވެ. ސަބަބަކީ ވަޅި އުފުރާލާވަގުތު މާ ގިނައިން ލޭ އައިސް ލޭ މަނާ ނުވުދާނެތީ އާއި އަޔޯޓާ ބުރިވެފައިވާތީ ދިމާވެދާނެ އިތުރު ނުރައްކާތައް ބޮޑުކަމުންނެވެ.
ސާޖަރީ ހަދައި ވަޅި ނަގައި ބަނޑުގައި ހަލާކުވެފައި ހުރި ތަންތަން ފަހައި މަރާމާތު ކުރުމަށްފަހު އަންހެންމީހާ އައިސީޔޫގައި ތިން ދުވަހު ބޭއްވުމަށްފަހު ކޮޓަރިއަކަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ދެ ހަފުތާއެއްހާ ދުވަހު ހޮސްޕިޓަލުގައި އޮތުމަށްފަހު އަންހެންމީހާ ވަނީ މިހާރު ޑިސްޗާޖްކޮށްފަ އެވެ.