ލައިފްސްޓައިލް

ވެކްސިން ދޭ ނަމުގައި ދުވަސްވީ ދެމަފިރިއަކު އަތުން ފޭރިއްޖެ

އިންޑިއާގެ ހައިދަރުއާބާދު ނަރުހަކު ދުވަސްވީ ދެމަފިރިއެއްގެ ގަޔަށް ކޮވިޑް ވެކްސިން ކަމަށް ބުނެ ފޭކް އިންޖެކްޝަނެއް ޖަހައި އެ ދެމަފިރިން އަތުން 80 ގްރާމް ރަނުގެ ގަހަނާ ފޭރިއްޖެ އެވެ. އަދި މިދިޔަ ހޯމަ ދުވަހު ހައިދަރުއާބާދު ފުލުހުން ވަނީ މި ނަރުސްމީހާ ހައްޔަރުކޮށްފަ އެވެ.

މި ހާދިސާ ހިނގީ ލަލީތާ ނަގަރްގައި މިދިޔަ ހޮނިހިރު ދުވަހު އެވެ. އަނޫޝާ ނަމަކަށް ކިޔާ މި ނަރުސް ހައްޔަރުކުރީ ދެމަފިރިން ހުށަހެޅި ޝަކުވާ އާ ގުޅިގެންނެވެ.

ކޭ.ލަކްޝްމަން، 80، އަކީ ސަރުކާރު ވަޒީފާއެއްގައި ގިނަ ދުވަހު އުޅެފައި ރިޓަޔާ ވެފައި ހުރި މީހެކެވެ. އޭނާގެ އަންހެނުން ކަސްތޫރީ، 70، އާއި އޭނާ އަށް ނަރުސް މީހާ ލަނޑު ދިނީ ކޮވިޑް ވެކްސިން ޖަހައިދޭނެކަމަށް ބުނެ އޮޅުވާލައިގެންނެވެ.

ޕްރައިވެޓް ކޮލެޖެއްގައި އޮގްޒިލަރީ ނާސް މިޑްވައިފްކަން ކިޔަވަމުންދާ އަނޫޝާ އަކީ ލަކްޝްމަންގެ ދެމަފިރިން ދިރިއުޅޭ ގޭގައި ތަންކޮޅެއް ކުރިން ކުއްޔަށް އުޅުނު މީހެކެވެ. އޭނާ މި ދެމަފިރިންނަށް ގުޅައި ކޮވިޑް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސައިދީފާނެކަމަށް ބުނުމުން އެމީހުން އެކަމާ އެއްބަސްވީ އެވެ.

ހޮނިހިރު ދުވަހު ހަވީރު 3.00 ހާއިރު އަނޫޝާ އެ ގެއަށް އައިސް ލަކްޝްމަން އާއި ކަސްތޫރީގެ ގަޔަށް ކޮވިޑް ވެކްސިން އޭ ކިޔާފައި އިންޖެކްޝަނެއް ޖަހައިދިނެވެ.

"އިންޖެކްޝަން ޖެހުމުގެ ކުރިން އޭނަ ބުނި މި ޖެހީމަ ކުޑަކޮށް ނިދޭގޮތް ވާނޭ. އިންޖެކްޝަން ޖެހުމާއެކު އަހަރެމެން ދެ މީހުން ޚަބަރު ހުސްވީ. ދެން ވީ އެއްވެސް ގޮތެއް ނޭނގޭ. ހޭލެވުނުއިރު އޮތީ ރޭގަނޑު ވެފަ. އަދި ގައިގައި އަޅާފައި ހުރި ރަނުގެ ހުރިހާ ގަހަނާއެއް ނެތް. އެ ހުރިހާ އެއްޗެތީގެ ބަރުދަން ގާތްގަނޑަކަށް 8 ތޯލާ ވަރު ވާނެ،" ކަސްތޫރީ ބުންޏެވެ.

އެމީހުން ވަގުތުން ޕޮލިސް ސްޓޭޝަނަށް ގޮސް މައްސަލަ ޖެއްސުމުން ފުލުހުން ވަނީ އަނޫޝާ ހޯދައި ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި އަނޫޝާ އާއި އޭނާގެ ފިރިމީހާ އަކީ ލަކްޝްމަން މެންގެ ގޭގައި ކުއްޔަށް އުޅެފައިވާ ބަޔަކަށް ވާތީ އެ ދެމަފިރިންގެ ހުރިހާ ކަމެއް އެމީހުންނަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އެހެންވެ ފައިސާއަށް ދަތިވުމުން ގަހަނާތައް ވަގަށް ނަގަން ރާވައި އެކަން ކުރީ އެވެ.