ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން: އާބާދީގެ ނިސްބަތުން ރާއްޖެ ދުނިޔޭގެ ފަސް ވަނައަށް

Feb 16, 2021
3

އާބާދީގެ ނިސްބަތުން މިހާތަނަށް އެންމެ ގިނައިން ކޮވިޑް-19 އިގެ ވެކްސިން ދެވިފައިވާ ގައުމުތަކުގެ ލިސްޓުގެ ފަސް ވަނައަށް ރާއްޖެ އަރައިފި އެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި މިހާރު ކުރިއަށްދާއިރު އިއްޔެއާ ހަމައަށް 43،817 މީހަކަށް ވަނީ ކޮވިޑް ވެކްސިން ޖަހާފަ އެވެ. މާލެ ސަރަހައްދުން 35،289 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައިވާއިރު އަތޮޅުތަކުން 8،429 މީހަކަށް ވެކްސިން ދީފައިވެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްދާއިރު، އާބާދީގެ ނިސްބަތުން އެންމެ ގިނައިން ކޮވިޑް-19 އިގެ ވެކްސިން ދީފައިވާ ގައުމުތަކުގެ ލިސްޓުގެ ފަސް ވަނައަށް ރާއްޖެ ވަނީ އަރައިފަ އެވެ.

މިދިއަ ހަތް ދުވަހުގެ ތެރޭގައި، ކޮންމެ 100 މީހަކުން، އެވަރެޖު ގޮތެއްގައި 0.76 އަށް ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށް ދައްކަ އެވެ. އެއީ އާބާދީގެ ނިސްބަތުން މުޅި ދުނިޔެއިން ވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ފަސް ވަނައަށް އެންމެ ގިނައިން ދިން އަދަދެވެ

އެ ލިސްޓުގެ އެންމެ ކުރީގައި 1.35 އާއެކު އޮތީ އިޒްރޭލެވެ. އޭގެ ފަހަތުން، 1.07 އާއެކު ޔޫއޭއީ، 0.95 އާއެކު ޗިލީ އަދި 0.86 އާއެކު ސާބިއާ އޮތީ ރާއްޖެއަށް ވުރެ ކުރީގަ އެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މިވަގުތު 50 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ވެކްސިން ޖެހޭނެ އެވެ. އަދި 18 އަހަރުން މަތީގެ ބަލި މީހުންނަށްވެސް ވެކްސިން ދެއެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.